އެމްއެޗް370 ހޯދާ ކުންފުނީގެ މަސައްކަތް ނިންމާލައިފި

ކުއާލަ ލަމްޕޫރު (މެއި 29) - ގެއްލިފައިވާ މެލޭޝިއަން އެއާލައިންސްގެ ފްލައިޓް އެމްއެޗް370 ހޯދުމުގެ މަސައްކަތް ކުރާ އަމިއްލަ ކުންފުނި، އެމެރިކާގެ އޯޝަން އިންފިނިޓީގެ މަސައްކަތް މިއަދު ރަސްމީކޮށް ނިމުމަކަށް ގެނެސްފި އެވެ.
ބޯޓު ހޯދުމުގެ މަސައްކަތް ހުއްޓާލި އިރު ބޯޓާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެ އެވެ. މެލޭޝިއާ ސަރުކާރުން ބުނެފައި ވަނީ އެމްއެޗް370 ހޯދަން އިތުރު މަސައްކަތެއް ކުރުމުގެ ޕްލޭނެއް ނެތް ކަމަށެވެ.
އެމްއެޗް370 ހޯދަން، ކަނޑުއަޑި ބަލައި ހޯދުމުގެ އެމެރިކާގެ ތަޖްރިބާކާރު ކުންފުނި އޯޝަން އިންފިނިޓީއާ އެކު މެލޭޝިއާ އިން ސޮއިކުރީ ޖެނުއަރީ މަހު އެވެ. އެމްއެޗް370 ހޯދުމަށް އޯޝަން އިންފިނިޓީން ވަނީ އިންޑިއާ ކަނޑުގެ ދެކުނުން ކުރިން ބެލި ސަރަހައްދުގެ އުތުރުން 80،000 އަކަ ކިލޯމީޓަރު (30،888 އަކަ މޭލު)ގެ ސަރަހައްދެއް ބަލައިފަ އެވެ. ބޯޓު ހޯދަން ވަނީ އަށް މިނީ ސަބްމެރިން ބޭނުންކޮށްފަ އެވެ.
އަގު ދިނުމަށް އެއްބަސްވެފައި ވަނީ ބޯޓު ފެނިއްޖެ ނަމަ ބޯޓު ފެނުނު ސަރަހައްދަށް ބަލައިފަ އެވެ. އެ ގޮތުން 5،000 އަކަ ކިލޯ މީޓަރުގެ ސަރަހައްދަކުން ފެނިއްޖެ ނަމަ އޯޝަން އިންފިނިޓީ އަށް ދޭނީ 20 މިލިއަން ޑޮލަރެވެ. ބޯއިން 777 ބޯޓު 25،000 އަކަ ކިލޯ މީޓަރުގެ ސަރަހައްދުން ބޭރުން ފެނިއްޖެ ނަމަ ދޭނީ 70 މިލިއަން ޑޮލަރެވެ. ބޯޓު ނުފެނިއްޖެ ނަމަ އެއްވެސް ފައިސާއެއް ދޭކަށް ނުޖެހޭނެ އެވެ.
ކުއާލަ ލަމްޕޫރު އެއާޕޯޓުގައި ހަރުކޮށްފައިވާ މެސެޖް ބޯޑެއްގައި މީހަކު މެސެޖެއް ލިޔަނީ. --ފޮޓޯ: ރޮއިޓާސް
އެމްއެޗް370 ހޯދުމަށް ކަނޑުއަޑީގެ 120،000 އަކަ ކިލޯ މީޓަރު (46،000 އަކަ މޭލު) ގެ ސަރަހައްދެއް ކުރިން ވެސް ވަނީ ބަލައިފަ އެވެ.
މާޗު ،2014 ގައި މެލޭޝިއާ އިން ފުރައިގެން 239 މީހުންނާ އެކު ޗައިނާ އަށް ދަތުރުކުރި ބޮއިން 777 ގެ މަތިންދާ ބޯޓު ގެއްލުނު ފަހުން ބޯޓާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެ އެވެ. ބޯޓުން ދަތުރުކުރީ ޗައިނާގެ 153 މީހުންނާއި މެލޭޝިއާގެ 38 މީހުންގެ އިތުރުން އެމެރިކާ، އީރާން، ކެނެޑާ، އިންޑޮނީޝިއާ، އޮސްޓްރޭލިއާ، އިންޑިއާ، ފްރާންސް، ނިއު ޒީލެންޑް، ޔޫކްރޭން، ރަޝިޔާ، ޓައިވާން އަދި ނެދަލޭންޑްސް މީހުންނެވެ. ބޯޓުގެ 12 ކްރޫންނަކީ މެލޭޝިއާ މީހުންނެވެ.
ބޯޓު ހޯދަން އިންޑިއާ ކަނޑުގެ ސަރަހައްދު ބެލުމަށް މެލޭޝިއާ، ޗައިނާ އަދި އޮސްޓްރޭލިއާ ގުޅިގެން ކުރަމުން ދިޔަ މަސައްކަތް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ވަނީ ހުއްޓާލައިފަ އެވެ. ގާތްގަނޑަކަށް 1،046 ދުވަހަށް ފަހު މަސައްކަތް ހުއްޓާލި އިރު ވަނީ 200 މިލިއަން އޮސްޓްރޭލިއަން ޑޮލަރު ޚަރަދުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ