އިންޑިއާގެ ޓުޓިކޮރިން އިން ކުޅުދުއްފުށި ސިޓީ ދާއިމީ ގޮތެއްގައި މުދާ ގެނެވޭނެ އިންތިޒާމްތައް ހަަމަޖެއްސުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ކުޅުދުއްފުއްޓަށް މުދާ ހިފައިގެން އައި ފުރަތަމަ ބޯޓު ވަނީ މިއަދު ކުޅުދުއްފުށި ޕޯޓަށް ބަނދަރުކޮށްފިއެެވެ.
އެމްޕީއެލްއިން ބުނީ ކުޅުދުއްފުށި ބަނދަރަށް މިއަދު ބަނދަރުކުރީ ޓުޓިކޮރިން އިން 127 ޓަނުގެ މުދާ ބަރުކޮށްގެން އައި "ވީބީ ޕްރޮގްރެސް" ބޯޓެއް ކަމަށެވެ.
ބޯޓުން ގެނައީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ކޮންސްޓްރަކްޝަން މެޓީރިއަލްސް އަދި އަމިއްލަ ވިޔަފާރިއެއްގެ ޕެރިޝަބަލް ކާގޯ ކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ. މިހާރު ކޮންމެ މަހަކު ޓުޓިކޮރިން އިން ކުޅުދުއްފުއްޓަށް އެއް ދަތުރު ޝެޑިއުލްކޮށްފައިވީ ނަމަވެސް މުދާ ގެންނަ މިންވަރަކުން ދަތުރުތައް އިތުރުކުރާނެ ކަމަށް އެމްޕީއެލްއިން ވަނީ މައުލޫމާތުދީފައެވެ.
އެމްޕީއެލްއިން ބުނީ ޓުޓިކޮރިންއިން ސީދާ ކުޅުދުއްފުއްޓަށް ދާއިމީ ގޮތެއްގައި މުދާ ގެނެވޭނެ އިންތިޒާމް ހަމަޖެހުމުން، ކުޅުދުފުއްޓާއި އުތުރުގެ އެހެން އަތޮޅުތަކުގެ ރައްޔިތުންނަށް އަގުހެޔޮކޮށް މުދާ ލިބުމަށް މަގު ފަހިވެގެންދާނެ ކަމަށެވެ.
ސަރަހައްދީ ބަނދަރުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ބަނދަރުގެ އޮޕަރޭޝަންސްތައް ހަރުދަނާކުރުމަށް އެމްޕީއެލްއިން ދަނީ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގެ ތެރެއިން، އިންޑިއާގެ ޓުޓިކޮރިން ކުޅުދުފުއްޓަށް ދާއިމީ ގޮތެއްގައި ދަތުރުތައް ހަމަޖައްސަން އެމްޕީއެލްއިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރެވެއެވެ.
މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އެމްޕީއެލްއިން ވަނީ ކުޅުދުއްފުށި ވިޔަފާރިވެރިންނާއެކު ބައްދަލުވުމެއް ބާއްވައިފައެވެ. މި ބައްދަލުވުމުގައި އުތުރުގައި ވިޔަފާރީގެ ފުރުސަތުތައް އިތުރުކުރުމަށާއި މުދާ ގެނައުމަށް ވިޔަފާރިވެރިންނަށް އޮތް އިންތިޒާމްތައް ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގެ މައުލޫމާތު ފޯރުކޮށްދީ، އެމްޕީއެލްއިން ވަނީ ވިޔަރާފިވެރިންގެ ހިޔާލު ހޯދައިފައެވެ.
ޓުޓިކޮރިންއިން ހިތަދޫ ޕޯޓަށް ދާއިމީކޮށް މުދާ ގެނެވޭނެ އިންތިޒާމްތައް އެމްޕީއެލްއިން ވަނީ މިދިޔަ އަހަރު ހަމަޖައްސާފައެވެ. އަދި އެންމެ ފުރަތަމަ މަހަކު އެއް ދަތުރު ޝެޑިއުލް ކުރި ނަމަވެސް މިހާރު މަހެއްގެ މައްޗަށް ކުރާ ދަތުރުގެ އަދަދު ވަނީ އިތުރުކޮށްފައެވެ.
އިންޑިއާގެ ޓުޓިކޮރިންއިން ކުޅުދުއްފުއްޓަށް މުދާ ހިފައިގެން އައި ފުރަތަމަ ބޯޓު ބަނދަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ