ޝީޝާ ތިން ބެއިންގެ އެކައުންޓުން 18 މިލިއަން ރުފިޔާ ނެގި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ޝީޝާ ތިން ބެއިންގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގައި ހުޅުވާފައިވާ އެކައުންޓަކުން އޮޅުވާލައިގެން 18 މިލިއަން ރުފިޔާ ބަޔަކު ނެގުމުގައި އެ ބޭންކުގެ އިހުމާލު އޮތް ކަމަށް ކަނޑައަޅައި އެ ފައިސާ އަނބުރާ ދިނުމަށް އެ ބޭންކުގެ މައްޗަށް ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ. ޝީޝާ ތިން ބެއިންގެ ނަމުގައި އެސްބީއައި ގައި ހުޅުވާފައިވާ ޖޮއިންޓް އެކައުންޓަކުން 2011 ގައި ދެ ފަހަރެއްގެ މަތިން 18 މިލިއަން ރުފިޔާ ނަގާފައިވަނީ ވަގު ލިޔުންތަކެއް ބޭނުންކޮށްގެންނެވެ. އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން 2014 ގައި ހުކުމްކުރީ އެކަމުގައި އެސްބީއައިގެ އިހުމާލު އެބައޮތް ކަމަށާއި އެހެންވެ މަދުވި ފައިސާގެ ތެރެއިން އެހާތަނަށް ނުލިބި ހުރި 13.5 މިލިއަން ރުފިޔާ އެ ތިން ބެއިންނަށް ދިނުމަށެވެ. އެ މައްސަލަ އެސްބީއައިގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިދިޔަ އަހަރު ވަނީ ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށްފަ އެވެ. ހައި ކޯޓުގެ ހުކުމް އިސްތިއުނާފް ކުރަން އެސްބީއައިގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅީ މީގެ ދުވަސްކޮޅެއް ކުރިން ކަމަށް ވަނީ އެނގިފަ އެވެ. އެކަމަކު އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން ގޮތެއް ނިންމިކަން ސާފެއް ނުވެ އެވެ. ވަގު ލިޔުންތަކެއް ބޭނުންކޮށްގެން އެ ފައިސާ ނަގައި، ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކޮށް ބޭނުންކުރި މައްސަލާގައި އެހެން ބައެއްގެ މައްޗަށް ދައުލަތުން ވަނީ ކްރިމިނަލް ކޯޓުގައި ޖިނާއީ ދައުވާ އުފުލައިފަ އެވެ. އެ މައްސަލަ އެ ކޯޓުގައި މިހާރު ދަނީ ހިނގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ