ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން މަޤާމުން ވަކިކުރެއްވުމަށް މަޖިލީހުގައި އެދުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުން ފާސްކޮށްފިއެވެ.
އެމްޑީޕީން މިރޭ މާލެ ސިޓީ ހޯލުގައި ބޭއްވި ޤައުމީ މަޖިލީހުގެ ކުއްލި ޖަލްސާއަށް ސްޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން މަޤާމުން ވަކިކުރެއްވުމަށް މައްސަލަ ހުށަހެޅުއްވީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ކިނބިދޫ ދާއިރާގެ ރައީސް މުޙައްމަދު ޝަރީފުއެވެ. އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ދުވާފަރު ދާއިރާގެ ރައީސް އިބުރާހީމު އާތިފް ތާއީދުކުރެއްވި މިހުށަހެޅުން ފާސްވީ ޖަލްސާއަށް ހާޒިރުވެ ތިބި 63 މެންބަރުންގެ ތެރެއިން 59 މެންބަރުންގެ ބޮޑު އަގުލަބިއްޔަތަކުންނެވެ.
ޤައުމީ މަޖިލީހުގެ މިރޭގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތުން ނިންމާ ކަންކަން ބާތިލްކޮށް މަޖިލީހުގެ ބާރުތަކަށް ސުޕްރީމު ކޯޓުން އަރައިގަނެފައިވާ ކަމަށް ތުހުމަތުކޮށް ސުޕްރީމް ކޯޓާއި ދެކޮޅަށް ވަރުގަދަ އިހްތިޖާޖުތަކެއް ކުރުމަށްވެސް ވަނީ ފާސްކޮށްފައެވެ. އިހްތިޖާޖު ކުރުމަށް ޤައުމީ ޖަލްސާއަށް ހުށަހަޅުއްވާފައިވަނީ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީއެވެ. މިހުށަހެޅުމަށް ތާއީދުކުރެއްވީ މަޖިލީހުގެ މައްޗަށްގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީއެވެ.
އިމްތިޔާޒުގެ ފަހްމީގެ ހުށަހެޅުމުގައި ވިދާޅުވެފައިވަނީ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާ ކަންކަން ސުޕްރީމް ކޯޓުން ބާތިލުކޮށް މަޖިލީހުގެ ބާރުތަކަށް އަރައިގަނެ، ބަޣާވާތުގެ ވެރިކަމަށް ސުޕްރީމް ކޯޓުން ބައިއަތު ހިފާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެންޑިޑެސީ ބާތިލް ކުރުމަށް މަސައްކަތް ކުރަމުންދާތީ އެކަމާއި ދެކޮޅަށް އިހްތިޖާޖު ކުރުމަށެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މިރޭގެ ބައްދަލުވުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށާއި ޝަރުއީ ދާއިރާށް ޤައުމީ މަޖިލީހުގެ މެންބަރުން ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެންމެ ބޮޑަށް ފާޑު ކިޔުން އަމާޒުވީ އާދަމު މުހައްމަދު އަބުދުﷲ އާއި، ޑރ.އަބުދުﷲ ދީދީއާއި، އަލީ ހަމީދުއާއި އަބުދުﷲ ސައީދަށެވެ.
ސުޕްރީމް ކޯޓުގެ 7 ފަނޑިޔާރުން ވަކިކުރަން އެމްޑީޕީން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ