އަލިފާނުގެ ހާދިސާއެއްގައި ރޭ ބޮޑެތި ގެއްލުންތަކެއް ލިބުނު ކ. ދިއްފުށީ ސްކޫލަށް ޒިޔާރާތް ކުރައްވާ، އެ ސްކޫލަށް ލިބުނު ގެއްލުންތައް ފޫބެއްދުމަށް އެހީތެރިވެ ދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރާއްޖެ ގިނަ ސްކޫލްތަކަށް ބޮޑެތި އެހީތައް ވެވަޑައިގެންފައިވާ ގާސިމް ވަނީ މިއަދު ދިއްފުއްޓަށް ވަޑައިގެން އެ ރަށު ސްކޫލަށް ރޭ ލިބުނު ގެއްލުންތައް ބައްލަވާލައްވާ ދިރާސީ އަހަރު ފެށެންވާއިރަށް ބޭނުންވާނެ ކަންކަން އޮޅުންފިލުއްވާފަ އެވެ. ޓްރާންސްޕޯޓް މިނިސްޓަރާއި އެނާޖީ މިނިސްޓަރާއި އިކްނޮމިކް މިނިސްޓަރާއެކު އެމަނިކުފާނު ދިއްފުއްޓަށް ވަޑައިގެން ސްކޫލްގެ އޮފީސް އިމާރާތަށް ލިބުނު ބޮޑެތި ގެއްލުންތައް ބައްލަވާލައްވާ ދަރިވަރުންނަށާއި ސްކޫލްގެ ވެރިންނަށާއި ދިއްފުށީ ރައްޔިތުން ލިބުނު މާޔޫސް ކަމުގައި ބައިވެރިވެ ވަޑައިގެން ހެޔޮ އެދުންތައް ފާޅު ކުރެއްވި އެވެ.
އެ ޒިޔާރަތުގައި އެ މަނިކުފާނު ވިދާޅުވީ އަންނަ ޖެނުއަރީ 12 ގައި ދިރާސީ އާ އަހަރު ފަށާއިރު ސްކޫލުގައި ކިޔަވައިދެވޭވަރު ކުރަން އެމަނިކުފާނަށް ވެދެއްވެން އޮތް ހުރިހާ އެހީތެރި ކަމެއް ވެދެއްވާނެ ކަމަށެވެ. އަދި ސްކޫލުގެ އެހެން އިމާރާތްތައް ބައްލަވައި ލައްވައި، އެ ސްކޫލުގެ ތަރައްގީއަށް ރޭވިފައި ހުރި މަޝްރޫޢުތަކުގެ މައުލޫމާތު އޮޅުން ފިލުއްވެވި އެވެ.
ގާސިމް މިއަދު ދިއްފުއްޓަށް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.
ދިއްފުށީ ސްކޫލްގެ އިދާރީ އޮފީސް އިމާރާތް އަނދައި ހުލިވީ ރޭ މެންދަމު ހިނގި އަލިފާނުގެ ހާދިސާއެއްގަ އެވެ. ގާތްގަނޑަކަށް 200 އެއްހާ ދަރިވަރުން ތައުލީމު ހާސިލް ކުރާ އެ ސުކޫލަކީ ގްރޭޑް 10 އަކަށް ކިޔަވައިދޭ ސްކޫލެކެވެ.
ދިއްފުށީ ސްކޫލަށް ލިބުނު ގެއްލުންތައް ފޫބައްދައިދޭނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ