އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލައިގައި ކުރި ހުކުމް އިސްތިއުނާފު ކުރަނީ

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ)ގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުން ސިވިލް ކޯޓުން ބާތިލްކުރުމުން އެކަން އިސްތިއުނާފްކުރަން އެކޮމިޝަނުން ނިންމައިފި އެވެ.
އޭނާގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތުނުވާ ކަމަށް ހުކުމްކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު ނަޝީދު ސަރުކާރާ ގުޅޭގޮތުން ދިޓީވީގައި އަބްދުﷲ ގާޒީ ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
އެ ނިންމުމަކީ ރަނގަޅު ނިންމުމެއްކަމަށް ކޮމިޝަނުން ނިންމި ނިންމުން ބާތިލްކޮށް ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ މިދިޔަ ޖުލައި 25 ވަނަ ދުވަހު އެވެ.
ޖޭއެސްސީގެ މީޑިއާ އޮފިޝަލް ހަސަން ޒަހީން ވިދާޅުވީ އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލައިގައި ސިވިލް ކޯޓުގެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފް ކުރަން ޖޭއެސްސީން ނިންމިތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ.
ސުލޫކީ މައްސަލައިގެން ނިންމުން އަބްދުﷲ ގާޒީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން، އެ މައްސަލަ ނިމެންދެން އަބްދުﷲ ގާޒީއާމެދު އެއްވެސް ފިޔަވަޅެއް ނޭޅުމަށް ވެސް ސިވިލް ކޯޓުން އޭރު ވަގުތީ އަމުރެއް ނެރެފައިވެ އެވެ.
ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ އަބްދުﷲ ގާޒީގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލަ ސާބިތުވާކަމަށް ކަނޑައެޅުމުގައި، ޖޭއެސްސީގެ ތަހުގީގު ކޮމެޓީން ރިއާޔަތްކުރި ހެކީންގެ ބަޔާންތަކަށް ބަލާއިރު އެއިން އެއްވެސް ބަޔާނަކުން ދިޓީވީގެ ޚަބަރުގައި ކިޔާފައިވާ އިބާރާތް އަބްދުﷲ ގާޒީ ވިދާޅުވިކަމަށް އެނގެން ނެތްކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ