ޕެންޝަން ފަންޑަށް ފައިސާ ނުދައްކާ 103 ކުންފުނީގެ ނަން ހާމަކޮށްފި

ޕެންޝަން ފަންޑަށް ފައިސާ ނުދައްކާ 103 ކުންފުންޏެއްގެ މައުލޫމާތު ޕެންޝަން އޮފީހުން ހާމަކޮށްފި އެވެ.
ޕެންޝަން އޮފީހުގެ ވެބްސައިޓްގައި މިމަހުގެ 25 ވަނަ ދުވަހު އާންމުކޮށްފައިވާ ލިސްޓްގައި ޕެންޝަން ފަންޑަށް ފައިސާ ނުދައްކާ 103 ކުންފުނީގެ ތެރޭގައި މުޅިން އަލަށް މިލިސްޓަށް އިތުރުވެފައިވާ ނުވަ ކުންފުންޏެއްގެ ނަން ހިމެނެ އެވެ. މީގެ އިތުރުން ނަން މަޝްހޫރު ކުންފުނިތަކާއި ސަރުކާރު ބަޖެޓުން ހަރަދު ކުރާ ދެ މުއައްސަސާއެއްވެސް ހިމެނެ އެވެ. އެގޮތުން ސަރުކާރުގެ ބައިވެރިވުން އޮތް ދެ މުއައްސަސާއަކީ އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާއާ، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް ހިމެނެ އެވެ.
ޕެންޝަން ފަންޑަށް ފައިސާ ޖަމާކުރަމުން ނުދާ ނަން މަޝްހޫރު ކުންފުނި ތަކުގެ ތެރޭގައި ހެވީ ލޯޑާއި، އެމްވީކޭއާ މޯލްޑިވްސްއާ، ސަން އެއާ އިންޓަނޭޝަނަލްއާ، ވިމްލާ ކޮންސްޓްރަކްޝަނާއި، އައިމާ ކޮންސްޓްރަކްޝަނާއި، ޒީ ސެލޫނާއި، ނަޖާހް އާޓް ޕެލަސްއާ، އެވްރީވަންސް ލާނިން ސެންޓަރު ފަދަ ކުންފުނިތައް ހިމެނެ އެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ޕެންޝަން އޮފީހުގެ ޑިރެކްޓާ ސްޓޭކްހޯލްޑާ އިސްމާއިލް ސުޖާއު ވިދާޅުވީ ޕެންޝަން ފަންޑަށް ފައިސާ ނުދައްކާ 103 ކުންފުނީގެ ތެރެއިން ހަތް ކުންފުންޏެއްގެ މައްސަލަ ކޯޓަށް މިހާރު ވައްދާފައިވާ ކަމަށާއި، އެކުންފުނި ތަކަކީ ޕެންޝަން ފަންޑަށް ފައިސާ ދެއްކުމަށް ތަފާތު އެތައް ފުރުސަތު ތަކެއް ހަމަޖައްސައިދިނުމުންވެސް ފައިސާ ދެއްކުމަށް އެއްބާރުލުން ދީފައި ނުވާ ކުންފުނިތައް ކަމަށެވެ.
ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ އައިޕީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި، ހަޒާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި، އެމްވީކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި، މެޕްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި، ފީނިކްސް ހޮޓެލްސް އެންޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑާއި، އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި އަދި ބޮސްޓަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އާ ދެކޮޅަށެވެ.
ސުޖާއު ވިދާޅުވީ ކޯޓަށް ވައްދާފައިވާ މައްސަލަތަކުގެ ތެރެއިން ޕެންޝަން ފަންޑަށް ފައިސާ ދެއްކުމަށް އަދި މިހާތަނަށް ހުކުމްކޮށްފައިވަނީ ހަމައެކަނި އައިމާ ކޮންސްޓްރަކްޝަނަށް ކަމަށެވެ.
"ހުކުމް އިއްވުމުން އެކުންފުނިން ކޮންމެވެސް ވަރަކަށް ފައިސާ ދެއްކި. ނަމަވެސް އެއީ މީގެ ދުވަސްކޮޅެއް ކުރިން އިއްވާފައިވާ ހުކުމަކަށްވާތީ ހުކުމާއިއެކު ކުރިން ފައިސާ ދެއްކި ނަމަވެސް މިހާރު އެހާ ރަގަޅެއް ނޫން ފައިސާ ދެއްކުމުގައި. ދެން އަޅުގަނޑުމެން އަނެއްކާވެސް އެކަމުގައި އަޅާނެ ފިޔަވަޅުތައް މިދަނީ ބަލަމުން" ސުޖާއު ވިދާޅުވި އެވެ.
ޕެންޝަން އޮފީހުން ބުނީ ޕެންޝަން ފަންޑަށް ފައިސާ ނުދައްކާ ކުންފުނި ތަކުގެ ނަންތައް އާންމުކުރަނީ އެފަންޑަށް ފައިސާ ޖަމާކުރުމަށް ތަފާތު އެތައް ފުރުސަތެއް ދިނުމަށްފަހު އެކަމަށް އެއްބާރުލުން ނުދިނުމުން ކަމަށެވެ. އަދި ބައެއް ކުންފުނި ތަކުގެ ނަންތައް އާންމުކުރުމުން ފައިސާ ދައްކަމުންގެންދާ ކަމަށްވެސް ޕެންޝަން އޮފީހުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ