ކަރަންޓް ސާމާނު ވިއްކުމަށް ފެނަކަ އިން އައްޑޫގައި ފިހާރައެއް ހުޅުވަނީ
ރަށްރަށުގެ މީހުންނަށް އަގު ހެޔޮކޮށް ކަރަންޓު ސާމާނު ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އައްޑޫގައި އެ ފަދަ ސާމާނު ވިއްކާ ފިހާރައެއް ހުޅުވުމަށް ތައްޔާރުވަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ. ފެނާއި ނަރުދަމާ އާއި ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުނި، ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލު މިއަދު ވިދާޅުވީ ހިތަދޫގައި ހުންނަ އެ ކުންފުނީގެ އޮފީސް ކައިރީގައި ގާއިމުކުރާ ފިހާރައިގެ އިމާރާތް ވެސް ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. އަދި އަންނަ މަހުގެ ފަހުކޮޅު ފިހާރަ ހުޅުވޭ ވަރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އިންޓީރިއާ މަސައްކަތް މިހާރު ހުރީ. އެ މަސައްކަތް ނިމުނުހާ ހަވަހަށް އަޅުގަނޑުމެން އެ ތަން ހުޅުވާނަން،" ނިމާލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރަށްރަށުގެ މީހުންނަށް އަގު ހެޔޮކޮށް ކަރަންޓު ސާމާނު ފޯރުކޮށްދިނުމަށް ފެނަކަ އިން ގެންގުޅޭ ވިސްނުމުގެ ދަށުން މި ފިހާރަ އިން އިންސްޓޯލްމަންޓަށް ވެސް ތަކެތި ދޫކުރާނެ ކަމަށެވެ. އަދި އެ ތަނުން ވިއްކާނީ ވެސް ރަނގަޅު ބްރޭންޑްތަކުގެ ސާމާނު ކަމަށް އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން އަތުގައި މިހާރު ވެސް ސޯލް ޑިސްޓްރިބިއުޓްކުރުމަށް ޕްރޮޑަކްޓްތަކެއް ލިބިފައި އެބަހުރި. އިތުރު ބްރޭންޑްތަކުގެ ސޯލް ޑިސްޓްރިބިއުޓްކަން ހޯދުމަށް އަޅުގަނޑުމެން މަސައްކަތްކުރަމުން މި އަންނަނީ. އަޅުގަނޑުމެންގެ މަގުސަދަކީ ވީހާ ވެސް ހެޔޮ އަގެއްގައި ފަސޭހަ ގޮތެއްގައި ރަނގަޅު ޕްރޮޑަކްޓްސް ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ފޯރުކޮށްދިނުން،" ނިމާލް ވިދާޅުވި އެވެ. ކަރަންޓް ވައިރުކުރުމަށް ބޭނުންކުރާ ސާމާނާއި ލައިޓް ފަދަ ތަކެތި އުތުރު އަތޮޅުތަކުގެ ރައްޔިތުންނަށް ފަސޭހަކަމާ އެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް މި އަހަރުގެ ތެރޭގައި އުތުރުގެ ރަށެއްގައި ވެސް މިފަދަ ފިހާރައެއް ހުޅުވުމަށް ރާވާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުންޏެވެ. ފެނަކަ އިން ކަރަންޓްގެ ހިދުމަތް މިހާރު ފޯރުކޮށްދެމުން އަންނަ 148 ރަށުގެ ތެރެއިން ކަރަންޓްގެ މައްސަލަތައް ހުރި 77 ރަށަކަށް އާ އިންޖީނު ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި އެ ކުންފުނިން މިއަދު ވަނީ ސޮއިކޮށްފަ އެވެ. އާ އިންޖީނު ހޯދުމަށާއި ޑިސްޓްރިބިއުޝަން ނެޓްވޯކް ރަނގަޅުކުމަށް ފެނަކަ އިން ހިންގާ މަޝްރޫ އަށް ސަރުކާރުން ވަނީ 150 މިލިއަން ރުފިޔާ ދިނުމަށް ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ