ކޯނީގެ ނިންމުން ތަންފީޒުކުރުމާއިނުކުރުމުގެ ބާރު ރައީސަށް ލިބިވަޑައިގެންވޭ: މައުމޫނު

ވެރިކަން ބަދަލުވިގޮތް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަންމަނިކު އުފައްދަވާފައިވާ އިންކުއަރީކޮމިޝަން ( ކޯނީ)ގެ ނިންމުން ތަންފީޒުކުރުމާއި ނުކުރުމުގެ ބާރު ރައީސަށް ލިބިވަޑައިގަންނަވާނެކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމުގެ އިންތިގާލީ ރައީސް މައުމޫނު އަބުދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.
ޕީޕީއެމުން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ ރައީސް ވަހީދުގެ ގަރާރަކުން އުފައްދަވާފައިވާ ކޯނީގެ ނިންމުންތަކަކީ ހުކުމެއް ނޫންކަމަށާއި އެއީ ރައީސަށް އަރުވާ ލަފާފުޅެއްކަމަށެވެ.
"ކޯނީން އަރުވަނީ ލަފާއެއް. އެއަށް އަމަލުކުރުމާއި ނުކުރުމުގެ އިހުތިޔާރު ރައީސް ވަހީދަށް ލިބިވަޑައިގަންނަވާނެ. ކޮމިޝަނުގެމަސައްކަތަކަށްވާނީ ހަވާލުކުރި މަސައްކަތް ނިންމާ ލަފާއެރުވުން،" އިމާދުއްދީން ސްކޫލުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް މައުމޫނު ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ކޯނީގެ ހަމައެކަނި މަސައްތަކަކީ ހަތެއް ފެބްރުއަރީ ގައި ވެރިކަން ބަދަލުވެގެން ދިޔައީ ބަޣާވާތަކުންތޯ ނުވަތަ ނޫންތޯ ކަނޑައެޅުން އެކަނި ކަމަށެވެ. އަދި އެދުވަހު ރާއްޖެއަށް އައީ އިންގިލާބެއްތޯ ނުވަތަ ނޫންތޯ ނިންމެވުން އެކަނިކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
ކޯނީގެ ރިޕޯޓާގުޅިގެން ބައެއް މީހުން ކަންބޮޑުވާކަން ފާހަގަކުރައްވާ ރައީސް މައުމޫނު ވިދާޅުވީ އެއީ ޕީޕީއެމްގެ އެއްވެސް މީހަކު ކަންބޮޑުވާޖެހޭ ކަމެއް ނޫންކަމަށާއި އަދި ކޯނީގައި ތިއްބެވި ބޭފުޅުންނަކީ ގަދަރުވެރި ބޭފުޅުން ކަމުން އެބޭފުޅުން ވެސް ހަގީގަތާއި ދެކޮޅަށް އެއްވެސް ކަމެއް ނުނިންމާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ