ދިވެހީންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް އާސަންދަ ދިނުމާ ގުޅޭ ގަރާރު ބަލައިގެންފި

ދިވެހީންނާ ކައިވެނިކޮށްގެން އުޅޭ ބޭރު ގައުމުތަކުގެ މީހުންނަށް އާސަންދައިގެ ޚިދުމަތް ނުލިބޭތީ އެކަމުގައި މެންބަރުންގެ ޚިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި އިސްލާހު މިއަދު ބަލައިގެންފިއެވެ. ކުޑޫ ހުށަހެޅުއްވި ގަރާރުގައިވާ ވިދާޅުވީ، ގާނޫނުއަސާސީއަށް ބަލާލާއިރު އިންތިޚާބުތަކުގައި ވާދަކުރުމާއި އިންތިޚާބުގައި ވާދަކުރުމުގެ ހައްގު ފިޔަވައި ދިވެހީންނާ ދެމެދު އެއްވެސް ހައްގެއް ލިބިދިނުމުގައި އެއްވެސް ތަފާތުކުރުމެއް ނެތްކަން ފާހަގަވާ ކަމަށެވެ. އެކަމަކު، ދިވެހީންނާ ކައިވެނިކޮށްގެން ގިނަ ދުވަސްވީ ބައެއް ބިދޭސީންނަށް ވެސް ޚިދުމަތްތައް ނުލިބޭކަމުގެ ކަންބޮޑުވުން ބޮޑެވެ. އެ ގަރާރު ބަލައިގަތުމާ މެދު މަޖިލީހުގައި މިއަދު ވޯޓަށް އެހުމުން ހާޒިރުވެވަޑައިގެން ތިއްބެވި 47 މެންބަރުންގެ އިއްތިފާގުން ވަނީ ގަރާރު ބަލައިގެންފައެވެ. އެހެންވެ، އެމްޑީޕީއަށް ނިސްބަތްވާ މެންބަރު ކުޑޫ ހުށަހެޅުއްވި އެ ގަރާރަށް ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ވެސް ވަނީ ތާއީދުކުރައްވާފައެވެ. މިހާރު އޮންނަ ގޮތުން އާސަންދަ ލިބެނީ ހަމައެކަނި ދިވެހީންނަށްކަން ފާހަގަކުރައްވައި ކުޑޫގެ ގަރާރުގައި އޭނާ ވިދާޅުވީ، ގާނޫނުއަސާސީގައިވާ ގޮތުން ދިވެހި ރައްޔިތުން ކަމަށް މާނަކުރަނީ ގާނޫނުއަސާސީއަށް އަމަލުކުރަން ފަށާއިރު ދިވެހި ރައްޔިތެއްކަމުގައިވާ ކޮންމެ މީހަކާއި ދިވެހި ރައްޔިތަކަށް އުފަން ކޮންމެ ދަރިއަކާއި ގާނޫނުގައިވާ ގޮތުގެ މަތިން ދިވެހި ރައްޔިތަކަށް ވެއްޖެ ކޮންމެ ބިދޭސިއެއް ކަމަށެވެ. https://sun.mv/212870 ބިދޭސީންނަށް ދިވެހި ރައްޔިތުކަން ލިބެން އޮތް ހަމައެކަނި ގޮތަކީ ދިވެހިރާއްޖޭގެ ސިޓިޒެންޝިޕް ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުން ދިވެހި ރައްޔިތަކަށްވުން ކަމަށާއި، ނަމަވެސް އެ ގާނޫނަށް ބައި ގަރުނަށް ވުރެ ގިނަ ދުވަސްވެފައިވާތީ ދިވެހީންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް އެ ފުރުސަތު ހޯދައިދެވިފައިނުވާ ކަމަށް އެ ގަރާރުގައިވެއެވެ. ކުޑޫގެ ގަރާރުގައި އޭނާ ވިދާޅުވީ، ދިވެހީންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންގެ ތެރެއިން ބައެއް މީހުން މުސްކުޅިވެ، ލޯބޯ ކޮށިވެ، ދާއިމީ ބަލިތަކާއި ބޮޑެތި ބަލިތަކަށް ބޭސްކުރަން ޖެހިފައިވުމުގެ ސަބަބުން ސިއްހީ ޚަރަދުތައް ހޯދަން ދަތިވެފައިވާ ކަމަށާއި، ދިވެހީންނާ ކައިވެނިކޮށްގެން އުޅޭ ބައެއް ބިދޭސީންނަކީ ރާއްޖޭގައި އެތައް އަހަރެއް ހޭދަކޮށް ވަޒީފާ ހޯދައި އާމްދަނީ ހޯދުމަށްޓަކައި މަސައްކަތްކުރި މީހުން ކަމަށެވެ. އެހެންވެ، އެ މީހުންނަށް އަޅާލައި ދައުލަތުގެ ރައްކާތެރިކަމާއި ގާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާ އެކު ލިބުމަކީ އެ މީހުންގެ ވެސް ހައްގެއް ކަމަށް އެ ގަރާރުގައި ބުންޏެވެ. އަދި، ގާނޫނުއަސާސީގައިވާ ގޮތުން މުޖުތަމައުގެ އާންމު ހާލަތަށްވުރެ ނިކަމެތިކަމެއް ލިބިފައިވާ މީހަކަށް ނުވަތަ ބަޔަކަށް ދައުލަތުން ޚާއްސަ ކަންތައްތަކެއް ކޮށްދެވިދާނެކަން އެނގެން އެބައޮތް ކަމަށް ވެސް އެ ގަރާރުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ