އަހުމަދު އަދީބް 10 އަހަރަށް ޖަލަށް !

ފިސްތޯލަ ގެންގުޅުނު ކުށް ސާބިތުވެ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ދިހަ އަހަރަށް ޖަލަށް ލުމަށް ކްރިމިނަލްކޯޓުން ހުކުމްކުރައްވައިފިއެވެ.
އަޙުމަދު އަދީބު  ފިސްތޯލައެއް ގެންގުއްވި މައްސަލާގައި ދައުލަތުން  އޭނާއާއި ދެކޮޅަށް އުފުއްލެވީ  ޓެރަރިޒަމްގެ ކުށުގެ ދައުވާއެވެ.
މި މައްސަލައިގެ ހުކުމް  ކުރުމަށް ރޭ ބޭއްވި މަޖްލިސް ކުރިޔަށް ގެންދަވާފައިވަނީ އާއްމުކޮށް ހުޅުވާނުލާ ސިއްރުކޮށްގެންނެވެ. ކުރިމިނަލް ކޯޓުން  ވިދާޅުވީ ރޭގެ މަޖްލިސްވެސް ސިއްރުކުރެއްވީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެތީކަމަށެވެ.
މި މައްސަލާގައި ކުރިމިނަލްކޯޓުން ރޭ އިއްވެވި ހުކުމްގައި ވަނީ ދައުލަތުން ހުށައެޅުއްވި ހެކިންގެ ހެކި ބަހުން އަހުމަދު އަދީބު ފިސްތޯލެއް ގެންގުޅުއްވިކަން ސާބިތުވާކަމަށެވެ. އަދި ދައުލަތުން ހުށައެޅި ސިއްރު ހެކިން ހެކިބަސްދީފައިވަނީ ސިޔާސީ މަގުސަދެއްކަމަށް އަދީބުގެ ފަރާތްޕުޅުން ވިދާޅުވި ނަމަވެސް އެކަން އަހުމަދު އަދީބަށް ޝަރީއަތުގެ މަޖްލީހަށް ސާބިތުކޮށްދެވިފައިނުވާކަމަށްވެސް ކުރިމިނަލްކޯޓުގެ ހުކުމްގައިވެއެވެ.
މި މައްސަލާގައި ދައުލަތުން  އަހުމަދު އަދީބާއި ދެކޮޅަށް ސިއްރު 3 ހެއްކެތް ހުށައަޅުއްވާފައިވާއިރު މި މީހުން ހެކިބަސް ދެމުން  ބުނެފައިވަނީ އަހުމަދު އަދީބު ދިރިއުޅުއްވިގ. ހުމަށިގޭ އެޕާރޓްމެންޓްގައި  ދެ ފިސްތޯލާއި ގޮވާތަކެތި ގެންގުޅުއްވާފައިވާކަމަށެވެ.
ފިސްތޯލު ގެންގުޅުއްވި ކުށް އަހުމަދު އަދީބުގެ މައްޗަށް ސާބިތުވެފައިވާއިރު އެމްއެމްޕީއާރުސީގެ ފަސްމިލިޔަން ޑޮލަރަށް ހިޔާނާތްވިކަމަށް ބުނެ އަހުމަދު އަދީބާއި އެނާގެ ގާތް ދެ ބޭފުޅުންކަމަށްވާ އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތާއި ހާމިދު އިސްމާއިލްގެ މައްޗަށް އުފުލާފައިވާ ދައުވާގައިވެސް ދެން އޮންނާނީ ހުކުމްކުރުމެވެ. އަދި  ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއްގޮއްވާލިކަމަށް ބުނެ އަހުމަދު އަދީބާއި އެނާގެ ދެ ބޮޑީގާރޑުން ކަމަށްވާ ހަސަން ރިކާޒާއި، އަހުމަދު އާމިރުގެ މައްޗަށް އުފުއްލަވާފައިވާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުންތައްވެސް ވަނީ ނިންމާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ