އަގުބޮޑު އިނާމްތަކާ އެކު "ހަވީރު"ން ކުރުވާހަކަ ލިޔުމުގެ މުބާރާތެއް ހުޅުވާލައިފި

އަގުބޮޑު އިނާމްތަކާ އެކު "ހަވީރު"ން ކުރުވާހަކަ ލިޔުމުގެ މުބާރާތެއް މިއަދު ހުޅުވާލައިފި އެވެ. "ފިނި ހަވީރު"ގެ ނަމުގައި ވާހަކަ ލިޔުމުގެ މުބާރާތެއްގެ ގޮތުގައި ހުޅުވާލާ މި ފުރުސަތުގައި ހަވީރަށް ފޮނުވާ ވާހަކަތަކުގެ ތެރެއިން އެންމެ މޮޅު 30 ވާހަކަ ހޮވުމަށް ފަހު، ރޯދަ މަހުގެ ކޮންމެ ދުވަހަކު އެއިން ވާހަކައެއް "ހަވީރާ"އި "ހަވީރު އޮންލައިން"ގައި ޝާއިއުކުރާނެ އެވެ. އާންމުކޮށް އެންމެންނަށް ހުޅުވާލާފައިިވާ މި މުބާރާތުން އެއް ވަނަ އަށް ހޮވޭ މީހަކަށް އިނާމެއްގެ ގޮތުގައި 10،000ރ. ދޭގޮތަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ދެ ވަނަ އާއި ތިން ވަނަ ވެސް ހޮވައި އަގުބޮޑު އިނާމްތަކެއް ދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. "އެންމެ މޮޅު ވާހަކަ ފޮނުވާ ފަރާތަށް ލިބޭ އިނާމަށް ވުރެ އެންމެ ހާއްސަ ކަމަކީ ހަވީރުގައި ވާހަކަ ލިޔުމުގެ ފުރުސަތު އެ ފަރާތަކަށް ލިބުން. އަޅުގަނޑުމެން ނިންމާފައި ވަނީ މުބާރާތުން އެއް ވަނަ އަށް ހޮވޭ މީހަކަށް ހަވީރުގައި ވާހަކަ ލިޔުމުގެ ދާއިމީ ފުރުސަތެއް ދޭން. މިގޮތަށް ވާހަކަ ލިޔުމުގެ ފުރުސަތަށް ހަވީރުގެ ވަރަށް ގިނަ ކިޔުންތެރިން އެދޭ. އެހެންވެ މިއީ އެފަދަ ފަރާތްތަކަށް ރޯދަ ހަދިޔާއެއްގެ ގޮތުގައި ހުޅުވާލާ ފުރުސަތެއް،" ހަވީރުގެ އޮފިޝަލަކު ވިދާޅުވި އެވެ. އޮފިޝަލް ވިދާޅުވީ އެންމެ މޮޅު ވާހަކަ ހޮވުމުގައި ފަސް ކަމަކަށް ބަލާނެ ކަމަށެވެ. އެގޮތުން 50 ޕަސެންޓް ދޭނީ އޮންލައިންގައި ވާހަކަ ޝެއާކުރާ އަދަދަށެވެ. އަދި ހުށަހަޅައިދިނުމާއި ވާހަކައިގެ ތަފާތުކަމާއި ޝައުގުވެރިކަން ހިފެހެއްޓުމަށް، އޭގެ ތެރެއިން ކޮންމެ ބަޔަކަށް 10 ޕަސެންޓް ކަނޑައަޅާފައިވެ އެވެ. އަނެއް 20 ޕަސެންޓަކީ ވާހަކައިގެ ކޮންސެޕްޓަށް ދޭ މާކްސް އެވެ. "ފޭސްބުކާއި ޓްވިޓާގައި ވާހަކަ ޝެއާކުރާ އަދަދުން އަޅުގަނޑުމެން މި ބަލަނީ ކިޔުންތެރިންގެ ތަރުހީބު އޮތް މިންވަރު. އެހެންވެ އެންމެ ގިނައިން މާކްސް ލިބޭނީ މަގުބޫލު ކަމަށް. ދެން ހުރި ބައިތަކަށް މާކްސް ދޭނީ ހަވީރުން ކަނޑައަޅާ ތަޖުރިބާކާރު ޕެނަލަކުން. އެ ޕެނަލްގައި ވާހަކަ ލިޔުންތެރިން ވެސް ހިމެނޭނެ،" އޮފިޝަލް ވިދާޅުވި އެވެ. މި މުބާރާތަށް ފޮނުވާ ވާހަކަތަކުގެ ދިގުމިނަކަށް ވާންޖެހޭނީ 1،000-1،300 ބަހެވެ. އަދި މީގެ ކުރިން ޝާއިއު ކޮށްފައިވާ ވާހަކައެއް ވެސް މުބާރާތުގައި ބައިވެރިއެއް ނުކުރެވޭނެ އެވެ. ވާހަކަތައް ފޮނުވާނީ މައިކްރޮސޮފްޓް އޮފީސް ވޯޑް ފޯމެޓްގައި vaahaka@haveeru.com.mvއަށެވެ. ވާހަކަތައް ފޮނުވާނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ