ނުރައްކާތެރި ހާލަތްތަކާ ކުރިމަތިލުމަށް ޒަމާނީ ތަމްރީނާއި ވަސީލަތްތައް ފުލުހުންނަށް ފޯރުކޮށްދިނުމަކީ ބޭނުންތެރިކަމެއް: ގާސިމް

ފުލުހުންނަށް ކުރިމަތިވަމުންދާ ނުރައްކާތެރި ހާލަތްތަކާ ކުރިމަތިލުމަށް ޒަމާނީ ތަމްރީނާއި ފުރިހަމަ ވަސީލަތްތައް ހުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އިއްޔެ ފާހަގަކުރި ފުލުހުންގެ މެމޯރިއަލް ޑޭގެ މުނާސަބަތުގައި އިއްޔެ ނެރުއްވި ބަޔާނެއްގަ އެވެ.
ގާސިމް އިބްރާހީމްގެ ބަޔާނުގައި ވިދާޅުވީ ފުލުހުންނަށް ކުރިމަތިވަމުންދާ ނުރައްކާތެރި ހާލަތްތަކާ ކުރިމަތިލުމަށް ފުލުހުންނަށް ޒަމާނީ ތަމްރީނު ދިނުމާއި ކަމަށް ބޭނުންވާ ފުރިހަމަ ވަސީލަތްތައް ހަމަޖެހިގެން ދިއުމާއި ފުލުހުންގެ ސަފުތަކުގެ ބަދަހިކަމަށް ބޭނުންވާ އެހެނިހެން ހިދުމަތްތައް ފުރިހަމަވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އަދި އެއީ ފުލުހުންގެ ޒަމާނީ ހިދުމަތްތަކަށް ބޭނުންވެފައިވާ މިފަދަ ވަގުތެއްގައި ކަމާ ގުޅުންހުރި ފަރާތްތަކުން އަދާކޮށްދޭންޖެހޭ ވާޖިބެެއް ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ފުލުހުންނަށް ކުރިމަތިވާ ކޮންމެ ހާލަތަކާއި ނުރައްކާތަކަކާ ކުރިމަތިލާ ރައްޔިތުންގެ ހިމާޔަތުގައި ފުލުހުން ކުރާ އަގުހުރި މަސައްކަތްތަކާއި ވަމުންދާ ގުރުބާނީ ފާހަގަކޮށް ފުލުހުންގެ އާއިލާތަކުން ފުލުހުންނަށް ދޭ ހިތްވަރާއި އެހީތެރިކަން ނުހަނު އިހުލާސްތެރިކަމާއެކު ބަލައިގަންނަ ކަމަށެވެ.
"ރާއްޖޭގެ ފުލުހުންގެ ތާރީހަށް ބަލާއިރު ގައުމީ ހިދުމަތުގައި ދެމިތިއްބަވަނިކޮށް ވަރަށްގިނަ ފުލުހުން ވަނީ ބޮޑެތި އަނިޔާތަކާއި ގެއްލުންތައް ލިބި މިދުނިޔެއާ ވަކިވެފަ އެވެ. އަދި ވަރަށް ގިނަ ބަޔަކު ވަނީ އެފަދަ އަނިޔާތަކުގެ ސަބަބުން އަހަރުތަކަށް ދެމިގެންދާ ހިތާމަޔާއި ހިތްދަތިކަން ތަހައްމަލްކުރަން ޖެހިފަ އެވެ. ނަމަވެސް މިއިން ކޮންމެ ހާލަތަކާ އަދި ނުރައްކާތަކަކާވެސް ކުރިމަތިލައި، ދިވެހި ފުލުހުން ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ހިމާޔަތުގައި ކުރާ އަގުހުރި މަސައްކަތާއި ވަމުންދާ ގުރުބާނީ އަޅުގަނޑު ފާހަގަކުރަމެވެ،" ކުރިން ހޯމް މިނިސްޓަރު ކަން ވެސް ކުރައްވާފައިވާ ގާސިމްގެ ބަޔާނުގައިވެ އެވެ.
ރާއްޖޭގެ އަމަންއަމާންކަން ގާއިމުކުރުމުގައި ފުލުހުން އަދާކުރަމުންގެންދާ ރޯލް އަދާކުރުމުގައި އެންމެ ފިޔަވަޅެއްވެސް ފަހަތައް ނުޖެހި ރައްޔިތުންގެ ހިދުމަތުގައި ކުރަމުން ގެންދާ ބުރަ މަސައްކަތްތައް ކުރުމުގައި ކަތި ފިޔަވަޅެއް ނާާޅައި ކުރިއަށް ގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ގާސިމް އިބްރާހީމް ވިދާޅުވެފައިވެ އެވެ. އަދި ފުލުހުންގެ ހިދުމަތުގައި ދެމި ތިއްބަވަނިކޮށް ޝަހީދުވެ ދިޔަ ފުލުހުންނަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުން އެދި ގާސިމް އިބްރާހީމްގެ ބަޔާނުގައި ވަނީ ދުއާ ކުރައްވަވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ