ސިންގަޕޫރު ކޯޓުން ކުރިން ނެރެފައިވާ އަމުރު ޞައްޙަ - ޖީއެމްއާރު

ޖީއެމްއާރުން ސިންގަޕޫރުގެ ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މައްޗަށް މީގެކުރިން ނެރެދެއްވާފައިވާ އަމުރު ބާޠިލްކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން ހުށަހެޅި މައްސަލަ އެ ކޯޓުން މިދިއަ ހޯމަދުވަހު ބާޠިލްކޮށް ކުރިން ނެރެފައިވާ އަމުރުގެ ޞައްޙަކަން ކަށަވަރުކޮށްދެއްވާފައި ކަމަށް ޖީއެމްއާރުން ބުނެފިއެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގަމުން އަންނަ ޖީއެމްއާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖީ.އެމް.އާރ. މާލޭ އިންޓަރނެޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސިންގަޕޫރުގެ ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މައްޗަށް 23 ޖުލައި 2012 ވަނަ ދުވަހު އެ ކޯޓުން ނެރެދެއްވާފައިވާ އަމުރު ބާޠިލްކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން ހުށައެޅި ކަމަށެވެ.
ޖީއެމްއާރުން ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ދުވަހު ސިންގަޕޫރު ހައި ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ، ޖީއެމްއާރުގެ ބަޔާނުގައިވާ ގޮތުން، ސިޓީގައި ބުނާ އެއްވެސް ކަމެއް ހުއްޓުވުމުގެ އެއްވެސް ކަމެއް އެމްއޭސީއެލް އިން ރާއްޖޭގެ ސިވިލް ކޯޓުގައި ކުރިއަށް ނުގެންދިއުމަށެވެ.
އެ އަމުރުގައި ވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން 5 ޖެނުއަރީ 2012 ދުވަހު ފޮނުވައިފައިވާ ސިޓީގައި ވާ ގޮތުގެ މަތިން އެއަރޕޯޓް ޑިވެލޮޕްމަންޓް ޗާޖާއި އިންޝުއަރެންސް ސާރޗާޖް، ޖީ.އެމް.އާރ. މާލެ އިންޓަރނެޝަނަލަ އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްއިން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއަށް ދައްކަން ޖެހޭ އެންމެހާ ފައިސާއަކުން އަޅާ ކެނޑުމަށް އެއްބަސްވެފައިވާ އެއްބަސްވުން ބާޠިލްކޮށް އެ ކަން ހުއްޓުވުމަށް އެއްވެސް ޢަމަލެއް ދިވެހިރާއްޖޭގެ ސިވިލް ކޯޓުގައި ކުރިއަށް ނުގެންދިއުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މައްޗަށް އަމުރުކޮށް އަންގާފައި ކަމަށެވެ.
“އެ ސިޓީއާއި ގުޅިގެން ދެ ފަރާތު ދެމެދު އުފެދިފައިވާ ޚިލާފް ކޮންޝެޝަން އެގްރީމެންޓުގައިވާ ފަދައިން މިހާރު ވަނީ އާރބިޓްރޭޝަނަށް ހުށަހެޅިފައެވެ. އިސްވެ ދެންނެވުނު އަމުރު ބާޠިލްކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ސިންގަޕޫރުގެ ހައިކޯޓަށް ހުށަހަޅާފައިވަނީ އޮކްޓޯބަރު 2012 ގައެވެ." ޖީއެމްއާރުން ނެރުނު ބަޔާނުގައިވެ އެވެ.
އެހެންކަމުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އިސްވެ ދެންނެވުނު 5 ޖަނަވަރީ 2012 ވަނަ ދުވަހުގެ ސިޓީގެ ޞައްޙަކަމާ މެދު އުފައްދާފައިވާ މައްސަލައިގައި ގޮތެއް ނިންމާނީ ސިންގަޕޫރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އާރބިޓްރޭޝަނުން ކަމަށް ވެސް ޖީއެމްއާރުން ނެރުނު ބަޔާނުގައިވެ އެވެ.
ޖީއެމްއަރުން މިކަން ހާމަކޮށްފައިވަނީ 19 ނޮވެމްބަރު 2012 ދުވަހު ސިންގަޕޫރުގެ ހައިކޯޓުން ނެރުއްވާފައިވާ އަމުރާ ގުޅިގެން މީޑިއާގައި ބައެއް ފަރާތްތަކުން ހާމަކޮށްފައިވާ ވާހަކަތަކާ ގުޅިގެން ޢާންމުންނަށް ކަމުގެ ޙަޤީޤަތް އޮޅިދާނެ ކަމަށް ފެންނާތީ، އެ ކަން ސާފުކޮށްދިނުމުގެ ގޮތުން ކަމަށް އެކުންފުނިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ