ކަރަންޓު ނެތިގެން ޓްރާންސްޕޯޓު އޮތޯރިޓީގެ މަސައްކަތްތައް ހުއްޓާލައިފި

ޓްރާންސްޕޯޓު އޮތޯރިޓީގެ ކަރަންޓު ވަޔަރުތަކަށް މައްސަލަ ދިމާވެ އެތަނުގެ ހޮޅިބުރިތައް ނުދިއްލިގެން ހިދުމަތް ދިނުން ހުއްޓާލައިފިއެވެ.
އެއޮތޯރިޓީގެ މުވައްޒަފަކު ވިދާޅުވީ އެއްވެސް އަލި ކަމެއް ނެތި އަނދިރީގައި މަސައްކަތް ކުރަމުންދާތާ މިހާރު ހަފްތާއެއްހާ ދުވަސް ވެފައިވާ ކަމަށެވެ. އަދި މަސައްކަތް ހުއްޓާލާފައިވަނީ އިހުތިޖާޖު ކުރުމުގެ ގޮތުން ނޫން ކަމަށާއި މަސައްކަތް ކުރެވޭނެ ގޮތެއް ނެތިގެން ކަމަށް ވެސް އެތަނުގެ މުވައްޒަފުން ބުންޏެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެއޮތޯރިޓީގެ ޗެއާމަން އަބުދުއްރަޝީދު ނާފިޒު ވިދާޅުވީ އެމައްސަލަތައް ހައްލު ކުރުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށާއި މިއަދުގެ ވަގުތެއްގައި ހައްލެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ނާފިޒު ވިދާޅުވީ އެއޮތޯރިޓީ ހިނގަމުން އަންނަ ތަން މަރާމާތު ނުކުރާތާ މިހާރު 10 ވަރަކަށް އަހަރުވެފައިވާ ކަމަށެވެ.
"ވާރޭ ވެހުނަސް މިމައްސަލަ ދިމާވޭ، އަނެއްކާ މުޅި މިއިމާރާތުގެ ހުރިހާ ތަނެއްގައި ވެސް މީދަލުގެ މައްސަލަ ބޮޑު. ހެނދުނު އަންނަ އިރު އެބަ ހުރޭ ކަރަންޓު ވަޔަރުތައް ކަނޑާލާފައި ވެސް. އަޅުގަނޑުމެން ކަމާ ބެހޭ ފަރާތްތަކަށް ވާނީ ދަންނަވާފައި. ކަމާ ބެހޭ މީހުން ގެނެސްގެން މިތަން ދައްކައިވެސްފިން، އެމީހުން ބުނަނީ އަލުން ވަޔަރު ކުރާށޭ ޖެހެނީ،" ނާފިޒު ވިދާޅުވިއެވެ.
ހޮޅިބުރިތަކަށް މައްސަލަ ދިމާވެފައިވާ އިރު ކޮމްޕިއުޓަރުތަކުން ވެސް އިރުއިރުކޮޅާ ކަރަންޓު ކެނޑޭ ކަމަށް ނާފިޒު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ