އަޚުން، ދަރިން، އަނބިމީހާފަދަ މީހަކަށް ނަމަވެސް ވަޢުދެއްވެފަ ނުފުއްދުމަކީ މުނާފިޤަކަށްވެދާކަމުގެ ބިރުހުރި ކަމެއް!

ތިމާވާ ވާއުދުތައް ފުއްދުމަކީ އަމާނާތްތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ. ވީމާ އެއީ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. ފުރިހަަމ މުސްލިމަކަށް ވެވޭނީވެސް އަމާނާތްތެރިކަން ހުރެގެންނެވެ.  
ބައެއް މީހުންނަކީ ވަރަށް ގިނައިން ވަޢުދުތައްވާ ބައެކެވެ. އެކަމަކު ގިނަ މީހުންނަކަށް އެވަޢުދުތައް ފުއްދައެއް ނުދެވެއެވެ. ނަތީޖާއަކަށް ވަނީ އެމީހަކަށް އެހެން މީހުންގެ ނަފްރަތު ލިބުމެވެ. ދޮގުވެރިއަކު ކަމަށް ނިންމުމެވެ.  
ވަކިމީހަކަށް ނޫނެވެ. ހަމައެކަކަށްވެސް، އެއީ ތިމާގެ ޙަޔާތުގެ ބައިވެރިޔާއަށް ކަމަށްވީނަމަވެސް ފުއްދައި ނުދެވޭނެ ވަޢުދުތައް ނުވާށެވެ! އެކަމެއް ކޮށްދެވޭނެ ކަމުގެ ޔަޤީންކަން ނެތި ހަމައެއްވެސް ކަމެއް ކޮށްދޭން ވަޢުދުނުވާށެވެ.  
ދެން އޮތީ ތިމާއަށް މިވެނިކަމެއް ޙާޞީލުކުރެވިއްޖެނަމަ މިވެނި ކަމެއް ކޮށްދޭނެ ކަމަށް ބުނެ ވަޢުދުވުމެވެ. އެގޮތަށް ވަޢުދުވުމަކީ މައްސަލައެއް ނޫނެވެ. އެޙާލަތުގައި ޔަޤީންކުރަންޖެހޭނެ ކަމަކީ އެކަމެއް ޙާޞިލުކުރެވުމުން ފުރަތަކަމަ ކަމަކަށްވެސް ކުރަންޖެހޭނެ ކަމަކީ ތިމާވެފައިވާ ވަޢުދުތައް ފުއްދައިދިނުން ކަމެވެ. އަދި ފަހުން ހަމަޖެހިލައިގެން ކަންކަން ކޮށްދޭން ލަސްކޮށްގެން ނުވާނެއެވެ.  
ވަޢުދު ނުފުއްދުމަކީ މުނާފިޤުންގެ ސިފައެކެވެ. މިކަމުގައި އަނބިންނަށް ނުވަތަ ފިރިންނަށްވާ ވަޢުދުތައް ނުފުއްދުން އިސްތިސްނާއެއް ނުވެއެވެ. ވީމާ ދެމްފިރިން އެކަކު އަނެކަކަށްވާ ވަޢުދުތައް ނުފުއްދައި ފަރުވާކުޑަނުކުރާށެވެ!  
ވަޢުދު ނުފުއްދީމާ އިތުބާރު ގެއްލޭނީ ހަމައެކަނި ދުރުމީހުންގެ ކުރިމައްޗަކު ނޫނެވެ. ދެމަފިރިންގެ މެދުގައިވެސް އިތުބާރުގެއްލޭނެއެވެ. ޢާއިލާގެ މީހުންގެ މެދުގައިވެސް އިތުބާރު ގެއްލޭނެއެވެ. ވީމާ ކޮންމެ މީހަކަށް ނަމަވެސް ވަޢުދެއްވާންޖެހޭނީ ވަރަށް ބޮޑަށް ވިސްނުމަށްފަހުގައެވެ. ފުއްދައިދެވޭނެ ކަމުގެ ޔަޤީންކަމާއިއެކުގައެވެ. ނޫންނަމަ ވަޢުދުނުވާށެވެ. ހާމަނުކޮށް ހިތުގައި ސިއްރުކޮށްފައި ބާއްވާށެވެ.  
އެކަމަކީ ބައިވެރިޔާއަށް ކޮސްދޭން ބޭނުންވާ ކަމެއް ނަމަވެސް ހިތުގައި ސިއްރުކޮށްގެން ހުރެ އެކަމެއް ކޮށްދޭން މަސައްކަތްކުރާށެވެ! އެމަސައްކަތުގައި އިޚްލާޞްތެރިވެއްޖެނަމަ އެމީހަކަށް މަގުފަހިކޮށް ދެއްވަވާނެތެވެ. އިން ޝާ ﷲ
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ