އިންތިޚާބަށް މާ ބޮޑަށް ސުޕްރީމް ކޯޓުން ނުފޫޒު ފޯރުވަމުން ދޭ: ޕިއްލޭ

ރިޔާސީ އިންތިޚާބަށް ސުޕްރީމް ކޯޓުން މާ ބޮޑަށް ނުފޫޒު ފޯރުވަމުންދާ ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ފުޑުފުޑުވަމުންދާ ކަމަށް އދ.ގެ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް ނަވީ ޕިއްލޭ މިއަދު ވިދާޅުވެއްޖެ އެވެ. ޕިއްލޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިންތިޚާބުގެ ކަންތައްތަކަށް ސުޕްރީމް ކޯޓުން ތަކުރާރުކޮށް ނުފޫޒު ފޯރުވުމާ ގުޅިގެން ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ނުބައި ދިމާލަކަށް މިސްރާބު ޖަހާފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ވެރިއަކު އިންތިޚާބު ކުރަން ރާއްޖޭގެ ރައްޔިތުންނަށް ލިބިފައިވާ ހައްގު ގެއްލިފައިވާ ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. މައްސަލަތަކެއް ހުރި ކަމަށް ބުނެ މިދިޔަ މަހު ބޭއްވި އިންތިޚާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވާ އިރު އެއީ މިނިވަން، އިންސާފުވެރި އިންތިޚާބެއް ކަމަށް ރާއްޖެ އާއި ބޭރުގެ ފަރާތްތަކުން ކަނޑައަޅާފައިވާ ކަމަށް ޕިއްލޭ ވިދާޅުވި އެވެ. ނަމަވެސް އޭނާ ވިދާޅުވީ ޝަރުއީ ނިޒާމުގެ މުސްތަގިއްލުކަމާއި ވަކި ފަރާތަކަށް ނުޖެހި ކަންތައްތައް ނިންމުމާ މެދު ކުރިއްސުރެ ވެސް ސުވާލު އުފެދިފައިވާ ކަމަށެވެ. "އާއްމު ގޮތެއްގައި އަޅުގަނޑަކީ ޖުޑީޝަރީގެ މުސްތަގިއްލުކަން ހިމާޔަތްކުރުމަށް އެންމެ ފުރަތަމަ ވަކާލާތުކުރާ ފަރާތް ކަމަށް ވިޔަސް އެކަމާ ގުޅިގެން ޒިންމާތަކެއް ވެސް އުފުލަން ޖެހެ އެވެ. ފަނޑިޔާރުން އަމަލު ކުރަން ޖެހޭނީ އދ.ގެ ބޭސިކް ޕްރިންސިޕްލްސް އޮން ދަ އިންޑިޕެންޑެންސް އޮފް ޖުޑީޝަރީ އާއި ދަ ބެންގެލޯ ޕްރިންސިޕްލްސް އޮފް ޖުޑީޝަލް ކޮންޑަކްޓްގެ އިތުރުން ރާއްޖޭގެ ޝަރުއީ ދާއިރާގެ އަމިއްލަ ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތްވާ ގޮތުގެ މަތިން މިނިވަންކަމާއި މުސްތަގިއްލުކަމާ އެކު ވަކި ފަރާތަކަށް ނުޖެހި މައްސަލަތައް ނިންމުމަށެވެ،" ބަޔާނުގައިވެ އެވެ. ޕިއްލޭ ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުން ދަނީ އެ ކޯޓުގެ ނިންމުންތަކަށް ފާޑުކިޔާ ގާނޫނީ ވަކީލުންނާއި މީޑިއާގެ ފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން މަސައްކަތްކުރަމުންނެވެ. އަދި ޖުޑީޝަރީ އަށް ފާޑުކިޔާ ބައެއް އަމިއްލަ ޖަމިއްޔާތައް އުވާލާނެ ކަމުގެ ބިރު ސަރުކާރުން ދެމުންދާ ކަމަށާއި ކުރީގެ މައްސަލަތައް އަލުން ފެންމަތިކޮށްގެން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ ގޮނޑި ގެއްލުވާލަން މަސައްކަތްކުރަމުންދާ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. "[ސުޕްރީމް] ކޯޓުން ވަނީ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ބުރަ ބޮޑު ވާނެ ފަދަ، ފުރިހަމަ ކުރަން އުނދަގޫ ގައިޑްލައިނެއް ދީފަ އެވެ... ސުޕްރީމް ކޯޓުން އަމާޒު ހިފާފައިވަނީ އެހެން މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލާ، ފާޑުކިޔުންތަކާއި އާއްމު ބަހުސްތައް ނައްތާލާ ކޯޓަށް ހުށަހަޅާ މައްސަލަތަކުގައި ޝާމިލްވާ ފަރާތްތަކުގެ ހައްގުތަކަށް އުނިކަން އަންނާނެ ގޮތަކަށެވެ،" ބަޔާނުގައިވެ އެވެ. އެހެންކަމުން ޑިމޮކްރެސީ އާއި ގާނޫނުގެ ހުކުމް ރާއްޖޭގައި ދެމެހެއްޓުމަށްޓަކައި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ ކޮންމެ ކެންޑިޑޭޓަކު ވެސް ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހު ކުރަން ޖެހޭނެ ކަމަށް ޕިއްލޭ ވިދާޅުވި އެވެ. އަދި މި ފުރުސަތުގައި ޑިމޮކްރެޓިކް ނިޒާމުގެ ސައްހަކަން ދެމެހެއްޓުމަށް ހުރިހާ ޕާޓީއަކުން ވެސް މަސައްކަތްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ބަޔާނުގައި ޕިއްލޭ ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް )އެޗްއާރުސީއެމް( އާއި ބައެއް އަމިއްލަ ޖަމާއަތްތަކުގެ މެމްބަރުންނަށް މަރުގެ އިންޒާރު ދިނުމާއި ރާއްޖެ ޓީވީ އަންދާލި މައްސަލައާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަދި އެ ކަންތައްތަކުގައި ބައިވެރިވާ އެންމެހާ ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް ކަމާ ބެހޭ ފަރާތްތަކަށް އޭނާ ގޮވާލެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ