ފުލުހުން އަނިޔާކޮށް މައިބަދަ އަށް ވަނީ ގެއްލުން ދީފައި: ކުރީގެ މެމްބަރު އީސަ

މި މަހުގެ 1 ގައި އިދިކޮޅު މީހުން މާލޭގައި ކުރި މުޒާހަރާއިން ހައްޔަރުކުރުމަށް ފަހު، ފުލުހުން ކުރި އަނިޔާތަކުން އޭނާގެ މައިބަދަ އަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް، އޭޑީކޭ ހޮސްޕިޓަލްގައި މިހާރު ފަރުވާ ދެމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު އީސާ މިއަދު ވިދާޅުވެއްޖެ އެވެ. އޭޑިކޭ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާ އީސަ "ހަވީރަ"ށް ވިދާޅުވީ އަނިޔާތަކުގެ ސަބަބުން އޭނާގެ ކަރާ ދިމާލުން މައިބަދަ އަށް އަނިޔާވެ، އަދި އުނަގަނޑާ ދިމާލުން ވެސް މައިބަދައަށް އަނިޔާ ވެފައިވާ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށެވެ. އެ ކަންކަމުގެ ސަބަބުން އޭނާގެ އަތް އައްސިވުމުގެ އިތުރުން ބޮލުގެ އެނބުރުން އަދިވެސް އެބަހުރި ކަމަށް ވެސް އީސަ ވިދާޅުވި އެވެ. މައިބަދަ އަށް އަނިޔާވެފައިވާ ވާތީ، އޮޕަރޭޝަން ކުރަން ޖެހޭ ކަމަށް އޭޑީކޭގެ ޑޮކްޓަރުން ލަފާ ދީފައިވާ ކަމަށް ވެސް އީސަ ވިދާޅުވި އެވެ. އެހެންވެ ފަރުވާ ހޯދަން މާދަމާ ލަންކާ އަށް ފުރަން އީސަ ވަނީ ނިންމައިފަ އެވެ. މުޒާހަރާ ރޫޅާލުމުގެ ތެރޭގައި އީސަ ހައްޔަރު ކުރުމަށް ފަހު، ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހާފައިވާއިރު، އޭނާ ދޫކޮށްލީ މިއަދެވެ. އޭނާ ބަންދުން ދޫކޮށްލީ ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ޑޮކްޓަރު ރިކޮމެންޑް ކުރުމުންނެވެ. މުޒާހަރާގެ ތެރެއިން އީސަ ހައްޔަރުކުރީ އަނިޔާ ލިބުނު ފުލުހަކު ސަލާމަތް ކޮށްގެން ގެންގޮސް، ފުލުހުންނާ ހަވާލުކޮށްފައި ދަނިކޮށް، އަސްރަފީ ބުކްޝޮޕް ކައިރިން ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އޭގެ ކުޑައިރުކޮޅެއްގެ ކުރިން އިންޒާރުގެ ކޯލެއް އޭނާ އަށް ލިބުނެވެ. އީސަގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މޭ 2، 2015 ގައި ފުލުހުންގެ އެހީގައި އޭނާ ކޯޓަށް ގެންދަނީ. --ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން "އެވިންސް ފިހާރައާ ހަމައަށް އަރައި ހަމަވުމާއެކު އަޅުގަނޑަށް އަންނަނީ ފޯނު ކޯލެއް. ފޯނު ނެގީމާ އަޅުގަނޑަށް ދިމާއަށް ވަރަށް ހަޑިހުތުރު ބަހުން ބުނީ ކެނދިކުޅުދޫ މީހުން މާލެ އަރުވައިގެން ވެރިކަން ބަދަލުކުރާށޭ ކިޔައިގެން ފުލުހުން ލައްވައި ކަލޭ އެ މީހުންނަށް އަނިޔާ ކުރަނީއޭ. މިރޭ ކަލޭ ނަގައި، ކަލޭ ތަޅައި ސުންނާފަތި ކޮށްލާނަމޭ މި އިމާރާތުން [އެ މީހާ ބުނި]،" އީސަ ވިދާޅުވި އެވެ. އެއީ ކާކުކަން އެ ވަގުތަކު ނޭނގުނެވެ. ނަމަވެސް އެއީ ފުލުހުންގެ ތެރޭގައި އުޅޭ، އީސަގެ އުފަން ރަށް، ކެނދިކުޅުދޫގެ ޒުވާނެއް ކަން ފަހުން އެނގިވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ. ހައްޔަރު ކުރުމަށް ފަހު ފުލުހުން އޭނާ އަށް އަނިޔާ ކުރަން ފެށީ، އީސަ ވިދާޅުވި ގޮތުގައި، ލެކިއުޓް ކައިރީގައި އޮތް ފުލުހުންގެ ލޮރީއަކަށް އެރުވުމަށް ފަހު އެވެ. ފުރަތަމަ ވެސް މޫނަށް ޖެހީ ޕެޕަ ސްޕްރޭ ކަމަށާއި އެއާއެކު ފަހަތުން ބުރަކަށިމަތީގައި ބާރު އެތިފަހަރެއް ޖެހި ކަމަށް ވެސް އޭނާ ބުންޏެވެ. ފުލުހުންގެ ލޮރީގެ ތެރޭގައި ކަކޫ ޖައްސައިގެން ބަހައްޓާފައި ހުއްޓައި އީސަގެ ވާތް ފަރާތުގެ ކަނދުރާމަތީގައި ފުލުހަކު ވަރަށް ބާރަށް ތިން ފަހަރަކު ޖެހިކަމަށާއި ބޮލުގައި ވެސް އެތައް ފަހަރަކު ހެލްމެޓުން ތެޅި ކަމަށް އޭނާ ވިދާޅުވި އެވެ. "ކަލޭމެން މީހަކަށް އަނިޔާކުރަންޏާ މި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު، މީނަ ހޭ އަރުވާލާށޭ. އަންނި މި ހިންގާ ހުރިހާ ޖަރީމާއެއް ރާވައި ހިންގުވާ މީހަކީ މީނައޭ،" އޭނާ ހައްޔަރުކޮށްގެން ގެންދިޔަ ފުލުހުންގެ މީހާ، ލޮރީތެރޭގައި ތިބި އެހެން ފުލުހުންނާ ދިމާއަށް ބުނި ކަމަށް އީސަ ވިދާޅުވި އެވެ. މޭ 1 ވަނަ ދުވަހުގެ ރޭގައި ދޫނިދޫގައި އޭނާ ޑޮކްޓަރަށް ދައްކަން ގެންގޮސް ބަހައްޓާފައި ހުއްޓައި ހޭ ނެތުނު ކަމަށާއި ގޮޅިތެރޭގައި ބާއްވާފައި އޮއްވައިގެން، އެތައް ފަހަރަކު ހޮޑުލެވި، އެއް ފަހަރު ހޭ ވެސް ނެތުނު ކަމަށް އީސަ ވިދާޅުވި އެވެ. ގޮޅީގައި އޮތީ އޭނާ އެކަންޏެވެ. އީސަ އޭޑީކޭ ހޮސްޕިޓަލްގައި މިއަދު އެޑްމިޓް ކޮށްފައި.--- ހަވީރު ފޮޓޯ: ނިޝާން އަލީ އީސަގެ އިތުރުން މުޒާހަރާގައި ހައްޔަރުކުރި އެތައް ބަޔަކަށް ފުލުހުން އަނިޔާކޮށްފައިވާ ކަމަށް އެމްޑީޕީން ބުނެ އެވެ. ނަމަވެސް ފުލުހުން ބުނެފައިވަނީ އެއްވެސް މީހަކަށް ފުލުހުން އަނިޔާކޮށްފައި ނުވާނެ ކަމަށާއި ހައްޔަރު ކުރި މީހަކަށް އަނިޔާއެއް ލިބިފައިވާނަމަ އެއީ، ހައްޔަރުކުރުމުގެ ތެރޭގައި ލިބިފައިވާ އަނިޔާއެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ