ފަލަސްތީނުގެ ދައުލަތާ މެދު ގޮތެއް ނިމެންދެން އިޒްރޭލުގެ މައްސަލަ ބެލުން ބައިނަލްއަގުވާމީ ކޯޓުން ފަސްކޮށްފި
ދަ ހޭގް (އޭޕްރީލް 4) - ފަލަސްތީނުގެ ދައުލަތާ މެދު އދ. އިން ގޮތެއް ނިންމަންދެން، އިޒްރޭލުގެ ހަނގުރާމައިގެ ކުށްތަކާ ބެހޭ ޝަރީއަތް ކުރިއަށް ނުގެންދަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ނިންމައިފި އެވެ. އައިސީސީގެ ޕްރޮސިކިއުޓަރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އދ.ގެ މުއާހަދާތަކާއި ގަރާރުތަކުގެ ދަށުން ފަލަސްތީނަށް ދައުލަތެއްގެ ދަރަޖަ ދިނުމަށް ޝަރުތު ހަމަވޭތޯ، އދ.ގެ އިދާރާތަކުން ބަލައި ނިމެންދެން އިޒްރޭލުގެ މައްސަލަ މަޑުޖައްސާލަން ނިންމާފައިވާ ކަމަށެވެ. ފަލަސްތީނުން 2009 ވަނަ އަހަރު ވަނީ 2008- 2009 އަށް ގާޒާގައި ހަނގުރާމަކުރި ދުވަސްވަރު ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ހަނގުރާމައިގެ ޖަރީމާތައް އައިސީސީން ބެލުމަށް އެއްބަސްވެފަ އެވެ. އެގޮތުން 2002 ވަނަ އަހަރުގެ ޖުލައި މަހާ ހިސާބުން ފެށިގެން ހިނގާފައިވާ ކަންކަން ބެލުމަށް އައިސީސީން ވަނީ ނިންމައިފަ އެވެ. ނަމަވެސް އައިސީސީން ބުނީ އެ ކޯޓުން އިޒްރޭލުގެ މައްސަލަތައް ބެލުން ފަސްކުރީ ބައިނަލްއަގުވާމީ މިންގަނޑުތަކުގެ މައްޗަށް ނޫން ކަމަށާއި އެހެންވެ އދ.ގެ ސަލާމަތީ މަޖިލީހުން ނުވަތަ އދ.ގެ ފުރިހަމަ މެންބަރު ގައުމަކުން އެދިއްޖެ ނަމަ ތަހުގީގު ފެށޭނެ ކަމަށެވެ. އދ.ގެ ފުރިހަމަ މެންބަރަކަށް ވުމަށް ފަލަސްތީނުން އެދިފައި ވިޔަސް ފަލަސްތީނަށް އެކަން އަދި ކާމިޔާބުވާ ގޮތެއް ނުވެ އެވެ. ފަލަސްތީނުގައި އިޒްރޭލުން ހަނގުރާމައިގެ ޖަރީމާ ހިންގާފައިވާ ކަމަށް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ތުހުމަތުކުރާއިރު އައިސީސީގެ ނިންމުމަށް އެ ޖަމާއަތްތަކުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. ނަމަވެސް އިޒްރޭލުން ވަނީ އެ ނިންމުމަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނީ އައިސީސީ އަކީ ސިޔާސީ ނުފޫޒު ވަދެފައިވާ، ހަމަހަމަކަމެއް ނެތް ތަނެއްގެ ގޮތުގައި ބެލުމަށް މިހާރު ދޮރެއް ހުޅުވުނީ ކަމަށެވެ. އަނެއްކޮޅުން އިޒްރޭލުގެ ފޮރިން މިނިސްޓްރީން ބުނީ ފަލަސްތީނާ ގުޅުން ހުރި މައްސަލަތައް ބެލުމުގެ އިހްތިސާސް މިވަގުތަށް އައިސީސީ އަށް ނެތް ކަމަށް ނިންމުމަކީ ވަރަށް އިންސާފުވެރި ނިންމުމެއް ކަމަށެވެ. "މި މައްސަލަ ބެލުމުގެ އިހްތިސާސް އައިސީސީ އަށް ނެތް ކަމަށް އެންމެ ފުރަތަމަ ވެސް އިޒްރޭލުން ބުނިން،" ފޮރިން މިނިސްޓްރީން ބުންޏެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ