އެޗްޕީއޭގެ އުސޫލާ ހިލާފުވި 258 ތަނެއް ބަންދުކުރި

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޗްޕީއޭ އިން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް، ވިޔަފާރިކުރާ ތަންތަނުން އަމަލުކުރޭތޯ ބެލުމަށް ކުރިއަށްގެންދިޔަ އިންސްޕެކްޝަނުގައި 1،545 ތަނެއް ބަލައި 258 ތަނެއް ބަންދުކޮށްފައިވާ ކަމަށް އެޗްޕީއޭ އިން މިރޭ ބުނެފި އެވެ.
ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި މީޑިއާ ބްރީފިންގައި އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ، މާލެ ސަރަހައްދާއި ތިލަފުށި އަދި ގުޅިފަޅު ވެސް ހިމެނޭހެން ކުރިއަށް ގެންދިޔަ އިންސްޕެކްޝަންގައި ނުވަ ޓީމެއް ހަރަކާތްތެރިވި ކަމަށެވެ. ކޮންމެ ޓީމަކުން ވެސް ކޮންމެ ދުވަހަކު މަދުވެގެން 20 ތަނެއް އިންސްޕެކްޓް ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ބަންދުކުރި ތަންތަން:
މާލެ: ބަލައި ފާސްކުރީ 1،179 ތަން، ބަންދުކުރީ 204 ތަނެއް.
ހުޅުމާލެ: ބަލައި ފާސްކުރީ 296 ތަން، ބަންދުކުރީ 48 ތަނެއް.
ވިލިމާލެ: ބަލައި ފާސްކުރީ 51 ތަން ބަންދުކުރީ 3 ތަނެއް.
ތިލަފުށި: ބަލައި ފާސްކުރީ 17 ތަން، ބަންދުކުރީ 3 ތަނެއް.
ހުޅުލެ: ބަލައި ފާސްކުރީ 2 ތަން، އެއްވެސް ތަނެއް ބަންދު ނުކުރޭ.
އޭނާ ވިދާޅުވީ ބަންދުކުރި ހުރިހާ ތަނެއްގައި ވެސް އެތަނެއް ބަންދުކުރި ސަބަބާއި ހުންނަންވީ އުސޫލު އޭނގޭނެހެން ނޯޓިސް ދީފައިވާނެ ކަމަށެވެ. އަދި ބަންދު ނުކުރާ ތަންތަނަށް އެތަން ހުރީ ގަވާއިދާ އެއްގޮތަށްކަން އެނގޭނެ ސްޓިކާއެއް ދީފައިވާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި އިންސްޕެކްޝަންގެ ތެރެއިން އެންމެ ގިނައިން ފާސްކޮށްފައިވާނީ ފިހާރަތައް ކަމަށެވެ. އަދި އެންމެ ގިނައިން ބަންދުކޮށްފައިވާނީ ވެސް ފިހާރަތައް ކަމަށް ވިދާޅުވި އެވެ.
ކާބޯތަކެތީގެ ހިދުމަތްދޭ: 486 ތަނެއް ބަލައި 92 ތަން ބަންދުކުރި އެވެ.
ފިހާރަތަކުގެ ތެރެއިން 908 ތަނެއް ބަލައި 107 ތަނެއް ބަންދުކޮށްފައި ވާއިރު 112 ސެލޫނެއް ބަލައި 51 ތަނެއް ބަންދުކުރި އެވެ. މީގެ އިތުރުން 21 ޖިމެއް ބަލައި ދެ ތަނެއް ބަންދުކުރި އެވެ. މީގެ އިތުރުން 18 މާރުކޭޓެއް ބަލައި ހަ ތަނެއް ބަންދުކުރި އެވެ.
ނާސިރު ވިދާޅުވީ ބަންދުކުރި ކޮންމެ ތަނެއް ވެސް އުސޫލާ އެއްގޮތަށް ފައްތައި ވީ އެންމެ އަވަހަކަށް ހުޅުވުމުގެ ފުރުސަތު ދީފައިވާނެ ކަމަށެވެ. އެގޮތުން އެކަމަށް ހާއްސަ ހޮޓްލައިންތަނެއް ގާއިމްކޮށް އެ ހިދުމަތް ފޯރުކޮށްދީފައިވާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާތަނަށް ނުހުޅުވި ހުރީ ހަތް ތަނެއް ކަމަށެވެ. އެއީ ދެ ސެލޫނަކާއި ކާބޯތަކެތީގެ ހިދުމަތް ދޭ ތިން ތަނަކާއި ދެ ފިހާރައެއް ކަމަށް ވިދާޅުވި އެވެ.
ނާސިރު ވިދާޅުވީ މި އިންސްޕެކްޝަންގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަވީ އާންމުންނަށް ދޭންޖެހޭ އިރުޝާދުތައް ފެންނަހެން ބަހައްޓާފައި ނެތުން ކަމަށެވެ. މުވައްޒަފުން ވެސް ގަވާއިދާއެއްގޮތަށް އަމަލު ނުކުރާކަން ފާހަގަވާ ކަމަށާއި މާރުކޭޓުތަކުގައި އަމަލުކުރަންވީ ހާއްސަ އުސޫލެއް އޮތް އިރު އެކަމަށް އެއްވެސް ވަރަކަށް ބަލަފައި ނުވާކަން ފާހަގަވި ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެންމެ އުނދަގޫ އަދި މައްސަލަ ބޮޑު ތަންތަނުގެ ގޮތުގައި ފާހަގަވީ ބިދޭސީން ހިންގާ ސެލޫންތައް ކަމަށެވެ.
މިދިޔަ މަހު އަށަކުން ފެށިގެން މި އިންސްޕެކްޝަންތައް ފެށި ނަމަވެސް އޭރު ގަވާއިދާ ހިލާފު ތަންތަން ވަގުތުން ބަންދެއް ނުކުރެ އެވެ. އެގޮތަށް އަމަލުކުރަން ފެށީ މާލެ ސަރަހައްދުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އަނެއްކާ ވެސް އިތުރުވާން ފެށުމުން އެޅި ހަރުކަށި ފިޔަވަޅެއްގެ ގޮތުން މިދިޔަ މަހު 29 އިން ފެށިގެންނެވެ.
މިމަހު އަށަކާ ހަމައަށް ކުރިއަށް ގެންދިޔަ މި އިންޕެކްޝަން ކުރިއަށް ގެންގޮސްފައި ވަނީ އެޗްޕީއޭ އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި އާއި މާލެ ސިޓީ ކައުންސިލާއި އިކޮނޮމިކް މިނިސްޓްރީ އާއި ފުލުހުންނާއި ރެޑްކްރެސެންޓާއި އެޗްޑީސީ އަދި ވެމްކޯ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ