ކެނދޫއިން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެ ރައްޔިތުން ހާލުގައި

ބ. ކެންދޫއިން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެ ރައްޔިތުން ހާލުގައި ޖެހިފައިވާކަމަށް ކައުންސިލުން ބުނެފިއެވެ.
ކެނދޫއަށް ދިމާވެފައިވާ ކަރަންޓުގެ ދަތިކަމާއި ބެހޭ ގޮތުން ކައުންސިލުގެ ރައީސް އަބްދުލް މުހްސިން އަބޫބަކުރު ވިދާޅުވީ ގިނަ ވަގުތު ކަރަންޓާއި ނުލާ ދިރިއުޅެން ޖެހޭތީ ރަށު ރައްޔިތުން އުޅެނީ ވަރަށް ހާލުގައި ކަމަށާއި އިރުކޮޅުކޮޅަށް ކަރަންޓު ކެނޑޭތީ ރައްޔިތުން ގެންގުޅޭ އިލެކްޓްރޯނިކް ސާމާނުތައްވެސް ހަލާކުވެފައިވާކަމަށެވެ.
"އަޅުގަނޑުމެން މިއުޅެނީ ވަރަށް ހާލުގައި އިނގޭތޯ. ގިނަ ދުވަސް ދުވަހު ހެނދުނު ނުވައެއް ޖަހާއިރު ކަރަންޓު ކަނޑައިގެން ދާ ގޮތަށް ދެން އަންނާނީ ރޭގަނޑު ދަންވަރު އެކެއް ޖަހާއިރު. ބައެއް ދުވަސް ދުވަހު މެންދުރު ދޭއް ޖަހާއިރު ކަރަންޓު ގޮސް ދެން ކަރަންޓު އަންނަނީ ދަންވަރު ތިނެއް ޖަހާއިރު. އެހެން ވީމަ އަޅުގަނޑުމެން ރަށު ރައްޔިތުން މިތިބީ ހާލުގައި ޖެހިފައި،" އަބްދުލްމުހުސިން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކަރަންޓު ކެނޑެން މެދުވެރެވާ ސަބަބަކީ އެރަށު އިންޖީނުގޭގައި ހުރި ޖެ ޖަނެރޭޓަރުވެސް އޯވަލޯޑް ވުމުން ކަމަށާއި އަދި އެހެން ވާން ދިމާވާ މައްސަލައަކީ އެޖަނެރޭޓަރުތަކަށް ބޭނުންވާ ސާވިސް ނުކުރާތީ ކަމަށެވެ.
އާބާދީގައި 1000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ކެންދޫގައި މުޅި ރަށަށް ކަރަންޓު ފޯރު ކޮށްދޭން ހުރީ 40 ކިލޯވޯޓުގެ ޖަނަރޭޓަރަކާއި 80 ކިލޯވޯޓުގެ ޖަނަރޭޓަރެކެވެ. އަދި އެރަށަށް މެދުނުކެނޑޭ ގޮތަށް ކަރަންޓު ފޯރުކޮށްދޭން މަދުވެގެން 130 ކިލޯވޯޓުގެ ޖަނަރޭޓަރެއް ބޭނުންވާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
މިދިޔަ ހަފްތާތެރޭގައިފެނަކާގެ ފަރާތުން އެއަތޮޅު ދަރަވަންދޫގައި ހުރި ޖަނަރޭޓަރެއް އެރަށަށް ގެނެސްގެން ކަރަންޓު ފޯރުކޮށްދޭން މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެޖަނަރޭޓަރު ގެނައި އިރުވެސް ހުރީ ހަލާކުވެފައިކަމަށް އޭނާ ވިދާޅުވިއެވެ.
ކެންދޫއިން ކަރަންޓް ކެނޑޭމައްސަލާގައި ފެނަކާއިން ބުނީ ކެންދޫއަށް ދިމާވެފައިވާ ކަރަންޓް މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެއަތޮޅު ދަރަވަނދޫއިން 120 ކިލޯވޯޓުގެ ޖަނެރޭޓަރެއް ގެނެސްގެން ކަރަންޓުގެ ހިދުމަތް ދޭން މަސައްކަތް ކޮށްފައިވާކަމަށާއި ނަމަވެސް އެ ޖަނެރޭޓަރުގައިވެސް މައްސަލަތަކެއް ހުރުމާއި އެކު އެކަން ކުރެވިފައި ނުވާކަމަށް ފެނަކައިން ބުނެއެވެ.
ފެނަކާއިން މައުލޫމާތު ދިން އޮފިޝަލް ވިދާޅުވީ ކެންދޫ ރައްޔިތުންނަށް ދިމާވެފައިވާ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން މިއަދު އެރަށަށް 180 ކިލޯ ވޯޓުގެ ޖަނެރޭޓަރެއް ފޮނުވަން ނިންމާފައިވާކަމަށެވެ. އަދި ހަތަރު ދުވަސް ތެރޭގައި ކަރަންޓުގެ މައްސަލަ ހައްލުވާނެކަމަށް އޭނާ ވިދާޅުވިއެވެ.
"މިއަދު އެބަ ފޮނުވަން 180 ކިލޯވޯޓުގެ ޖަނެރޭޓަރެއް ކެންދޫއަށް. ހަތަރު ދުވަސް ތެރޭގައި އެ ޖަނެރޭޓަރު އިންސްޓޯލް ކޮށް ނިމޭނެ. އޭރުން ކެންދޫގެ ރައްޔިތުންނަށް ދާއިމީ ހައްލެއް ލިބިގެންދާނެ،" ސީއެންއެމްއަށް މައުލޫމާތު ދިން އޮފިޝަލް ވިދާޅުވިއެވެ.
ބ. ކެނދޫއަށް ކަރަންޓުގެ ދަތިކަމާއި ކުރިމަތިވެފައިވާއިރު ދާދި ފަހުން ނ. މަނަދޫގައި ވެސް ކަރަންޓު މައްސަލާގައި ވަނީ މުޒާހަރާ ކޮށްފައެވެ. އެ ނޫން ބައެއް ރަށްރަށުގައިވެސް ކަރަންޓުގެ މައްސަލަ ކުރިމަތިވެފައިވާކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ