ގާސިމްގެ ކެރުމާއި ހިތްވަރަށް ސެލިއުޓް ކުރަން - މައުމޫން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ، ކެރުމާއި ހިތްވަރަށް ސެލިއުޓް ކުރައްވާ ކަމަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ، ގާސިމް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ކުރި އަމުރާއި ގުޅިގެން، މިރޭ ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި އެމަނިކުފާނު ވަނީ، ގާސިމް ދޫކޮށްލުމުން އެކަމާ އުފާފާޅުކުރައްވާ ކަމަށް ވިދާޅުވެ، ގާސިމްއަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާފައެވެ.
ކްރިމިނަލް ކޯޓުން ގާސިމް މިއަދު ދޫކޮށްލާފައިވަނީ ހަތް ޝަރުތެއް ކުރިމަތިކުރުމަށްފަހުއެވެ.
އެ ޝަރުތުތަކުގެ ތެރޭގައި މުޖުތަމައުގެ ތެރޭގައި ފިތުނަ އުފެދޭ ވާހަކަތަށް ދައްކާ، ފަރާތްތަކާއި އެކު ބައްދަލުވުންތަށް ނުބޭއްވުމަށާއި، ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށާއި، ފުލުހުންގެ ހުއްދަ ލިޔުމަކުން ލިބިގެން ނޫނީ، ރާއްޖެއިން ބޭރަށް ނުދިޔުމަށާއި، ގާސިމް ހައްޔަރުކުރި މައްސަލައިގެ ހެކި ގެއްލިދާފަދަ އެއްވެސް ކަމެއް އަދި ހެއްކަށް ނުފޫޒު ފޯރުވާފަދަ، އެއްވެސް ކަމެއް ނުކުރުމަށެވެ.
އަދި މުޖުތަމައުގެ ތެރޭގައި ފިތުނަ ފަސާދައާ، ހަމަނުޖެހުން އުފެދޭ ފަދަ ވާހަކަތަށް ނުދެއްކުމަށާއި، އަދި އެފަދަ ވާހަކަތަށް ދެއްކުމަށް ގާސިމްގެ ގެދޮރު ބޭނުން ނުކުރުމަށާއި، އެފަދަ ކަންކަން ކުރުމަށް އެހެން މީސްމީހުންނަށް އެތަންތަން ނުދިނުމަށާއި، ދައުލަތުގެ ތިންބާރާއި، ތިންބާރުގެ ވެރިންނާ ބެހޭގޮތުން ރައްޔިތުންގެ ހިތްތަކުގައި، ނުތަނަވަސްކަން އުފެދޭ ފަދަ ވާހަކަތަށް ނުދެއްކުމަށް ވެސް، ކްރިމިނަލް ކޯޓުން ވަނީ ގާސިމްއަށް އަންގާފައެވެ.
ގާސިމް މިއަދު ދޫކޮށްލީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުންނެވެ.
މިދިޔަ މަހުގެ 20 ވަނަ ދުވަހު ގާސިމް ހައްޔަރު ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން 42 މެމްބަރުންގެ ސޮއި ހޯދަން، "ގަވާއިދާ ހިލާފަށް" މަސައްކަތްކުރެއްވުމާއި ސަރުކާރު ވައްޓާލަން މަސައްކަތްކުރައްވާކަމުގެ ތުހުމަތުގައެވެ.
ގާސިމް މިއަދު ދޫކޮށްލިއިރު އޭނާ އާއި ދެކޮޅަށް ދައުލަތުން އުފުލާފައިވާ ތިން ދައުވާއެއްގެ ޝަރީއަތް މިހާރު ވަނީ ފެށިފައެވެ.
ގާސިމްގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ދޭން އުޅުމުގެ ދައުވާ އާއި ރަސްމީ ގޮޮތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ