ރާއްޖޭގެ އެންމެ ބޮޑު ސޯޝަލް މީޑިޔާ ކެމްޕޭނާ އެކު ހަވީރު ކިޔުންތެރިންނާ ގާތަށް

ދުނިޔެ މިހާތަނަށް ދުށް އެންމެ ނުރައްކާތެރި ޓެރަރިސްޓް އުސާމާ ބިން ލާދިން މަރާލި ވާހަކަ އެންމެ ފުރަތަމަ ގެނެސްދިނީ އާއްމު ހަބަރު ފަތުރާ ވަސީލަތަކުން ނޫނެވެ. މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި ގޫގުލް އިން ފޯނެއް ނެރޭކަމުގެ ވާހަކަތައް ފަލަ ސުރުޚީތަކަށް އެރި ނަމަވެސް އެފޯނުގެ ފޮޓޯއެއް އެންމެ ފުރަތަމަ އާއްމުކުރީ ޓެކްނޮލޮޖީ ޚަބަރުތައް ގެނެސްދޭ ސައިޓަކުން ނޫނެވެ. ޕޮޕް މިޔުޒިކުގެ ރަސްގެފާނުގެ ނަމުން މަޝްހޫރު ވެފައިވާ މައިކަލް ޖެކްސަން މަރުވި ޚަބަރު އެންމެ ފުރަތަމަ އެރީ ސެލެބްރިޓީން ފަހާ ދުވާ ވެބްސައިޓަކަށް ނޫނެވެ. މިނޫނަސް އެތައް ބައިވަރު ކަންތައްތަކެއް ތާޒާކަމާ އެކު އާންމުންނާ ހިސާބަށް އެންމެ ފުރަތަމަ ގެނެސްދެނީ އެތައް މިލިއަން މީހުންނެއް ކޮންމެ ދުވަހަކު ބޭނުންކުރާ މައިކްރޮ-ބްލޮގިން ވެބްސައިޓް ޓުވިޓާ އިންނެވެ. އެއީ މިގަރުނުގެ ޚަބަރު ފަތުރާ ވަސީލަތެވެ. ފޭސްބުކްގެ އަވައިގައި ހުރިހާ އުމުރު ފުރައެއްގެ ގިނަ ދިވެހިންތަކެއް ޖެހިފައިވާއިރު ޒުވާން ފުރައިގެ ދިވެހިންގެ ތެރޭގައި ޓުވިޓާގެ މަގުބޫލުކަން ވެސް ކުޑައެއް ނޫނެވެ. ހަވީރު އޮންލައިންގެ އާޖީލަށް ބުރާސްފަތިދުވަހު ހަވީރުގެ ޓީމާއި ކިޔުންތެރިން މަރުހަބާ ކީއިރު ހަވީރު "ރީޑިފައިން" ކުރުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރި ޒުވާން ޓީމުގެ އަމާޒަކަށް ވެސް ވެފައި އޮތީ ރަސްމީ ހަފުލާއެއް ބޭއްވުމުގެ ބަދަލުގައި އާންމުންނާ ވީހާވެސް ކައިރިން އާ ވެބްސައިޓު ލޯންޗުކުރުމެވެ. "އަސްލު މިއީ ދުނިޔޭގެ އެކި ތަންތާނގައި ހިންގާފައި ހުރި ސޯޝަލް މީޑިޔާ ކެމްޕޭންތަކުން އިންސްޕަޔާ ވެގެން ކުރަން ރޭވި ކަމެއް. އަހަރެމެންގެ އެންމެ ބޮޑު ބޭނުމަކަށް ވެފައި އޮތީ ސޯޝަލް މީޑިޔާގެ ތެރެއަށް ވަދެ، ކޮމިއުނިޓީގެ ބައިވެރިވުން އިތުރުކުރުން،" ހަވީރު ރީޑިފައިންސް ކެމްޕޭން ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި އޮފިޝަލަކު ބުންޏެވެ. "ޓުވިޓާގައި އެބަ އޮތް ދިވެހިންގެ ވަރަށް ބޮޑު ކޮމިއުނިޓީއެއް. އަހަރެމެން ބެލީ އެކޮމިއުނިޓީ މީގެ ތެރެއަށް ވެއްދުން. އެހެންވެ ފޭސްބުކް ބައި ލާފަ ކެމްޕޭން ޕޭޖް ހެދީ." އެންމެ ފުރަތަމަ "ހަވީރު ރީޑިފައިންސް" ހޭޝް ޓެގް ފެނިގެން ދިޔައީ ބުދަދުވަހު ހަވީރު ޓީމުގެ ބައެއް ފަރާތްތަކުން ކުރި ޓުވީޓު (ޓުވިޓާގައި ކުރާ މެސެޖް) ތަކަކުންނެވެ. އެއަށް ފަހު ފެނުނީ މުޅި ޓުވިޓާ ކޮމިއުނިޓީ ވެސް ވާން މިއުޅެނީ ކޮންކަމެއްތޯ ބެލުމުގެ ޝައުގުގައި ކުރި ޓުވީޓުތަކެކެވެ. ހަވީރުގެ އާ ވެބްސައިޓު ލޯންޗުކުރަނީ ކަމަށް ނިންމައިގެން ތިބި ބައެއް ފަރާތްތަކުން ވެސް ބުރާސްފަތި ދުވަހުގެ އިރުއޮއްސުނުއިރު އާ ކަމެއް ފާހަގަނުކުރެވުމުން ކޮންމެވެސް ވަރަކަށް 'މާޔޫސްވާ' ގޮތްވި އެވެ. "އަހަރެންނަށް އެބަ ފެނޭ ހަވީރު ނޫހުން ބައެއް ބަދަލުތައް. #ހަވީރުރީޑިފައިންސްއަކީ އާ ވެބްސައިޓު ކަމަށް އަހަރެން އުއްމީދުކޮށްގެން ހުރީ،" މަޝްހޫރު ކުޑަކުދިންގެ ޑޮކްޓަރު އަބްދުﷲ ނިޔާފް ހަވީރު އޮންލައިންގެ ނޫސްވެރިޔަކަށް ކުރި ޓުވީޓެއްގައިވެ އެވެ. ހަވީރު "ރީޑިފައިން" ވަމުން ދިޔައިރު އެންމެ ބޮޑަށް ފާހަގަކުރެވުނީ ހަވީރުގެ ކިޔުންތެރިން އާ ވެބްސައިޓު ބަލާލަން ކެތްމަދުވެފައި ތިބި މިންވަރެވެ. ހަމައެއާ އެކު، ހަވީރު ވެބްސައިޓު ޑައުންކޮށްލުމުގެ ސަބަބުން، ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ ދިވެހިންނަށް ރާއްޖޭގައި ހިނގާ ކަންތައްތައް ނޭނގުމުގެ ޝަކުވާތައް ވެސް ދިޔައީ ލިބެމުންނެވެ. "ނުވިއެއްނު، ދެން ނިދަނީ،" އެއް ޓުވީޓެއްގައިވެ އެވެ. "އަދިވެސް މަޑުކޮށްގެން މިތިބީ... އަވަހަށް ޚަބަރުތައް ގެނެސްދީ،" އެހެން ފަރާތެއް ޓުވީޓު ކޮށްފައިވެ އެވެ. "ހަމަ ކެތް މަދުވެފަ މީނީ ހަވީރުގެ ނެކްސްޓް ލެވެލްގައި ހުރީ ކޮންކޮން ކަންތައްތަކެއްތޯ ބަލަން. ކޮން އިރަކު އަހަރެމެންނަށް ނެކްސްޓް ލެވެލްއާ ކުޅެވޭވަރު ވާނީ؟" ޓުވީޓެއްގައިވެ އެވެ. ޓުވީޕުން (ޓުވިޓާ ބޭނުންކުރާ ފަރާތްތައް) ފާހަގަކުރަމުން ދިޔަ އަނެއް ކަމަކީ ރާއްޖޭގެ އެންމެ މަގުބޫލު ވެބްސައިޓުގެ ފުރަންޓް ޕޭޖަށް އެރިކަމެވެ. ބައެއް ފަރާތްތަކުން ހަވީރަށް ފޮޓޯ އެރި ޓުވީޕުންނަށް މަރުހަބާ ކިޔަމުން ދިޔައިރު އަނެއް ބަޔަކު ފޯރިއާ އެކު މަސައްކަތް ކުރަމުން ދިޔައީ އެކަކަށް ވުރެ ގިނައިން ފޮޓޯ އެރުވުމަށެވެ. "އަހަރެމެން ވަރަށް މަޝްހޫރު ވެއްޖެ. ދެންމެ މެލޭޝިޔާ އިންވެސް ފޯން ކޯލެއް އައި. އެހި އަހަންނާ #ހަވީރުރީޑިފައިންސްއާ ކީއްހޭ،" ހަވީރު ރީޑިފައިންސް އަށް އެންމެ ގިނައިން ފޮޓޯ އެރި އެއް ޓުވީޕުގެ ޓުވީޓެއްގައިވެ އެވެ. "އޭ އެހެންދޯ މިވަނީ... އަހަރެން ދެ ފަހަރު #ހަވީރުރީޑީފައިންސް ޖަހާފަ ޓުވީޓު ކުރީމަ އެބައިން ހަވީރުގެ ހޯމް ޕޭޖަށް ދެ ފަހަރު [އަހަރެންގެ ފޮޓޯ] އަރާފަ،" ހަވީރުގެ ކެމްޕޭން ވަރަށް 'ސަޅި' ކަމެއްގެ ގޮތުގައި ފާހަގަކުރި ޓުވީޕެއް މެސެޖުކޮށްފައިވެ އެވެ. އާ ވެބްސައިޓު ލޯންޗުކުރުމުގެ މަސައްކަތް ފަރުދާގެ ފުރަގަހުގައި ކުރަމުންދިޔައިރު ކިޔުންތެރިން ވާނެ ފޫއްސާއި ކުރާނެ އިންތިޒާރު މަޖާގަނޑަކަށް ބަދަލުކޮށްލުމުގެ ވިސްނުމުގައި ފުރަތަމަ ފެށުނު މަސައްކަތް ފަހުން ބަދަލުވީ ސައިޓް ލޯންޗުކުރުމުގައި ވެސް އިތުރު ފޯރިއެއް ގެނުވި ކަމަކަށެވެ. "އަހަރެމެންނަށް އެނގިގެންދިޔަ ވަރަށް ގިނަ ބަޔަކު އާ ވެބްސައިޓަކަށް ބޭނުންވެފައި ތިބި މިންވަރު. ވަރަށް ގިނަ ބަޔަކު އާ ވެބްސައިޓް ބަލާލަން ބޭނުންވެފައިވާ ކަން. މުޅި ކޮމިއުނިޓީ އޮތީ އަހަރެމެންނާ އެކުގައިކަން އެނގިގެން ދިޔަ،" ކުރިން ވާހަކަ ދެއްކި އޮފިޝަލް ބުންޏެވެ. މުޅި ހަވީރު ޓީމު ނުނިދާ މަސައްކަތް ކުރަމުން ދިޔައިރު ޓީމުގެ އެންމެން ވެސް ދޭތެރެދޭތެރެއިން ޓުވިޓާ ކެމްޕޭނުގެ ވާހަކަ ދައްކަ އެވެ. ހަވީރުން ކަނޑައަޅާފައިވާ ހޭޝް ޓެގް ޖަހާފައި ކުރާ ކޮންމެ ޓުވީޓެއް ކުރި ފަރާތެއްގެ ފޮޓޯ ކެމްޕޭނުގެ ޕޭޖުން އަރަމުން ދިޔައިރު އެއަށް އެއްވެސް ފޫހިކަމެއް ނެތި ބަލަބަލާ ތިއްބެވެ. ދޭތެރެ ދޭތެރެއިން ޓީމުގެ ކޮންމެވެސް މީހަކު "ކޮބާ ފުރިއްޖެ"ހޭ އަހަމުން ދިޔައިރު އާ ވެބްސައިޓާ މެދު އެންމެން ވެސް ކުރާ ފޮނި އުއްމީދުތައް ފެންނަމުން ދިޔަ އެވެ. "މީހުން ކުރާ ރަނގަޅު ޓުވީޓުތައް ސޭވް ކޮށްފައި ބަހައްޓަން ވާނެ،" ކެމްޕޭން ހިނގަމުން ދިޔައިރު ހަވީރުގެ ކުރީގެ އެޑިޓަރު ޑރ. އަލީ ރަފީގު ވިދާޅުވި އެވެ. ރާއްޖޭގައި މިހާތަނަށް ހިންގުނު އެންމެ ބޮޑު ސޯޝަލް މީޑިޔާ ކެމްޕޭނު ވަރަށް އާދައިގެ ގޮތަކަށް ފެށުނު ކަމުގައިވިޔަސް ނިމިގެން ދިޔައިރު މިކެމްޕޭން ވީ ހަވީރު ޓީމުގެ އެންމެންނަށް ވެސް އުފާވެރިކަން ގެނެސްދިން ކަމަކަށެވެ. ފަހުރުވެރިވުން ހައްގު މަސައްކަތަކަށެވެ. 'ސަޅި' ކަމެއްގެ ގޮތުގައި އާންމުން ބަލައިގަތް ކަމަކަށެވެ. މިކެމްޕޭނުގެ ކާމިޔާބީއާ އެކު ހަވީރުގެ ތަޖުރިބާކާރު، ޒުވާން ޓީމުގެ އަޒުމަކަށް ވެފައި އޮތީ ކުރިމަގުގައި ވެސް ކިޔުންތެރިންނާ ގާތް ގުޅުމެއް އުފައްދައިގެން މަސައްކަތްކުރުމަށެވެ. ކިޔުންތެރިންގެ ޚިޔާލަކީ ހަވީރުގެ ކުރިއެރުން ކަމަށް ދެކިގެން މަސައްކަތް ކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ