ހަމަނުޖެހުން ހިންގީ ޕީޕީއެމަކުން ނޫން: މައުމޫން

މިދިޔަ ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ސ. ފޭދޫގައި ބޭއްވި ޖަލްސާ ތެރެ އަށް ވަދެގަނެ ހަމަނުޖެހުން ހިންގީ ޕީޕީއެމުން ނޫން ކަމަށާއި އެ ޕާޓީއަކީ ހަމަނުޖެހުން ހިންގުން ފަދަ އަމަލުތަކަށް ހިތްވަރު ދޭނެ ޕާޓީއެއް ނޫން ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ. އެމްޑީޕީގެ ޖަލްސާ އަށް ހުރަސްއަޅައި، އެ ޕާޓީ އޮފީހުގެ ބިއްލޫރިތައް ތަޅާލައި ހިންގާފައިވާ ހަމަނުޖެހުންތަކާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލު ދެންނެވުމުން، މައުމޫން ވިދާޅުވީ އެ ހަމަނުޖެހުން ހިންގީ ކޮން ބައެއްކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެއީ ކޮން ބައެއްކަން ތަހުގީގުކުރާނީ ފުލުހުން ކަމަށް ވިދާޅުވި އެވެ. "[އެކަމުގައި] އެއްވެސް ޕާޓީއަކަށް، އެއްވެސް ފަރާތަކަށް އަޅުގަނޑު ތުހުމަތެއް ނުކުރާނަން. އެކަން ތަހުގީގުކުރައްވާ ފަރާތަކުން ތަހުގީގުކުރައްވާފައި ވިދާޅުވާނެ ކޮން ބަޔަކު ކުރިކަމެއްތޯ. ދަންނަވަން ބޭނުންވާ ވާހަކައަކީ އެއީ ޕީޕީއެމްގެ ކަމެއް ނޫނޭ،" މައުމޫން ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި ހަމަނުޖެހުން ހިންގުމުގެ އަމަލުތަކަކީ ޕީޕީއެމްގެ އެއްވެސް މެމްބަރަކު މިހާތަނަށް ކޮށްފައިވާ އަދި ކުރާނެ ވެސް ކަމެއް ނޫނެވެ. އެ ޕާޓީ އަކީ ސުލްހަވެރިކަމާ އެކު ކަންތައްތައް ކުރަން ގޮވާލައި، ސުލްހަވެރިކަމާއި އަމަންއަމާންކަމާ އެކު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ބައެއް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. "ގާނޫނާ ހިލާފަށް ކަމެއް ނުކުރާނަން މި ޕާޓީއަކުން. މީހަކަށް ގެއްލުމެއް ނުދޭނަން، ތަނަކަށް ނާރާނަން، އިމާރާތަކަށް ވެސް ހަމަލާއެއް ނުދޭނަން. ޕީޕީއެމަކީ ސުލްހަވެރި އަމާން ޕާޓީއެއް،" މައުމޫން ވިދާޅުވި އެވެ. ފޭދޫގައި ބޭއްވި އެމްޑީޕީ ޖަލްސާ އަށް ހުރަސްއަޅައި، ހަމަނުޖެހުން ހިންގައިގެން ބަޔަކު ވެސް ހައްޔަރުކުރި އެވެ. އެކަމަކު ފަހުން އެ އެންމެން ވެސް ވަނީ ދޫކޮށްލައިފަ އެވެ. ޖަލްސާ އަށް ހުރަސްއެޅީ ސަރުކާރު ޖެހިލުންވާ ތިން ވަނަ ފަރާތަކުން ކަމަށް ވިދާޅުވެ، އެމްޑީޕީ އަށް ސިޔާސީ ހަރަކާތް ހިންގޭނެ ފަދަ މާހައުލެއް ގާއިމްކޮށްދިނުމަށް އެ ޕާޓީގެ ޗެއާޕާސަން އަލީ ވަހީދު ވަނީ ސަރުކާރަށް ގޮވާލައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ