ގާޑިއޯލާގެ 1000 ވަނަ މެޗު: ނަމްބަރުތަކުން ފެންނަނީ ހަގީގަތް ގާޑިއޯލާގެ 1000 ވަނަ މެޗު: ނަމްބަރުތަކުން ފެންނަނީ ހަގީގަތް

މެންޗެސްޓާ (ނޮވެމްބަރު 9) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލާ ދެކޮޅަށް މެންޗެސްޓާ ސިޓީން ނުކުންނައިރު، މި މެޗަކީ ސިޓީގެ ކޯޗު، ޕެޕް ގާޑިއޯލާގެ ކޯޗިން ކެރިއަރުގައި އޭނާ ނުކުންނަ 1000 ވަނަ މެޗެވެ.
ގާޑިއޯލާ ބުނީ، އެ ހާއްސަ މެޗަށް ލިވަޕޫލާ ދެކޮޅަށް ނުކުންނަން ޖެހުމުން، އިތުރު ގޮތަކުން ވެސް ހާއްސަކަން އިހުސާސްކުރެވޭ ކަމަށެވެ.
ބާސެލޯނާ، ބަޔާން މިއުނިކް އަދި ސިޓީ އަށް ކޯޗިން ކެރިއަރުގައި އިރުޝާދުދިން ގާޑިއޯލާ، 54، ވަނީ މިހާތަަނަށް ކޯޗުކޮށްދިން 999 މެޗުގެ ތެރެއިން 715 މެޗުން މޮޅުވެފަ އެވެ. އެ މެޗުތަކުން ބަލިވެފައިވަނީ، 128 މެޗުންނެވެ. ތިން ޓީމުގައި އޭނާ ވަނީ ޖުމްލަ އެކު، 34 ތަށި އުފުލާލައިފަ އެވެ.
ގާޑިއޯލާ ބުނީ، ހާއްސަ މެޗަކަށް ނުކުންނައިރު، މިހާތަނަށް މޮޅުވީ ކިތައް މެޗުންކަން ވަރަށް ރަނގަޅަށް ހަނދާން އެބަހުރި ކަމަށެެވެ. އަދި، މި މެޗަށް ނުކުންނައިރު، ސިކުނޑީގައި ބަހައްޓަނީ، ނަމްބަރުތަކެއް ނޫން ކަމަށާއި ފެންނަން ހުރި ކަންތައްތަކަކީ ހަގީގަތް ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.
"އެބަ ކިޔާލަން ލިބޭ އަހަންނަށް ކުރެވުނު މަސައްކަތް. ހަަމައެކަނި ޕްރިމިއާ ލީގުގައެއް ނޫން. ޗެމްޕިއަންސް ލީގުގައި ވެސް. އަހަރެެމެން ވަރަށް އާދަޔާހިލާފު ކަންކަން ހާސިލްކުރިން، ބާސެލޯނާ އާއި ބަޔާން މިއުނިކްގައި، ދެން މި ތަނުގައި (ސިޓީގައި)،" ގާޑިއޯލާ ބުންޏެވެ.
އޭނާ ބުނީ، އަލުން ކޯޗިން ކެރިއަރު ފަށައިގެން މިހާރު އެ ހުރި ނަމްބަރުތައް ހާސިލްކުރުން އެއީ ނުވާނެ ކަމެއް ކަމަށެވެ.
ސިޓީގައި މިހާތަނަށް ގާޑިއޯލާ ހޭދަކުރި އަށް ސީޒަނުގައި ހަ ފަހަރު ޕްރިމިއާ ލީގު ޗެމްޕިއަންކަން ހޯދިއިރު، އެ ޓީމު ވަނީ ބޮޑު ދެ ރެކޯޑެއް ހަދައިފަ އެވެ. އެއީ، 100 ޕޮއިންޓާ އެކު ލީގު ހޯދި ފުރަތަމަ ޓީމަށް ވުމުގެ އިތުރުން ޖެހިޖެހިގެން ހަތަރު ލީގު ތަށި ހޯދުން ހިމެނެ އެވެ.
ގާޑިއޯލާގެ ކޯޗިން ކެރިއަރުގައި އޭނާ އެންމެ ގިނަ މެޗުގައި ކޯޗުކޮށްދިނީ ސިޓީގަ އެވެ. ސިޓީގައި 549 މެޗުގައި ކޯޗުކޮށްދިންއިރު، ބާސެލޯނާ ބީގައި 42 މެޗު، ބާސެލޯނާގައި 247 މެޗު، އަދި ބަޔާންގައި 161 މެޗެވެ.
ސިޓީގެ ކޯޗުކަމަށް 2016 ވަނަ އަހަރު އައި ފަހުން، ވާދަކުރަން ޖެހުނު އެންމެ އުނދަގޫ ޓީމަކީ ލިވަޕޫލް ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ. ޔާގަން ކްލޮޕްގެ ކޯޗުކަމުގައި ކުޅުނު ލިވަޕޫލް ޓީމަކީ ސިޓީގެ ލެވަލް މައްޗަށް ގެންދިއުމަށް އެހީތެރިވި ޓީމެއްގެ ގޮތުގައި ގާޑިއޯލާ ވަނީ ފާހަގަކޮށްފަ އެވެ.
ލިވަޕޫލާ ދެކޮޅަށް ނުކުތް 24 މެޗުން ގާޑިއޯލާ ވަނީ 10 މެޗުން ބަލިވެފަ އެވެ. ލީގުގައި މިރޭ ސިޓީން ގާޑިއޯލާގެ 1000 ވަނަ މެޗުގައި ލިވަޕޫލާ ބައްދަލުކުރާއިރު، މެޗު ފަށާނީ ރާއްޖެ ގަޑިން 21:30 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ