އަންހެނުންގެ ބައިވެރިވުން އިތުރުކުރަން އެއްވެސް އިރެއްގައި ދެކޮޅެއް ނުހަދަން: ގާސިމް އިބްރާހިމް

ސިޔާސީ މައިދާނުގައާއި، އެހެން މައިދާންތަނުގައި އަންހެން ބޭފުޅުންގެ ބައިވެރިވުން އިތުރުކުރަން އެއްވެސް އިރެއްގައި ދެކޮޅު ނުހައްދަވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް އިބްރާހިމް މިހެން ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ "ރަތްފިޔަ" އިފްތިތާހް ކުރުމަށް ހޯމަދުވަހުގެރޭ ޖޭޕީގެ މައި މަރުކަޒު ކުނޫޒްގައި ބޭއްވި ޚާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހްތަކާ ގުޅިގެން، ކޮންމެސް ވަރެއްގެ ޚިޔާލެއް އެމަނިކުފާނު ފާޅުކޮށްލެއްވި ކަމަށާއި، އެ ވާހަކަ ދެއްކެވީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ އަސާސީގެ 17 ވަނަ މާއްދާ ކަމުގައިވާ، އަސާސީ ހައްގުތަކާ މިނިވަންކަމުގެ ބާބާ ގުޅޭގޮތުން ކަމަށެވެ. އަދި އެވާހަކަ އެގޮތަށް ދެއްކެވީ، އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގަ ހައްގުތަކުގެ ވާހަކަ ވަރަށް ފުޅާކޮށް އޮތީމާ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމްގެ ވާހަކަފުޅުގައި، ގާނޫނުއަސާސީގެ 17 ވަނަ މާއްދާ ވިދާޅުވެދެއްވިއެވެ. އަދި އެ މާއްދާގައި ބުނެފައިވާ ގޮތަށްވުރެ ފުރިހަމައަށް ހައްގުތައް ހޯދައިދެވޭނީ ނުވަތަ އެކަން ކުރާނީ ކިހިނެއްތޯ ސުވާލު ކުރެއްވިއެވެ.
އަންހެން ބޭފުޅުން ބާރުވެރި ކުރުވާށޭ ކިޔައިގެން ކުރެވޭ ކަންތައްތަކުގެ ނަތީޖާއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ގާސިމްވަނީ މިއީ އަންހެން ބޭފުޅުންނަށް ކުރާ މަލާމާތެއްތޯ ނުވަތަ ޖަހާ ޖޯކެއްތޯ ސުވާލު ކުރައްވާފައެވެ.
ޖޭޕީގެ ލީޑަރުގެ ވާހަކަފުޅުގައި، މިހާރުގެ ސަރުކާރުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ 19 ބޭފުޅުންގެ ތެރޭގައި 7 އަންހެން ބޭފުޅުން ރައީސް އިބްރާހިމް މުހަންމަދު ސާލިހް ހިމެނުއްވީ ގާނޫނެއް ހަދައިގެންތޯ ސުވާލު ކުރައްވާފައެވެ.
ގާނޫނުއަސާސީއެއް ނެތްއިރު ރައްޖޭގެ ރަސްކަންވެސް އަންހެން ބޭފުޅުން ކުރައްވާ ކުރައްވާފައިވާކަން ފާހަގަ ކުރައްވައި ގާސިމް ވިދާޅުވީ، އަންހެން ބޭފުޅުން ހިތްވަރާއެކު މަސައްކަތް ކުރެއްވުމުން ނަތީޖާ ފެންނާނޭ ކަމަށެވެ. ހަމައެކަނި ބޭނުންވަނީ އިސްލާމީ އުސޫލުގެ ތެރެއިން ހިތްވަރާއެކު ކުރިއަށް ވަޑައިގަތުން ކަމަށެވެ.
ލާމަރުކަޒީ ގާނޫނަށް އިސްލާހް ގެނެސް އަންހެން ބޭފުޅުންނަށް %33 ގޮނޑި ދޭން ކަނޑައެޅިއިރު، ރައްޔިތުންގެ މަޖިލީސް މެމްބަރުންގެ ގާނޫނު އެގޮތަށް ބަދަލުނުކުރީ ކީއްވެގެންތޯވެސް ގާސިމް ސުވާލު ކުރައްވާފައެވެ. ލޯކަލް ކައުންސިލްގެ ގާނޫނަށް ގެނައި ބަދަލުގެ ސަބަބުން މައްސަލަތަކެއް ނުކުމެދާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ގާނޫނުގައި ކަނޑައެޅި %33 އެކުލަވާލާނެ ގޮތެއް ނޭނގިގެން އޮޅުން އަރައިގެން އުޅޭތަން މިހާރުވެސް ފެނިވަޑައި ގަންނަވާ ކަމަށް ވިދާޅުވިއެވެ. އެގޮތަށް ކަނޑައަޅައިގެން ކގާނޫނުއަސާސީގަ އެ ބުނާ ހަމަހަމަކަން ގެނެސްދޭނީ ކިހިނެއްތޯ ގާސިމް ތަކުރާރުކުރައްވައި ސުވާލު ކުރެއްވިއެވެ.
މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގައި އަންހެން ބޭފުޅުން މަދުވީމަ ހިތާމަކުރައްވާކަން ހާމަކުރައްވައި ގާސިމް އިބްރާހިމްވަނީ، އަންހެން ބޭފުޅުން ސަބިތުކަމާއެކީ މަޖިލީހަށް ނުކުމެވަޑައިގަތުމަށް ގޮވާލައްވާފައެވެ. ނުކުންނަންވީ ދާއިރާތަކާ ދޭތެރޭ ވިސްނައި ކުރިން ޕްލޭންކޮށް ނުކުތުމަށާއި، ކާމިޔާބުވާނީ އޭރުން ކަމަށާއި، ވާދަކުރަންޖެހެނީ ކޮންމެ މީހަކާ ކަމަށްވިޔަސް ވާދަކުރުމުގެ ވިސްނުން ދޫކޮށްނުލުމަށް ގާސިމް ގޮވާލެއްވިއެވެ. އަންހެން ބޭފުޅުންނަށް ހުރިހާ ކަމަކަށްވެސް އާދެވޭނެ ކަމަށާއި، ގަނޫނުން އެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވިއެވެ.
ގާސިމް އިބްރާހިމްގެ ވާހަކަފުޅުގައި، ސަރުކާރުން އަންހެން ބޭފުޅުންނަށް އިސްކަން ދެއްވާކަން ފާހަގަކުރައްވައި ރައީސް އިބްރާހިމް މުހަންމަދު ސާލިހަށް ތައުރީފް ކުރެއްވިއެވެ. ކެބިނެޓުން ފެށިގެން ސަރުކާރާއި ދައުލަތުގެ އިސް މަގާމުތަކަށް ބަލައްވާލެއްވީމާ އެކަން ފެނިގެންދާ ކަމަށްވެސް ވިދާޅުވިއެވެ.
ކޮރަޕްޝަންގެ ދުވަހާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ، ސިޔާސީ މީހުންގެ އިތުބާރު އެންމެބޮޑަށް ގެއްލެނީ ކޮރަޕްޝަންގެ ސަބަބުން ކަމަށެވެ. ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތް ފަސްވެ ލަސްވެގެން ދިއުމަކީވެސް ކޮރަޕްޝަން ކަމަށް ގާސިމް ވިދާޅުވިއެވެ. ސަރުކާރުގެ އިދާރާތަކުގެ ތެރޭގައި ހިންގާ ކޮރަޕްޝަންގެ އަމަލުތައް ރިޕޯޓްކުރުމަށް ރައީސް އެދިވަޑައިގެންފައިވާ ގޮތަށް އެކަން ކުރުމަށްވެސް ގާސިމް ގޮވާލެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ