ޓީއެފްޖީގެ ފަރާތުން ބާއްވާ ހަ ދުވުމެއްގެ ސްޕޮންސަރުންނާއިއެކު ސޮއިކޮށްފި

ޓީއެފްޖީގެ ފަރާތުން މިއަހަރާއި އަންނަ އަހަރު ބާއްވާ ރަން ސީރީޒްގެ މެއިން ސްޕޮންސަރުންނާއި، އެސޯޝިއޭޓް ސްޕޮންސަރުންނާއި އެކު ސޮއިކޮށްފިއެވެ.
ޓީއެފްޖީގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވަނީ މިއަހަރާއި އަންނަ އަހަރު 6 ދުވުމެއް ބާއްވާނެކަން އިއުލާނު ކޮށްފައެވެ. އެއީ ލޯންގް ރަން އާއި ކަލާ ރަން، ބޮޑު ހާފް، ރަން އިން ރަން، ރަން އިން ލާމު އަދި ރަން އިން އައްޑޫ އެވެ.
އެގޮތުން ލޯންގް ރަންގެ މެއިން ސްޕޮންސަރަކަށް ކޮކާ ކޯލާ ހަމަޖައްސާފައިވާއިރު ބޮޑުހާފް ރަންގެ މެއިން ސްޕޮންސަރަކީ ހެޕީ މާކެޓްއެވެ. އަދި ރަން އިން ލާމުގެ މެއިން ސްޕޮންސަރަކަށް ފިނޯ ޕްރައިވެޓް ލިމިޓެޑް ހަމަޖައްސާފައިވާއިރު ރަން އިން ރަން ސްޕޮންސަރަކަށް އެސްޓީއޯ ވަނީ ހަމަޖައްސާފައެވެ.
ޓީއެފްޖީން ބުނީ ރަން އިން އައްޑޫ، މިއަހަރު އެހެން ސަރަހައްދެއްގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. ފަހުން އެމައުލޫމާތު މީޑިއާއަށް ހިއްސާ ކުރާނެ ކަމަށް ޓީއެފްޖީން ބުންޏެވެ. މުޅި ސީރީޒްގެ އެސޯޝިއޭޓް ޕާޓްނަރުންގެ ގޮތުގައި ހަތަރު ޕާޓުނަރުން ވަނީ ހަމަޖައްސާފައެވެ.
މިއަހަރާއި އަންނަ އަހަރު ބާއްވާ ރަން ސީރީޒްގެ އެސޯޝިއޭޓް ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ އެލައިޑް އިންޝުއަރެންސް އާއި ސޮނީ ސްޕޯޓްސް އާއި ސީގަލް ގްރޫޕް އަދި ޕްރިންޓް ލެބް އެވެ.
ޓީއެފްޖީން ބުނީ މިއަހަރު ބޭއްވުމަށް ހަމަޖައްސާފައިވާ ދެ ދުވުން ކަމަށްވާ ލޯންގް ރަން އާއި ކެއާ ސޮސައިޓީ އާއި ގުޅިގެން ބާއްވާ ރަން އިން ރަންގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. މި ދެ ދުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އޮންލައިންކޮށް އަދި ޓީއެފްޖީ އަށް ގޮސް ވެސް ރަޖިސްޓްރީ ކުރެވޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ