ކޯލިޝަން ކެންޑިޑޭޓާއި ގުޅޭގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފާޅުކުރެއްވި ޚިޔާލަށް ތާއީދުކުރައްވާކަމަށް އެމަނިކުފާނުގެ ޕޮލިޓިކަލް އެޑްވައިޒަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި، ޑީއާރުޕީއާއި އެމްޑީޕީގެ އިސް މަގާމުތައްވެސް ފުރުއްވާފައިވާ އަލީ ވަހީދު ވިދާޅުވީ ކޯލިޝަން ކެންޑިޑޭޓާއި ގުޅޭގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފާޅުކުރެއްވި ޚިޔާލަށް ތާއީދުކުރައްވާކަމަށެވެ. އަދި އެހެން ޕާޓީތަކުގެ ތަފާތު ޚިޔާލުތަކަށްވެސް އިހުތިރާމުކުރައްވާކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ ޚިޔާލު ތަފާތުވުމަކީ ޑިމޮކްރަސީގެ އެންމެ މުހިންމު އަސާސްކަމަށެވެ.
އަލީ ވަހީދުގެ ޓްވީޓް ނިންމަވާލައްވާފައިވަނީ "މިއަދު އުނދަގުލަސް މާދަމާ ރަނގަޅުވާނެކަމަށެވެ".
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރޭ ނެރުއްވި ބަޔާނުގައި ވިދާޅުވީ ގައުމުގެ ހާލަތު މިވަގުތު އޮތް ގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ގުޅިފައިވާ ޕާޓީތަކުން އެއްވެސް މައްސަލައެއް ނެތް ސާފު ނަމެއް ހުށަހެޅުން ވަރަށް މުހިއްމު ކަމަށެވެ.
ގާސިމް އިބްރާހީމްގެ ބަޔާނުގައި ވިދާޅުވީ މިއަދުގެ ހާލަތުން އެއްވެސް މައްސަލައެއް އޮތް ކެންޑިޑޭޓަކާއި ރަނިންމޭޓަކު ގުޅިފައިވާ ޕާޓީތަކުން ނެރުމަކީ ޖުމްހޫރީ ޕާޓީއަށް ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށެވެ. ޖުމްހޫރީ ޕާޓީއާއި އެމަނިކުފާނުވެސް ހުންނެވީ ސާފު ބޭފުޅަކާ އެކުގައި މަޝްވަރާކޮށް ކުރިއަށްދާން ތައްޔާރަށް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ހަމަ އެއާއެކު މަޝްވަރާތަކަށް އެމްޑީޕީންވެސް ހުށަހަޅަންވާނީ ފުލުސް އޮފީހުގައި ތަހުގީގެއް ނެތް، ޕީޖީ އޮފީހުގައި ފައިލްކޮށްފައިވާ މައްސަލައެއްވެސް ނެތް، އެއްވެސް ކޯޓެއްގައި ވެސް މައްސަލައެއް ނެތް އަދި އެއްވެސް ދުވަސްވަރެއްގައި ޑުއަލް ސިޓިޒެންޝިޕްވެސް ނެތް ނަމެއް ކަމަށް ވިދާޅުވެފައިވެއެވެ.
ގާސިމް އިބްރާހީމްގެ ބަޔާނުގައި ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ސާފު ކެންޑިޑޭޓަކު ނެރުމަށް ކުރެވޭ މަޝްވަރާތަކާ އެކު، ސަރުކާރާއި މަޖިލިސް ހިއްސާކުރާނެ ގޮތެއްވެސް ނިންމަން އެދިވަޑައިގަންނަވާ ކަމަށާއި، ސިޔާސީ ޕާޓީއެއްގެ ކެންޑިޑޭޓަކު ނަމަވެސް އަދި އަމިއްލަ ކެންޑިޑޭޓަކު ނަމަވެސް މަޝްވަރާކޮށްގެން ހައްލު ހޯދަން ތައްޔާރަށް ހުންނެވި ކަމަށެވެ.
ގެއްލުމެއް އޮތް ނަންތަކެއް ހުށަހަޅަން އެންމެންނަށް ގަބޫލު ކުރެވޭނަމަ ރައީސުލްޖުމްހޫރިއްޔާ ކަމަށް ރައީސް މައުމޫން އަބްދުލްގައްޔޫމް، ނާއިބު ރައީސް ކަމަށް ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ ރައީސް ކަމަށް ގާސިމް އިބްރާހީމް، މަޖިލީހުގެ ނައިބު ރައީސްކަމަށް އިބްރާހީމް މުހައްމަދު ސާލިހު، ހޯމް މިނިސްޓަރު ކަމަށް ޝެއިޚު އިމްރާން އަބްދުﷲ، ޑިފެންސް މިނިސްޓަރު ކަމަށް ކާނަލް މުހައްމަދު ނާޒިމްގެ ނަން ނިންމައި ކުރިއަށްދާންވީ ނޫންތޯއޭ ވިދާޅުވެ ގާސިމް ވަނީ ސުވާލުވެސް ކުރައްވާފައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ގުޅިފައިވާ ޕާޓީތަކުން އެއްވެސް މައްސަލައެއް ނެތް ސާފު ކެންޑިޑޭޓަކު ނެރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހުށަހެޅުއްވި ހުށަހެޅުއްވުމަށް ސިޔާސީ ގިނަ ބޭފުޅުންތަކެއް ވަނީ ތާއީދުކުރައްވާފައެވެ.
ގާސިމް ފާޅުކުރެއްވި ޚިޔާލަށް ތާއީދުކުރަން: އަލީ ވަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ