އދ.ގެ ސަލާމަތީ މަޖިލީހަށް ދާއިމީ ނޫން މެމްބަރުން ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގައި ރާއްޖެއަށް ލިބުނު ނަތީޖާއިން މި ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ރާއްޖެ ވެއްޓިފައިވާ ދަރަޖަ އެނގިގެންދާ ކުރީގައި ފޮރިން މިނިސްޓަރުކަން ކުރެއްވާފައިވާ ކަމަށް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އދގެ ހެޑްކުއާޓަރުގައި ސަލާމަތީ މަޖިލީހުގެ މެމްބަރުން ހޮވުމަށް ރޭ ނެގި ސިއްރު ވޯޓްގައި ވޯޓްލީ 190 ގައުމުގެ ތެރެއިން އިންޑޮނޭޝިޔާއަށް ލިބުނީ 144 ވޯޓެވެ. ރާއްޖެއަށް ލިބުނީ 46 ވޯޓެވެ. ގައުމަކަށް ސަލާމަތީ މަޖިލީހުގެ ގޮނޑި ކަށަވަރު ވާނީ އެންމެ މަދުވެގެން 120 ގައުމުގެ ވޯޓް ލިބިގެން އެވެ. ބޮޑު ތަނުން ރާއްޖެ ބަލިވުމާ ގުޅިގެން ސަރުކާރަށް އިދިކޮޅު ފަރާތްތަކުން އަމާޒުކުރަމުންދާ ފާޑު ކިޔުންތައް މިވަނީ އިތުރުވެފައެވެ.
އެކަމަށް އިޝާރަތް ކުރައްވާ ފޮރިން މިނިސްޓަރުގެ އިތުރުން މަޖިލީހުގެ ރައީސްކަން ވެސް ކުރިން ކުރެއްވި ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2008 ވަނަ އަހަރު ފޮރިން މިނިސްޓަރެއްގެ މަގާމުގައި ހުންނަވައިގެން 2019 - 2020 ވަނަ އަހަރަށް އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް ކުރިމަތިލުމަށް ހުށަހެޅީ ވަރަށް ފަހުރުވެރިކަމާއެކުގައި ކަމަށެވެ. ނަަމަވެސް އެންމެ 46 ގައުމުގެ ތާއީދާއެކު ވޯޓުން ނާކާމިޔާބުވުމުން މި ސަރުކާރާ ހެދި ރާއްޖެ ވެއްޓިފައިވާ ދަރަޖަ އެނގިގެންދާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
ޝާހިދުގެ އިތުރުން އެންމެ ފަހުން ފޮރިން މިނިސްޓަރުކަމުން އިސްތިއުފާދެއްވި ދުންޔާ މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި އދ. ގެ ހިއުމަން ރައިޓްސް ކައުންސިލަށް ރާއްޖެ ދެ ފަހަރަކަށް އިންތިހާބުވި ކަމަށާއި ނަމަވެސް މިރޭ ސަލާމަތީ މަޖިލީހުގެ ވޯޓުން ލިބުނު ނަތީޖާއިން އެނގެނީ އިސްލާހުތައް ގެންނަން ވަރަށް މަަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން މިނިވަން އަންސާފުވެރި އަދުލްއިންސާފުގެ ނިޒާމެއް ގާއިމް ކުރަން ޖެހޭ ކަމަށާއި ބައިނަލްއަގުވާމީ ގޮތުން ރާއްޖޭގެ އަގު އަލުން އުފުލަން މަސައްކަތް ކުރަން ޖެހޭ ކަމަށްވެސް ކުރީގެ ރައީސް މައުމޫނުގެ ދަރިކަނބަލުން ދުންޔާ ވިދާޅުވި އެވެ.
އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެ ވާދަ ކުރި އިރު މި ސަރުކާރުން އެތަށް ކަމެއް އިސްލާހު ކުރުމަށް އެ ޖަމިއްޔާއިން ވަނީ ނިންމާފަ އެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ ކަންކަމަށް ރާއްޖެއިން އަމަލު ނުކޮށް ވަނީ ދެކޮޅު ހަދައިފަ އެވެ.
މި ސަރުކާރާ ހެދި ރާއްޖެ ވެއްޓިފައިވާ ދަރަޖަ އެނގިގެން ހިނގައްޖެ: އަބްދުﷲ ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ