ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްްޖެއިން ކޮސޯވޯގެ މިނިވަންކަން ބަލައިގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހުށަހެޅުއްވި ގަރާރަކަށް ބަހުސް ކުރާނެ މެމްބަރަކު ނުވުމުން އޭނާ އެކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްްވައިފި އެވެ.
ކޮސޯވޯގެ މިނިވަންކަން ރާއްޖެއިން ބަލައިގަތުމުގައި އޭރުގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ރިޝްވަތު ހިއްޕަވާފައިވާ ކަމަށް ވެސް އެ ގަރާރުގައި ތުހުމަތުކޮށްފައިވެ އެވެ. އެއާ އެކު ގަރާރުގައި ގޮވާލާފައި ވަނީ ކޮސޯވޯގެ މިނިވަންކަން ބަަލައިގަތުމުގައި އަމަލުކޮށްފައިވާ ގޮތް މަޖިލީހުން ބެލުމަށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މޮސްޓާ ގަރާރު ހުށަހެޅުއްވުމުން އެ ގަރާރުގެ ބަހުސްގައި އެއްވެސް މެމްބަރަކު ބައިވެރިވެވަޑައި ނުގެންނެވި އެވެ. އެހެންވެ ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބަހުސްގައި ބައިވެރިވެވަޑައިގަންނަވަން އެއްވެސް މެމްބަރަކު އެދިވަޑައިގެންފައި ނުވާ ކަަމަށެވެ. އެހެންވެ ގަރާރާ ބެހޭ ގޮތުން ފަހު ބަސް އިއްވަން މޮސްޓާ އަށް ފުރުސަތު ދެއްވި އެވެ.
އެ ފުރުސަތުގައި އޭނާ ވިދާޅުވީ އެ ގަރާރަށް ފަހު ބަސް އިއްވުމުގެ ބޭނުމެއް ވެސް ދެން ނެތް ކަމަށާއި ގަރާރު ދެން ޖެހޭނީ ދޫކޮށްލަން ކަމަށެވެ. އެއާ އެކު އޭނާ ތުހުމަތު ކުރެއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަގުވެއްޓޭ ގޮތަށް ކަމެއް ކުރިއަށް ގެންދަން މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން ބޭނުންނުވާނެ ކަމަށެވެ.
Kosovo ge minivankan balaigathumakee hedhunu goaheh: Nasheed
Mihaaru
އެގޮތަށް ތުހުމަތު ކުރެއްވުމުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ނިޒާމާ ބެހޭ ނުކުތާތެއް ނަންގަވައި ވިދާޅުވީ ބަހުސްގައި ބައިވެރިވާން މަޖުބޫރުވާ އުސޫލެއް މަޖިލީހުގައި ނޯންނަ ކަމަށާއި އެއީ މެމްބަރުންގެ އިހުތިޔާރުގައި އޮންނަ ކަމެއް ކަަމަށެވެ. މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވީ އެ ގަރާރަކީ ގާނޫނުއަސާސީއާ ހިލާފު ގަރާރެއް ކަމަށް ގަރާރު ތާވަލް ކުރި އިރު ވެސް ވިދާޅުވެފައިވާނެ ކަމަށެވެ. އެމްޑީޕީގެ މެމްބަރުން ބަހުސްގައި ބައިވެރިވެވަޑައިނުގެންނެވީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެން އެއްވެސް ބަޔަކަށް ލިބިދީފައިވާ ބާރުތަކުގެ ވާހަކަ ނޯވޭ ގާނޫނުއަސާސީގައި ލިޔެފައެއް. އެކަމަކު ހާރިޖީ ގުޅުންތަކުގެ ސިޔާސަތު ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިވާ ބާރުގެ ތެރެއަށް އަޅުގަނޑުމެން ވަނުން ކަމަށް ވާތީ އަޅުގަނޑުމެން މި ބަހުސްގައި ބައިވެރި ނުވެ މިތިބީ،" އާޒިމް ވިދާޅުވި އެވެ.
އޭގެ ފަހުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ސުވާލުކުރެއްވީ ކޮސޯވޯގެ މިނިވަންކަން ބަލައިގަތުމުގައި އެވަރުގެ ގޯހެއް ހިނގާފައިވާ ނަމަ ގަރާރު ޑްރާފްޓްކޮށްދިން ބޭފުުޅުންގެ ވެރިކަމުގައި އެކަން ނުބަލައި އޮތީ ކީއްވެތޯ އެވެ. އެކަން އޭރު ނުބަލައި އޮތީތީ އަޖައިބުވާ ކަމަށާއި މިހާރު އެ މައްސަލަ ހުށަހެޅުމަކީ މަޖިލީހުގެ ވަގުތު ނަގައިލުން ކަަމަށް އޭނާ ވިދާޅުވި އެވެ.
"ގަރާރު ހުށަހެޅުއްވި މެމްބަރަކީ ދެއުޅިއެއްނުވާ މޮޔައަކަށް ވިޔަސް އަޅުގަނޑުމެންގެ ސިކުނޑީގައި ތެތްކަމެއް އެބަހުރި ވިއްޔަ،" އަހުމަދު އީސާ ވިދާޅުވި އެވެ.
އެ ވާހަކަ އަށް ރައްދު ދެއްވައި މޮސްޓާ ވިދާޅުވީ ގަރާރު ޑްރާފްޓް ކޮށްދެއްވީ އަހުމަދު އީސާ ކަމަށެވެ. އެއީ ދޮގެއް ކަމަށް ވިދާޅުވެ ރިޔާސަތުން އޭނާގެ ވާހަކަ ހުއްޓުވި އެވެ.
އަހުމަދު އީސާއާ މޮސްޓާ އާ ދެމެދު އޭގެ ފަހުން ހޫނު ޒުވާބެއް ވެސް ހިނގި އެވެ.
ކޮސޯވޯ ގަރާރަށް ބަހުސްކުރާނެ މެމްބަރަކު ނުވުމުން މެމްބަރު ހިތްހަމަނުޖެހިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ