މާތްވެގެންވާ އިސްލާމްދީނާއި މިޤައުމުގެ ހައްޤުގައި ވާހަކަދައްކަންޖެހޭ ކޮންމެ ބަޔަކާއި ވާހަކަދައްކަވައި، ވާންޖެހޭ ކޮންމެ އެއްބަސްވުމެއް ވެވަޑައިގަންނަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ބޭއްވި ޖުމްހޫރީ ޕާޓީގެ ދެވަނަ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޤާސިމް އިބްރާހިމް ވިދާޅުވީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ޤައުމުގެ މިނިވަންކަމަށްޓަކައި ޤުރުބާންވެވަޑައިގަތުމަށްޓަކައި އެމަނިކުފާނު ދަތުރަށް ނިކުމެވަޑައިގެން ހުންނެވީ ސަމާސާ ގޮތަކަށް ނޫން ކަމަށާއި، ސާބިތު އަޒުމަކާއެކު އެމަސައްކަތް ކުރައްވާނެ ކަމަށެވެ.
ޤައުމާއި ރައްޔިތުންގެ ހައްޤުގައި އެމަނިކުފާނު ފައްޓަވާފައިވާ ދަތުރުގައި ބައިވެރިވާން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް ދަތުރުގެ ކޮންމެ ހިސާބަކުންވެސް ބައިވެރިވެވޭނެ ކަމަށާއި، ﷲގެ އިރާދަފުޅާއެކު ދަތުރު ކާމިޔާބުވާނެ ކަމާއިމެދު ޝައްކުނުކުރައްވާ ކަމަށްވެސް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިޤައުމުގެ މުހިއްމު ހަރުމުދާ ހިމާޔަތްކުރަން ޖެހޭނެ ކަމަށާއި ޤައުމު އަމާން އައްސޭރިއަކަށް ގެންދިއުމަށްޓަކައި ސިޔާސީ ފިކުރުތައް އެއްފަރާތްކޮށް އެންމެން އަތުގުޅާލާ ޤައުމުގެ ހައްޤުގައި ޤުރުބާންވެވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އިސްލާހީ ހަރަކާތަށް ނިކުމެވަޑައިގަތީ 1984 ވަނަ އަހަރުކަން ފާހަގަކުރައްވާ ޤާސިމް ވިދާޅުވީ އެމަނިކުފާނު އިސްލާހީ ހަރަކާތަށް ނިކުމެވަޑައިގަތުމާއެކު ތަފާތު އަނިޔާ ލިބިވަޑައިގެންފައިވާ ކަމަށާއި، އެކަމަކު ކުރައްވަން ނިކުމެވަޑައިގަތް މަސައްކަތުގެ ގޮތުން ލިބިވަޑައިގެންނެވި އަނިޔާ އެއީ އަނިޔާ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. މިރޭގެ ޖަލްސާގައި ޤާސިމް އިބްރާހިމް ވަނީ އެމަނިކުފާނުގެ ކިބައިން މަޢާފަށް އެދިވަޑައިގަންނަވަންޖެހޭ ފަރާތެއް ހުރި ނަމަ އެފަރާތަކަށް މަޢާފުކުރެއްވި ކަމަށްވެސް ވިދާޅުވެފައެވެ.
ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީން ނިންމުމާއި ގުޅިގެން ބައެއް ފަރާތްތަކުން ކިޔަމުންދާ ފާޑު ކިޔުންތަކަށްވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވަނީ މިރޭގެ ރަސްމިއްޔާތުގައި ރައްދުދެއްވާފައެވެ.
އަދާލަތު ޕާޓީން ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހަދަން ނިންމީ ޖުމްހޫރީ ޕާޓީން ފައިސާގެ ބޮޑެތި އަދަދުތަކެއް ހުށައަޅައިގެން ކަމަށް ޕީޕީއެމުން ބުނުމާއި ގުޅިގެން ޤާސިމް ވިދާޅުވީ އެއީ މުޅިންވެސް ޕްރޮޕެގެންޑާ ވާހަކަތައް ކަމަށާއި، އަދާލަތު ޕާޓީއަކީ މާތްވެގެންވާ އިސްލާމްދީނާއި މިޤައުމުގައި ހައްޤުގައި މުހިއްމު ހިދުމަތްތަކެއް ކުރަމުންގެންދާ އަދި ކޮށްފައިވާ ޕާޓީއެއް ކަމަށެވެ.
ރާއްޖޭގެ ދުސްތޫރީ ހަޔާތާއި ގުޅޭގޮތުން ޤާސިމް އިބްރާހިމް ވިދާޅުވީ ޤާނޫނޫ އަސާސީއަކަށް ދިވެހިން އަމަލުކުރަން ފެށީ 1932 ވަނަ އަހަރު ކަމަށާއި އެދުވަހުން ފެށިގެން މިހާރު ދިވެހިން އަމަލުކުރަމުންދާ ފެހި ޤަނޫނު އަސާސީއަށް އަމަލުކުރުމާއި ހަމައަށް ޤާނޫނު އަސާސީއެއް އޮތް ނަމަވެސް ފެނިގެން ދިޔައީ ރަސްކަމުގެ ސިފަތައް ކަމަށެވެ. ނަމަވެސް މިހާރުގެ ޤާނޫނު އަސާސީއަކީ ދިވެހިންގެ ހައްޤުތައް ހޯދައިދީފައިވާ ދައުލަތުގެ ތިންބާރު ވަކިކުރެވިފައިވާ ޒަމާނީ ޤާނޫނު އަސާސީއެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޤާސިމް އިބްރާހިމް ވިދާޅުވީ މާޒީގައި ދިވެހިންނަށް ޤާނޫނު އަސާސީގެ ދަށުން ލިބެންޖެހޭ ހައްޤުތައް ލިބިގެން ނުދިޔައީ ވެރިކަމުގެ ފަރާތުން ޤާނޫނު އަސާސީއާ ޤާނޫނުތަކާއި އެއްގޮތަށް އަމަލުނުކުރެއްވުމުން ކަމަށެވެ.
ޤާސިމް އިބްރާހިމް މީގެ ކުރިން ވައުދުވެވަޑައިގެންފައިވާ ގޮތަށް މިރޭގެ ޖަލްސާގައިވެސް އެމަނިކުފާނު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ސަރުކާރުގެ ވަޒީފާތަކަށް ހަމަޖައްސަވާނީ ހަމައެކަނި ޖުމްހޫރީ ޕާޓީގެ ބޭފުޅުން ނޫން ކަމަށާއި، އެއީ ޤައުމުގެ މިއަދުގެ ހާލަތު އޮތް ގޮތުން ކުރަންޖެހޭ ކަމެއް ކަމަށެވެ.
ޤާސިމް އިބްރާހިމް ވަނީ މިރޭގެ މިރަސްމިއްޔާތުގައި ޖުމްހޫރީ ޕާޓީގެ ދެވަނަ ކޮންގްރެސް އިންތިޒާމް ކުރުމުގައި ބުރަ މަސައްކަތްތަކެއް ކޮށްދެއްވި ހުރިހާ ބޭފުޅުންގެ މަސައްކަތުގެ އަގު ވަޒަންކުރައްވާ އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މާޒީވެދިޔަ ދުވަސްތަކުގައި ޖުމްހޫރީ ޕާޓީގެ އެކިއެކި މަޤާމުތަކުގައި ތިއްބަވައިގެން ޖުމްހޫރީ ޕާޓީއަށް ހިދުމަތް ކޮށްދެއްވި ފަރާތްތަކަށްވެސް މިރޭގެ މިރަސްމިއްޔާތުގައި ޤާސިމް އިބްރާހިމް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
ދީނާއި ގައުމަށްޓަކައި ކޮންމެ ބަޔަކާވެސް ވާހަކަ ދައްކާނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ