ކޯނީގެ ރިޕޯޓުން ހަގީގަތް ހާމަވެއްޖެ - މައުމޫން

ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ) އިން ނެރުނު ރިޕޯޓުން ފެބްރުއަރީ 7 ވަނަ ދުވަހު ކަން ހިނގައިދިޔަ ގޮތް ހާމަވެގެން ގޮސްފައިވާ ކަމަށް ޕީޕީއެމްގެ އިންތިގާލީ ރައީސް އަދި ކުރީގެ ރައީސް މައުމޫން ވިދާޅުވެއްޖެ އެވެ.
މައުމޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިޔައީ ގާނޫނީ ހަމަތަކުގެ މަތިންކަމަށް ނިންމެވީތީ އުފާކުރައްވާ ކަމަށެވެ.
އަދި ރައްޔިތުން އަދި ހާއްސަކޮށް ޕީޕީއެމްގެ މެމްބަރުން ކުރި ބުރަ މަސައްކަތުގެ ސަބަބުން، ގާނޫނީ ހަމަތަކުގެ މަތިން ރައީސް ނަޝީދުގެ "އަނިޔާވެރި" ވެރިކަން ބަދަލުވެގެން ދިޔަކަމަށްޓަކައި މާތްﷲ ހަޒުރަތަށް ހަމްދާއި ޝުކުރު ދަންނަވާ ކަމަށެވެ.
"މިއަދު ކޯނީން ނެރުނު ރިޕޯޓުން ވެސް 7 ފެބުރުއަރީގައި ވެރިކަން ބަދަލުވެގެން ދިޔައީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށް ނިންމެވޭތީ އަޅުގަނޑު ވަރަށް އުފަކޮށްފީމެވެ. އެއީކަން ހިނގާދިޔަ ގޮތުގެ ހަގީގަތް އެރިޕޯޓުން ހާމަކޮށްދެއްވާފައިވަތީ އެވެ،" މައުމޫނު ނެރުއްވި ބަޔާނުގައިވެ އެވެ.
މައުމޫން ވަނީ އިއްތިހާދުގެ އެހެން ޕާޓީތަކުގެ ލީޑަރުންނާއި މެމްބަރުން ކުރި ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ