ކަންބޮޑުވާން ޖެހޭ ކަމެއް ކުރިމަތިވެއްޖެނަމަ އަރައިގަނެވޭނީ ބޭހާ އުފާ ހޯދަން ކުރާ ކަންކަމަކުން ނޫން! ހަމައެކަނި މިމަގުން! އިން ޝާ ﷲ

ތިބާ ނިދަން އުޅެނިކޮށް ގޭގައި އަލިފާން ރޯވިކަމުގެ އަލާމް އަޅަންފެށީއެވެ. ސުވާލަކީ އެލާމް ކަނޑާލާފައި ނިދިއްޔާ އަލިފާންގަނޑު ނިވޭނެ ހެއްޔެވެ؟ ރޯވެފައިވާ އަލިފާން ނިއްވައިނުލައިފިނަމަ ގެ އަނދައިގެންދާނީ ނޫންހެއްޔެވެ؟ 
ބުނަން މިއުޅޭ ވާހަކައަކީ ދިރިއުޅުމުގައި ހިތާމައެއް ނުވަތަ ކަންބޮޑުވާންޖެހޭފަދަ ކަމެއް ކުރިމަތިވެއްޖެނަމަ އެއީ އިންޒާރުގެ ރަނގަބީލެއް ކަމަށް ޤަބޫލުކުރާށެވެ. ތިބާގެ ކިބައިގައި އިޞްލާޙްކުރަންޖެހޭ ކޮންމެވެސް ކަމެއް ހުރިކަމުގެ އިންޒާރުކަމަށްވުން އޮންނާނީ ވަރަށް ގާތުގައެވެ. ހަމަ އެއާއިއެކު އެއީ ﷲ ތައާލާ އާއި ކުއްތަންވުމަށް އިތުރަށް މަސައްކަތްކުރަން ދެއްވެވި ދަޢުވަތަކަށްވުން އެއީވެސް ސަބަބެކެވެ. 
އެހެނަސް ގިނަ ބައަކު އެކަމަކަށް ނުވިސްނައެވެ. މަސައްކަތްކުރަނީ ކޮންމެވެސް ގޮތަކުން ހިތްހަމަޖެއްސުން ހޯދުމަށެވެ. ހިތްހަމަޖެހޭނެ، އުފާވެރިކަން ލިބޭނެ ކޮންމެވެސް ކަމެއް ކުރުމަށެވެ. އެވަރަކުންވެސް ނުފުދެއެވެ. ކޮންމެވެސް ޑޮކްޓަރެއްގެ ގާތަށް ގޮސްގެން ނަފްސާނީ ބޭސްވެސް ހޯދައެވެ. 
ބުނަން ހެއްޔެވެ؟ ތިމާއަށް ހިތްދަތިކަމެއް ކުރިމަތިވެއްޖެނަމަ އެކަން ޙައްލުކުރެވޭނެ ހަމައެކަނި ގޮތަކީ ތިމާއަށް ކުށެއް ކުރެވޭނަމަ އެކަމެއް އިޞްލާޙްކުރުމެވެ. ތައުބާވުމެވެ. ﷲ ތަޢާލާ އާއި ކުއްތަންވުމަށް އިތުރަށް މަސައްކަތްކުރުމެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން އިތުރަށް މަސައްކަތްކުރުމެވެ. 
ތިމާއަށް ކުށެއްކުރެވޭކަން ފާހަގަ ނުކުރެވުނަސް ތައުބާވާށެވެ. މިބުނިމަގުން ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ގަދައަޅައި މަސައްކަތްކުރާށެވެ. އެއް ސަބަބަކީ ކުށެއް ކުރެވުނުކަން ތިބާއަށް ފާހަގަނުކުރެވިވެސް އޮވެދާނެއެވެ. އަދި މިކުރެވެނީ ފާފައެއް ނޫންކަމަށް ޤަބޫލުކުރެވިވެސް ކަމެއް ކުރެވިފައި އޮވެދާނެއެވެ. 
އެކަމުގެ އެއް މިޘާލަކީ މީހެއްގެ ހިތުގައި ޖެހޭ ގޮތަށް ބުނެވޭ ބަސްތަކެވެ. އެކަމާއި އެމީހަކު ދެރަވެ ހިތާމަކުޜާނަމަ އެކަމުގެ ސަބަބުންވެސް ހިތާމަކުރަންޖެހިދާނެއެވެ. އަމިއްލަ ޢާއިލާއަށް، އަނބިދަރިންނަށް، ފިރިންނަށް، މައިންބަފައިންނަށް އިހްމާލްވެވުމަކީވެސް ހިތްދަތި ޙާލަތު ކުރިމަތިވި ސަބަބުކަމުގައިވެދާނެއެވެ. 
އަދި ކީއްހެއްޔެވެ؟ ތިބާއަށް ﷲ ތަޢާލާގެ މަގާއި ދުރުހެލިވެވޭނަމަވެސް އެފަދަ ޙާލަތެއް ކުރިމަތިކުރައްވަވައިފާނެއެވެ. އެއީ ތިބާއަށް ވިސްނި އިޞްލާޙްވުމަށްޓަކައެވެ. ތިބާއަށް ރަޙްމަތެއްގެ ގޮތުންނެވެ.
ވީމާ ހިތްދަތިވާންޖެހޭ ފަދަ ޙާލަތެއް ކުރިމަތިވެއްޖެނަމަ މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ. ތަކުރާރުކޮށްލާނަމެވެ. އޮތީ އުފާހޯދަން ކަންކަން ކުރުމާއި ބޭސްކެއުމެއް ނޫނެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުމެވެ.
 
- ޔާސްމީން މުޤާހިދުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ