މަރާއި ހައްދުގެ ހުކުމްތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން 30 ދުވަހުގެ މުއްދަތެއް

މަރާއި ހައްދުގެ މައްސަލަތަކުގައި ހައި ކޯޓުން ކުރާ ހުކުމްތައް 30 ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ޖެހޭ ގޮތަށް ރާއްޖޭގެ އެންމެ މަތީ ކޯޓުން ހަމަޖައްސައިފި އެވެ. އެ ދެ ބާތުގެ ކުށް އެ މުއްދަތުގައި އިސްތިއުނާފް ނުކޮށްފި ނަމަ އެ މައްސަލަ ދެން އެ ކޯޓަށް ހުށަހަޅަން ޖެހޭނީ ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ކަމަށް ވެސް ވަނީ ބުނެފަ އެވެ. ސުޕްރީމް ކޯޓުން މިއަދު ނެރުނު ސާކިއުލާއެއްގައި ސީދާ އެ ދެ ކުށު ނަން ބުނެފައެއް ނުވެ އެވެ. އެކަމަކު ޖިނާއީ މައްސަލަތަކުގައި ހައި ކޯޓުން ކުރާ ހުކުމްތަކުގެ ތެރެއިން އެއީ ނިހާއީ ހުކުމެއް ކަން (ސައްހަ ހުކުމެއް ކަން) ސުޕްރީމް ކޯޓުން ކަށަވަރުކުރަން ޖެހޭ މައްސަލަތަކުގައި ހައި ކޯޓުން ހުކުމްކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ހުށަހަޅަން ޖެހޭނެ ކަމަށް ސާކިއުލާގައިވެ އެވެ. ސަރުކާރު ބަންދު ދުވަސްތައް ހިމެނޭ ގޮތަށް 30 ދުވަހުގެ ތެރޭގައި އެ ހުކުމްތަކުގެ އިސްތިއުނާފް ސުޕްރީމް ކޯޓަށް ހުށަނާޅައިފި ނަމަ އެ ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ސޮއިކުރައްވައި، ނެރުއްވި ސާކިއުލާގައިވެ އެވެ. މިހާރު ގާނޫނުތައް ހުރި ގޮތުން ސުޕްރީމް ކޯޓުން ކަށަވަރު ކުރުމަށް ފަހު ނޫނީ ތަންފީޒު ނުކުރެވޭނީ މަރުގެ ހުކުމާއި ހައްދުގެ ހުކުމްތަކެވެ. ޖަލު ހުކުމާއި ގޭ ބަންދާއި ޖޫރިމަނާގެ ހުކުމްތައް ދަށު ކޯޓުން ހުކުމްކުރާ ވަގުތުން ފެށިގެން ތަންފީޒުކުރަން ފެށޭނެ އެވެ. އިސްތިއުނާފް ކުރުމުގެ މުއްދަތަކީ ސަރުކާރު ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށް 90 ދުވަސް ކަމަށް ކޯޓުތަކުގެ ގާނޫނުގައި ބުނެފައި ވަނިކޮށް ސުޕްރީމް ކޯޓުން މިދިޔަ ޖެނުއަރީ މަހު ވަނީ ގާނޫނުގެ އެ ބައި އުވާލައި، ހައި ކޯޓުގައި އިސްތިއުނާފް ކުރުމުގެ މުއްދަތަކީ 10 ދުވަސް ކަމަށް ހަމަޖައްސައިފަ އެވެ. އަދި ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުގެ މުއްދަތަކީ 60 ދުވަސް ކަމަށް ވެސް ހަމަޖައްސާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ