ވައްކަމާއި ފޭރުމުގެ މައްސަލަތައް އިތުރުވިޔަނުދީ ދެމެހެއްޓުމަށްޓަކައި ރައްޔިތުން މިހާރަށްވުރެ ބޮޑަށް މިކަމަށް ސަމާލުވެ ހޭލުންތެރިވުން މުހިއްމުކަމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު ސައުދީ ވިދާޅުވެއްޖެއެވެ.
ކުށްމަދު ކުރުމަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކާއި ބެހޭ ގޮތުން ސެންޓަރަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް އޭސީޕީ ސައުދީ މޯލްޑިވްސް ޕޮލިސް ސާވިސްގެ މީޑީއާ ޔުނިޓަށް ދެއްވި ބަސްދީގަތުމެއްގައި ވައްކަމާއި ފޭރުމުގެ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއްދީގެ ފުލުހުން ކުރަން ފެށި މަސައްކަތުން އެފަދަ މައްސަލަތައް ވަރަށް ބޮޑަށް މަދުކުރެވެމުންދާ ކަމަށާއި އެހެންކަމުން މިހާރަށްވުރެ އެފަދަ މައްސަލަތައް މަދުކުރެވި އެގޮތުގައި އެކަން ދެމެހެއްޓޭނީ ރައްޔިތުންގެ ހޭލުންތެރިކަން އިތުރު ވެގެންކަމަށެވެ.
އޭނާ ވިދާޅުވީ ވައްކަން ކުރާ މީހުން އެކަން ކުރަނީ ވަރަށް ބޮޑަށް ރާވައިގެން ކަމަށާއި އެކަމަށް ވައްކަން ކުރާ ފަރާތްތަކަށް ފުރުސަތު ނުދިނުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރެވިދާނެ ކަމަށެވެ. މިގޮތުން ގޭގޭގެ ކޮޓަރިތަކާއި ކަބަޑުފަދަ ތަންތަން ރަނގަޅަށް ތަޅުލައިގެން ބެލެހެއްޓުމާއި ފިހާރަތަކާއި ކުންފުނިތަކުންވެސް ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އިތުރަށް އަޅައި ރައްކާތެރިވުން މުހިއްމު ކަމަށެވެ.
ފަތިސް ނަމާދުގެ ވަގުތުތަކަކީ ވައްކަން ކުރާ ފަރާތްތަކުން އަބަދުވެސް ފާރަވެރިވެ ތިބޭ ވަގުތުތަކެއް ކަމަށާއި އެހެންކަމުން ނަމާދަށްދާ ވަގުތުތަކުގައި ވެސް ގޭގެއާއި ފިހާރަތައް ތަޅުލުން މުހިއްމު ކަމަށް ސައުދީ ވިދާޅުވިއެވެ.
ވަކިން ހާއްސަކޮށް ފިހާރަތަކާއި އެކިއެކި އޮފީސްތަކުން ވެސް ވައްކަންކުރާ މައްސަލަތައް ފުލުހުންނަށް ހުށަހެޅެމުންދާއިރު ގިނަފަހަރަށް އެފަދަ ތަންތަނުން ވައްކަން ކުރަނީ އެތަންތަނުގައި ފައިސާ ބަހައްޓާތަންތަން އެނގޭ މީހުން ކަމަށްވުމާއެކު އެކަމަށް ވެސް ސަމާލުވެ އަޅަންޖެހޭ ފިޔަވަޅުތައް އެޅުން މުހިއްމު ކަމަށް ވެސް ސައުދީ ވިދާޅުވިއެވެ.
ވައްކަމުގެ މައްސަލަތަކުގެ އިތުރުން ފޭރުމުގެ މައްސަލަތައް ވެސް އިތުރުވިޔަ ނުދީ އެކަން ވެސް ކޮންޓްރޯލް ކުރެވިފައިވާކަމަށް ސައުދީ ވިދާޅުވިއެވެ. މިހެންކަމުން މަގުމަތީގައި އަތްދަބަހާއި ވޮލެޓާއި ޕާސް ފަދަތަކެތި ގެންގުޅޭއިރު އެތަކެއްޗަށް ސަމާލުކަން ދިނުން މުހިއްމުކަމުގައި ވެސް ސައުދީ ވިދާޅުވިއެވެ. ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކަށް ބަލާއިރު އުމުރުން ދުވަސްވެފައި ތިބޭ މީހުންނާއި ހިނގައި ބިނގާވެ އުޅުމުގައި ދަތިތައް ހުންނަ މީހުން އަތުން ފޭރުމުގެ މައްސަލަތައް ގިނަކަން ފާހަގަ ކުރެވިފައިވާތީ އެފަދަ ކަންކަމާމެދު މުޖުތަމައު ހޭލުންތެރިވާން ޖެހޭ ކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
ހާއްސަ ގޮތެއްގައި އަންހެން ބޭފުޅުން މިކަމަށް ސަމާލުކަން ދިނުން މުހިއްމުކަން ފާހަގަ ކުރެއްވިއެވެ.
އަދި އަގުބޮޑު ގަހަނާފަދަތަކެތި އަތްދަބަހުން ފޭރިގަންނަކަން ފާހަގަ ކުރެވިފައިވާތީ އަގުބޮޑު ގަހަނާފަދަ ތަކތި އަތްދަބަހުގައި ގެންގުޅުމުގެ ބަދަލުގައި ރައްކާތެރި އެހެން ގޮތެއް ހޯދުން މުހިއްމުކަމަށް ވެސް ސައުދީ ވިދާޅުވިއެވެ.
ކުށްމަދުކުރުމަށް ރައްޔިތުން ހޭލުންތެރިވުން މުހިއްމު: އޭސީޕީ ސައުދީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ