ރިޔާސީ އިންތިހާބުގެ ވޯޓާ ގުޅިގެން ފުލުހުން ތައްޔާރުކުރި ފޮރެންސިކް ރިޕޯޓް މަޖިލީހަށް ފޮނުވައިދޭން އެދެފި
ސެޕްޓެމްބަރު 7ގެ އިންތިހާބު ބާތިލުކުރުމުގައި މައިގަނޑު މަސްދަރެއްކަމަށް ސުޕްރީމް ކޯޓުން ބެއްލެވި ފޮރެންސިކް ރިޕޯޓްގެ ކޮޕީއަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ފޮނުވައި ދެއްވުމަށް މިއަދު އެދެފި އެވެ. އިއްޔެ ބާއްވަން އޮތް އިންތިހާބު ފުލުހުން ހުއްޓުވިކަމަށް ބުނާ މައްސަލައާ ގުޅިގެން ބޭއްވި 241 ކޮމިޓީގައި އެ ރިޕޯޓް ފޮނުވައި ދެއްވުމަށް ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ މެމްބަރު އަހްމަދު ސަމީރެވެ. ނަމަވެސް ރިޕޯޓް ފޮނުއްވައި ދެއްވުމަށް ރިޔާޒު ފުރަތަމަ އިއުތިރާޒު ކުރެއްވެވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޝަރުއީ މަރުހަލާ ފިޔަވައި އެހެން ފަރާތަކަށް މީގެ ކުރިން އެފަދަ އެއްޗެއް ހިއްސާއެއް ނުކުރެ އެވެ. އެހެންވެ ރިޕޯޓް ފޯރުކޮށްދޭނީ އެކަމުގައި ގާނޫނީ ލަފާ ހޯދުމަށް ފަހު ކަމަށް ރިޔާޒު ވިދާޅުވި އެވެ. ރިޔާޒު އެހެން ވިދާޅުވުމުން ކޮމިޓީގެ މުގައްރިރު، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ދައުލަތުގެ ސިއްރު ކޮންމެ އެއްޗެއް ވެސް 241 ކޮމިޓީއަށް ހޯދޭނެ ކަމަށާއި އެ ތަކެތި ކޮމިޓީގައި ވެސް ހުންނާނީ ސިއްރު އެއްޗެއްގެ ގޮތުގައި ކަމަށެވެ. އެހެންވެ ކޮމިޓީން އެދިފައިވާ ގޮތަކަކަށް އެ ރިޕޯޓްގެ ކޮޕީއެއް ލިބޭނެ ގޮތް ހައްދަވައި ދެއްވުމަށް ވަނީ ހުށަހަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ