އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހަންމަދު ނަޝީދު އަށް 95 ހާސް ވޯޓް ލިބޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އިންތިހާބުގައި އެންމެ ގިނަ ވޯޓް ލިބޭނީ، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީ އޮފީހުގައި ރަނިންމޭޓް ޑރ. ހަސަން ސައީދު އާއި އެކު ނޫސްވެރިންނަށް ބައްދަލު ކުރައްވައި ގާސިމް ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިހާބެއްނަމަ އެންމެ ގިނަ ވޯޓް ލިބިވަޑައިގަންނަވާނީ އޭނާއަށް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ރައީސް ނަޝީދަށް 95224 ވޯޓް ލިބިވަޑައިގަންނަވާނެކަމަށް ގަބޫލުނުކުރައްވާކަމަށް ގާސިމް ވިދާޅުވިއިރު، ގާސިމަށް ލިބިވަޑައިގެންނެވިކަމަށް ވަގުތީ ނަތީޖާއިން ދައްކަނީ 50422 ވޯޓެވެ. އެއީ ނަޝީދަށް ވުރެ 44802 ވޯޓް މަދު އަދަދެކެވެ.
ދެވަނަ ބުރުގައި ވާދަ ކުރައްވާ ކެންޑިޑޭޓަކާ ކޯލިޝަން ހައްދަވާނަންތޯ ނޫސްވެރިއަކު ސުވާޅުކުރުމުން ގާސިމް ވިދާޅުވީ "އެވާހަކަ ދައްކާނީ ފަހުން" ކަމަށެވެ. އެގޮތުން ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ، އެމައްސަލަ ކޯޓަށް ވެއްދުމަށް ގާސިމް އަންނަނީ ތައްޔާރުވަމުންނެވެ.
ނޫސްވެރިންނާއި ބައްދަލު ކުރެއްވުމުގެ ކުރިން ގާސިމް ވަނީ އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރޮބީ ބްލޮޗުއާ އާއި ބައްދަލު ކުރައްވާފައެވެ.
ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން 95،224 ވޯޓް ހޯއްދަވައިގެން އެއްވަނާގައި ރައީސް ނަޝީދު އުޅުއްވާއިރު ދެވަނާގައި އުޅުއްވަނީ 53،099 ވޯޓާއި އެކު ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމިން އެވެ. ގާސިމް އުޅުއްވަނީ 50،422 ވޯޓާއި އެކު ތިން ވަނާގައެވެ. އެންމެ ފުލުގައި އުޅުއްވަނީ 10،750 ވޯޓާއި އެކު ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު އެވެ.
ރިޔާސީ އިންތިހާބުގައި ވޯޓްލުމުގެ ހައްގު 239593 މީހުންނަށް ލިބިފައިވާއިރު ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި ވޯޓްލާފައިވަނީ 211890 މީހުންނެވެ.
ރައީސް ނަޝީދަށް 95 ހާސް ވޯޓެއް ނުލިބޭނެ، އެއްވަނަ ލިބޭނީ އަޅުގަނޑަށް: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ