ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ދައްކަންޖެހޭ ބޮޑުކުރަން މަޖިލީހުގެ އިންތިޚާބުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ޕީޕީއެމަށް ނިސްބަތްވާ ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ހުށަހެޅުއްވި ބިލްގައި މަޖިލީހުގެ އިންތިޚާބުގެ ގާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ މެމްބަރު ކަމަށް ކުރިމަތިލުމަށް މިހާރު ދައްކަންޖެހޭ 5،000ރ. ގެ ބަދަލުގައި 15،000ރ. ދައްކަންޖެހޭ ގޮތަށް ބަދަލު ކުރުމަށެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މިމަހުގެ 10 ވަނަ ދުވަހު އެ ބިލް ފާސްކުރީ އެއްވެސް ބަދަލެއް ބިލަށް ގެނައުމެއް ނެތި، ހުށަހެޅި ގޮތަށެވެ. އެ ބިލާ މެދު ދެން އޮންނާނީ މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމުމެވެ.
އެ ބިލް ހުށަހެޅި ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ އިންތިޚާބުތަކާ ބެހޭ ކަންކަން ހަރުދަނާ ކުރުމަށާއި އިންތިޚާބުތަކަކީ މިނިވަން އަދި އިތުބާރު ކުރެވޭ އިންތިޚާބުތަކަކަށް ހެދުމަށް ކަމަށެވެ.
މަޖިލީހުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފީ ބޮޑުކުރަން ހުށަހެޅި ބިލް ކޮމެޓީން ފާސް ކުރިއިރު، ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފީ ވެސް 40،000ރ. އިން 100،000ރ. އަށް ބޮޑުކުރުމަށް ރިޔާސީ އިންތިޚާބުގެ ގާނޫނަށް އިސްލާހު ގެނެސް ދާދިފަހުން ވަނީ ފާސްކޮށްފަ އެވެ. އެ ބިލް ތަސްދީގު ކުރެއްވުމުން މިހާރު ވަނީ ގާނޫނަކަށް ވެސް ވެފަ އެވެ.
މެމްބަރު ކަމަށް ކުރިމަތިލުމުގެ ފީ ބޮޑުކުރަން ހުށަހެޅި ބިލް މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ