ޕިއްލޭ ވާހަކަދެއްކީ އދ.ގެ ޗާޓާރާ ހިލާފަށް: ސުޕްރީމް ކޯޓް

ރާއްޖޭގެ ރިޔާސީ އިންތިހާބަށް ސުޕްރީމް ކޯޓުން ނުފޫޒު ފޯރުވަމުންދާކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމަށް ގެއްލުންވަމުންދާ ކަމަށް ބުނެ އދ.ގެ ހައިކޮމިޝަނާ ނަވީ ޕިއްލޭ ދެއްކެވި ވާހަކަފުޅުތަކަކީ ބަލައިގެނެވޭނެ ވާހަކަފުޅުތަކެއް ނޫން ކަމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަހްމަދު ފާއިޒު ހުސައިން ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބަށް ސުޕްރީމް ކޯޓުން މާބޮޑަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ވިދާޅުވެ ނަވީ ޕިއްލޭ މިއަދު ނެރުއްވި ބަޔާން ކުށްވެރިކޮށް އުއްތަމަ ފަނޑިޔާރު މިރޭ ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ ނަވީ ޕިއްލޭގެ ވާހަކަފުޅުތަކަކީ ކަމުގެ ހަގީގަތް ނުބައްލަވައި ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް އަދި ރާއްޖޭގެ ޑިމޮކްރަސީއާއި ގާނޫނުގެ ވެރިކަން ގާއިމު ކުރެވޭ މަސައްކަތްތަކަށް ހިތްވަރުދެއްވުމުގެ ބަދަލުގައި ރާއްޖޭގެ އެންމެ މަތީ ކޯޓާއި މެދު ދިވެހި ރައްޔިތުނާއި ބައިނަލްއަގްވާމީ ފަރާތްތަކުގެ މެދުގައި ނުރަނގަޅު ތަސައްވުރެއް ލިބޭގޮތަށް ދެއްކެވި ވާހަކަފުޅު ތަކެއް ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ނަވީ ޕިއްލޭގެ އެ ވާހަކަފުޅުތަކާއި މެދު ކަންބޮޑުވާ ކަމަށާއި، އެވާހަތަކަކީ ބަލައިގަނެވޭނެ ވާހަކަފުޅު ތަކެއް ނޫން ކަމަށެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަކީ އެއްވެސް ފަރާތަކާއިމެދު ހުޝާމަތެއް އޮތް ކޯޓެއް ނޫން ކަމަށާއި، ކޮންމެ ފަރާތަކުން ވިޔަސް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފިނަމަ، ގާނޫނުއަސާސީއާއި، ގާނޫނުތަކާއި ގަވައިދުތަކާއި އެއްގޮތްވާ ގޮތުގެމަތިން ހުރިހާ ފަރާތަކަށްވެސް ލިބިގެންވާ ހައްގުތައް ރައްކާތެރިކޮށްދީ މައްސަލަތައް ސުޕްރީމް ކޯޓުން ބަލަމުންގެންދާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ރާއްޖެއަކީ މިނިވަން މުއްތަގިއްލު އަމިއްލަ ވެރިކަމެއް ކުރާ ސިޔާދަތު ލިބިގެންވާ ގައުމެއް ކަމަށެވެ.
އދ.އަކީ ދުނިޔޭގެ ބޮޑެތި ގައުމު ތަކެކޭ އެއްގޮތަށް ކުދި ގައުމުތަކުގެ ހައްގުތައްވެސް ރައްކާތެރިކޮށް ދިނުމުގެ މަގުސަދުގައި އުފައްދާފައިވާ ޖަމިއްޔާއެއް ކަމަށް ވީހިނދު އެ ޖަމިއްޔާގެ ކޮންމެ މެންބަރު ދައުލަތަކީވެސް ހަމަހަމަ ހައިސިއްޔަތަކާއި ހައްގުތަކެއް ލިބިގެންވާ ދައުލަތެއް ކަމަށްވެސް އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
އެބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ ކޮންމެ މެންބަރު ދައުލަތަކަށްވެސް އެ ދައުލަތެއްގެ ޝަރުއީ ކަންކަމުގެ މައްޗަށް އެ ދައުލަތަކަށް ލިބިގެންވާ ސިޔާދަތާއި ބާރާއި އިސްތިގްލާލު ރައްކާތެރިކޮށްދެވޭނެ ކަމަށް އދ.ގެ ޗާޓަރުގައި ބުނެފައިވާއިރު އެ ހައްގުތަކުން ދިވެހިރާއްޖެ މަހުރޫމްވާފަދަ ގޮތަކަށް އދ.ގެ މެންޑޭޓެއްގެ ދަށުގައި ހުންނެވި ބޭފުޅަކު ވާހަކަދެއްކެވުމަކީ އދ.ގެ ޗާޓަރުގެ ދަށުންވެސް ބަލައިގަނެވޭނެ އަދި ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ގާނޫނީ ވާޖިބު އަދާކުރަމުންދާ ގޮތް ބެއްލެވުމެއްނެތި ހަގީގަތާއި ހިލާފަށް އެއްވެސް ފަރާތަކުން ދައްކާ ވާހަކަތަކަކީ ރާއްޖޭގެ ޑިމޮކްރަސީ ކުރިއެރުވުމަށާއި އަދި ރާއްޖޭގެ ގާނޫނޫގެ ހުކުމް ދަމަހައްޓަކައި އަދުލު އިންސާފުގެ ކަންކަން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކަށްވެސް ފޯރުކޮށްދެވޭ އެހީތެރިކަމެއް ނޫންކަމަށްވެސް އެބަޔާނުގައި ވިދާޅުވެފައިވެ އެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ ކޯޓުގެ ދުސްތޫރީ ވާޖިބުތަކާއި ޒިންމާތައް އަދާކުރުމަށް ކުރާ މަސައްކަތާއިމެދު ހަގީގަތާއި ހިލާފަށް އދ.ގެ ހައިކޮމިޝަނާ ފޯ ހިއުމަންރައިޓްސް ނަވީ ޕިއްލޭ ދެއްކެވި ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށްވެސް އެބަޔާނުގައި ވިދާޅުވެފައިވެ އެވެ.
އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަހްމަދު ފާއިޒު ހުސައިންގެ ބަޔާން ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ އެފަދަ ވާހަކަފުޅުތައް އެމޭރުމުން ދެއްކެވުމުގެ އެއްވެސް ހައިސިއްޔަތެއްވެސް އެކަމަނާއަށް ލިބިވަޑައިގެންފައިވާ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ