"ހަވީރު" ވިއްކާލުން މިހާރު ވަނީ ހުއްޓާލާފައި: ޗެއާމަން

"ހަވީރު" ވިއްކާލަން މެނޭޖްމަންޓުން މި އަހަރުގެ މެދުތެރޭގައި ނިންމި ނަމަވެސް އެކަން މިހާރު ހުއްޓާލާފައިވާ ކަމަށް "ހަވީރު"ގެ ޗެއާމަން ޑރ. މުހަންމަދު ޒާހިރު ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ. މާދަމާ ފާހަގަކުރާ "ހަވީރު"ގެ 35 ވަނަ އަހަރީ ދުވަހާ ގުޅިގެން ނެރުއްވި ޚާއްސަ ނޫސްބަޔާނެއްގައި ޑރ. ޒާހިރު ވިދާޅުވީ "ހަވީރު" ގަންނަން މިދިޔަ އަހަރު ބައެއް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރި ކަމަށެވެ. އަދި "ހަވީރު" ވިއްކާލަން ނޫހުގެ މެނޭޖްމަންޓުން ނިންމި ކަމަށް ވެސް ޒާހިރު ވިދާޅުވި އެވެ. "އެކަމާ ގުޅިގެން ވަރަށް ގިނަ ކިޔުންތެރިން މާޔޫސްވެ، ޝަކުވާ ވެސް އުފުލި އެވެ. 'ހަވީރާ' އެހާ ބޮޑަށް ގުޅިފައިވާ ކިޔުންތެރިންނާއި ވިޔަފާރިވެރިން ތިބުމުން އެކަމާ މިއަދު އަޅުގަނޑުމެން ފަޚުރުވެރިވަމެވެ،" ޗެއާމަންގެ ބަޔާނުގައިވެ އެވެ. ޒާހިރު ވިދާޅުވީ "ހަވީރު" ވިއްކާލަން ލިބުނު ފުރުސަތުގެ ބަދަލުގައި، އާ އަހަރަކާ "ހަވީރު" ކުރިމަތިލަނީ މީޑިއާގެ އިތުރު ތަރައްގީތަކެއް "ހަވީރު"ގެ ނަމުގެ ތެރެއިން ރައްޔިތުންނަށް ދެއްކިދާނެކަމުގެ އުއްމީދުގައި ކަމަށެވެ. އެކަމަކު އޭގެ ތަފްސީލުތަކެއް ބަޔާނުގައި ހާމަކުރައްވާފައެއް ނުވެ އެވެ. ޖެނުއަރީ 1، 1979 ގައި ނެރެން ފެށި "ހަވީރަ"ށް 35 އަހަރު ފުރުމާ ގުޅިގެން ޗެއާމަން ވަނީ ނޫހަށް އެކި ގޮތްގޮތުން ޚިދުމަތްތައް ކޮށްދިން ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ. ހާއްސަކޮށް "ހަވީރު" ފުރަތަމަ ނެރެން ފެށީ ނޮވެލްޓި ޕްރެސްގެ ވެރިޔާ އަލީ ހުސެއިންގެ ދީލަތި އެހީތެރިކަން ފާހަގަކުރައްވައި ޑރ. ޒާހިރު ވަނީ އޭނާ އަށް ޝުކުރު އަދާކުރައްވައިފަ އެވެ. "'ހަވީރު' ދުނިޔޭގެ އަލިކަން ދުށީ ނޮވެލްޓީ ޕްރެސްގައި ހިލޭ ކޮށްދިން ޗާޕުންނެވެ. ރާއްޖޭގައި އޮފްސެޓް ޗާޕުކޮށްގެން ނެރުނު އެންމެ ފުރަތަމަ ދުވަހު ނޫހަށް "ހަވީރު" ވީ ނޮވެލްޓީގެ ވެރިޔާ އަލީ ހުސެންގެ ދީލަތި އެހީ އާއި ނޫހެއް ނެރުއްވަން އޭނާގެ ވެސް އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ. އުމުރުން 35 އަހަރު ހޭދަ މިކުރެވުނީ މި ނޫހުގެ ފުރަތަމަކޮޅު އެފަދަ އެތަކެއް ބޭފުޅުން، ވިޔަފާރީގެ ފައިދާ އަށް ވުރެ، ނޫސްވެރިކަމުގެ މުހިންމުކަން އިސްކުރެއްވުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ގަބޫލުކުރަމެވެ،" ޒާހިރު ވިދާޅުވި އެވެ. މީގެ އިތުރުން "ހަވީރު"ގެ ކިޔުންތެރިންނާއި މުވައްޒަފުންނާއި ރާއްޖޭގައި އެކި ދުވަސްވަރު ވެރިކަން ކުރި އެކި ސަރުކާރުތަކުން ދިން އެއްބާރުލުމަށާއި އަދި ޚާއްސަ ގޮތެއްގައި، ވިޔަފާރިވެރިން ބެހެއްޓި ގާތްކަމާއި އިތުބާރު ހަނދާނެއް ނުނެތޭނެ ކަމަށް ވެސް ޑރ. ޒާހިރު ވިދާޅުވި އެވެ. ޗެއާމަން ވިދާޅުވި ގޮތުގައި އާ އަހަރަކާ ކުރިމަތިލަނީ ނޫސްވެރިކަމުގައި "ހަވީރު"ގެ ނަން މިހާރަށް ވުރެ ވެސް މަގުބޫލުކުރެވެން އޮތް ކޮންމެ މަސައްކަތެއް، ވަރުބަލިވުމެއް ނެތި، ކުރުމުގެ ނިޔަތާ އެކުގަ އެވެ. "'ހަވީރު'ގެ އައު ޖީލަށް އަޅުގަނޑުމެން 'ހަވީރު' މި ހުޅުވާލަނީ އެއްވެސް ހިފެހެއްޓުމެއް ނެތި އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލިޔުންތެރިންނާއި މުރާސިލުން އުފެއްދުމުގެ ބޭނުން ދަނެގެންނެވެ. ރާއްޖޭގެ ނޫސްވެރިކަން ކޮންމެ އަތޮޅަކަށް ކޮންމެ ރަށަކަށް ވާސިލް ކުރުމުގެ ނިޔަތުގަ އެވެ،" ޒާހިރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ