ފަނޑިޔާރުންނަށް ރުހުން ދިން ޖަލްސާގައި އިދިކޮޅު މެންބަރުން ބައިވެރިވުމަށް ގާސިމް އެދިވަޑައިގަތުމުން ތާއީދެއް ނުލިބުނު

އުއްތަމަ ފަނޑިޔާރު އަދި ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން އައްޔަނު ކުރުމަށް ރުހުން ދިނުމަށް މިރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވަޑައިގަތުމަށް ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހިމް އެދިވަޑައިގަތް ނަމަވެސް އެ ހުށަހެޅުމަށް އިދިކޮޅު ޕާލިމެންޓްރީ ގްރޫޕުގައި ތާއިދެއް ނުލިބުނެވެ. މިރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އަދި ސުޕްރީމް ކޯޓުން ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ހައިކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ އަބްދުﷲ ދީދީއާއި، އަބްދުލްޣަނީ މުހައްމަދު އައްޔަނު ކުރުމަށް ވަނީ ރުހުން ދީފައެވެ. މަޖިލީހުގެ ޖަލްސާ ނިމުނު ވަގުތު އެސަރަހައްދުގައި ހުންނަވައި އިދިކޮޅު ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ކެންދޫ ދާއިރާގެ ޖުމްހީރީ ޕާޓީގެ މެންބަރު އަލީ ހުސައިން ވިދާޅުވީ މިރޭގެ ޖަލްސާގައި ބާއަވެރިވެވަޑައިގެން އެ މެންބަރަކަށް ފެންނަ ގޮތަކަށް ވޯޓުދެއްވުމަށް ގާސިމް އެދިވަޑައިގަތް ކަމަށާއި ނަމަވެސް އެ ހުށަހެޅުމަށް ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕްގެ ތާއީދު ލިބިފައި ނުވާ ކަމަށެވެ. "އެ ޚިޔާލަކަށް އަޅުގަނޑުމެނަށް ތާއީދެއް ނުލިބުނު. ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕްގެ ގިނަ މެންބަރުން ނިންމެވީ އަޅުގަނޑުމެން ހަމަ ކުރިން ވެސް އަމަލުކުރަމުން އައި ގޮތަށް މަޖިލީހުގެ ތަޅުމަށް ނުވަނުމަށް. ޑިމޮކްރެޓިކް އުސޫލުގެ ތެރެއިން އަޅުގަނޑުމެން ވެސް ޑިމޮކްރެސީއަށް ތަބާވުމުގެ ގޮތުން އަޅުގަނޑުމެން އެގޮތަށް ނިންމައި މަޖިލީހަކަށް ނުވަންނަން،" އަލީ ހުސައިން ވިދާޅުވިއެވެ. މަކުނުދޫ ދާއިރާގެ އަދާލަތު ޕާޓީ މެންބަރު އަނާރާ ނައީމް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން އެއް ޕާޓީން އަނެއް ޕާޓީގެ ޚިޔާލުތަކަށް އިޚްތިރާމް ކުރާ ކަމަށެވެ. މަޖިލީހުގެ ތަޅުމަށް ނުވަންނަން މީގެ ކުރިން ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕުން ނިންމާފައިވާތީ އެ ސްޓޭންޑް ބަދަލުކުރަން ޖެހޭ ހާލަތެއް އަދި އައިސްފައިނުވާ ކަމަށް ގިނަ މެންބަރުން ފާހަގަ ކުރެއްވި ކަމަށް އަނާރާ ވިދާޅުވިއެވެ. އެ ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ވާހަކަފުޅު ދެއްކެވި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕްގައި އަމަލުކުރަމުންދަނީ އިދިކޮޅު ހަތަރު ލީޑަރުންގެ ފަރާތުން ވެސް ހުށަހަޅާ ޚިޔާލުތަކަށް ބަހުސްކޮށް ގިނަ މެންބަރުންނަށް ފެންނަ ގޮތަކަށް ކަމަށެވެ. މިރޭގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންނަށް ރުހުން ދިނުމަށް ފާސްކޮށްފައިވަނީ ޕީޕީއެމް އަދި އެމްޑީއޭ ކޯލިޝަންގެ ޕާލިމެންޓްރީ ގްރޫޕްގެ 36 މެންބަރުންގެ ވޯޓުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ