ގާސިމް މާފުއްޓަށް ވަޑައިގެންފި

ޖުމްހޫރީ ގުޅުމުގެ ރިޔާސީ މެނިފެސްޓޯއަށް ރައްޔިތުންގެ ޚިޔާލް ހޯދުމަށާއި ރައްޔިތުންގެ ހާލު ބައްލަވާލެއްވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މާލެ އަތޮޅު މާފުއްޓަށް ވަޑައިގެންފިއެވެ.
ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމާއި އެމަނިކުފާނުގެ ޓީމުން މާފުއްޓަށް ވަޑައިގެންނެވުމުން އެ ރަށުގެ ރައްޔިތުން ވަނީ ގާސިމް އިބްރާހިމަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ގާސިމް އިބްރާހިމްގެ ރިޔާސީ މެނިފެސްޓޯއަށް ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށާއި ރައްޔިތުންގެ ހާލު އަހުވާލު އޮޅުންފިލުވުމުގެ ގޮތުން ގާސިމްއާއި އެމަނިކުފާނުގެ ޓީމް މާފުއްޓަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ޤާސިމަށް މަރުހަބާ ދެންނެވީ ސަޤާފީ ހަރަކާތްތަކަކުންނެވެ. އަދި ގާސިމް އެރަށައް ޒިޔާރަތްކުރެއްވީތީ އެ ރައްޔިތުން ވަނީ އެމަނިކުފާނަށް ޝުކުރު ދަންނަވާފައެވެ.
ގާސިމް ވަނީ އެމަނިކުފާނުގެ އިސްތިގުބާލަށް ނިކުމެ ތިބި ރައްޔިތުންނާއި ބައްދަލުކުރައްވާ ސަލާމްކުރައްވާ ހާލު އަހުވާލު އޮޅުން ފިލުއްވާފައެވެ. އަދި އެމަނިކުފާނުގެ މެނިފެސްޓޯއާއި ގުޅޭ މައުލޫމާތު ހިއްސާކުރައްވާ އެ ރައްޔިތުންގެ މަޝްވަރާ މެނިފެސްޓޯއަށް ހޯއްދަވާފައެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ތައްޔާރުކުރާ މެނިފެސްޓޯއަށް 10 ރަށެއްގެ ރައްޔިތުން ފިޔަވައި އެހެން ހުރިހާ ރަށްރަށުގެ ރައްޔިތުންގެ ޚިޔާލް ހޯދިފައިވާ ކަމަށާއި ޖުމްހުރީ ގުޅުމުގެ މެނިފެސްޓޯ އެކުލަވާލާނީ ހުރިހާ ރައްޔިތުންގެ ޚިޔާލުވެސް ހޯދުމަށްފަހު ކަމަށެވެ.
ރައްޔިތުންގެ ޚިޔާލް ހޯދުމުގައި ވަކި ސިޔާސީ ފިކުރެއް ނުބައްލަވާނެ ކަމަށާއި ޖުމްހޫރީ ގުޅުމުން ކުރަން ބޭނުންވަނީ ރައްޔިތުންގެ ވެރިކަމެއް ކަމަށްވެސް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
މާފުއްޓަށް ގާސިމް އިބްރާހިމް ކުރެއްވި މިދަތުރުފުޅުގައި ރަށު ކައުންސިލް އިދާރާއަށް ވަޑައިގެން އެރަށުގެ ކައުންސިލަރުންނާއި ބައްދަލުކުރައްވާ ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ކުރަން ރާއްވަވާފައިވާ ކަންކަމުގެ މައުލޫމާތު ވަނީ ހިއްސާކުރައްވާފައެވެ. އަދި މި ދަތުރުފުޅުގައި އެރަށުގެ އަންހެނުންގެ ކޮމެޓީއާވެސް ގާސިމް އިބްރާހިމް ވަނީ ބައްދަލުކުރައްވާފައެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ރަށްރަށުގައި ހިންގަމުން ގެންދާ ޕްރީ ސުކޫލްތަކަކީ ވަރަށް ބޮޑަށް ތަރައްޤީ ކުރަންޖެހޭ ތަންތަން ކަމަށާއި ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި ޕްރީ ސުކޫލްތައް ހަރުދަނާކޮށް ކޮންމެ ރަށެއްގައި ޕްރީ ސުކޫލެއް ގާއިމްކޮށްދެއްވާނެ ކަމަށެވެ. އަދި ޕްރީ ސުކޫލްތައް އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކުރައްވާނެ ކަމަށްވެސް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
މީގެ އިތުރުން ގާސިމް ވަނީ މާފުށީ ސުކޫލަށް ޒިޔާރަތްކުރައްވާ އެތަނުގެ އިސްވެރިންނާއި ސުކޫލުގެ ބެލެނިވެރިންނާއިވެސް ބައްދަލުކުރައްވާފައެވެ. އަދި އެރަށު ސިއްހީ މަރުކަޒަށް ވަޑައިގެން އެތަނުގައި ތިބި ބަލި މީހުންނާއި އެމަރުކަޒުގެ ހާލަތުވެސް ގާސިމް އިބްރާހިމް ވަނީ އޮޅުން ފިލުއްވާފައެވެ.
ގާސިމް މާފުއްޓަށް ކުރެއްވި މިދަތުރުފުޅުގައި ގިނަ އަދަދެއްގެ ޒުވާނުން ވަނީ ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފައެވެ. މި ދަތުރުފުޅުގައި ގާސިމްގެ އިތުރުން ޖުމްހޫރީ ގުޅުމުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ އިސް ބައެއް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ