އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފް ރަފާ އާއި އިމްއާން އަށް އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފް ރަފާ އާއި އިމްއާން އަށް

ސައުދީ އަރަބިއްޔާގައި މިއަދު ރަސްމީކޮށް ފަށަން ނިންމާފައިވާ ހަ ވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި ދިދަ އުފުލުމުގެ ޒިންމާ އެންމެ ފަހުގެ ގައުމީ ޓީޓީ ޗެމްޕިއަން، އައިޝަތު ރަފާ ނާޒިމް އާއި ގައުމީ ސީނިއާ ފެތުންތެރިޔާ، އިމްއާން އަލީ އަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ދީފި އެވެ.
މި ފަހަރުގެ ސޮލިޑާރިޓީ ގޭމްސް ކުރިއަށްދާ ސައުދީ އަރަބިއްޔާގެ ރިޔާދުގެ އެތުލީޓްސް ވިލެޖްގައި ރޭ ބޭއްވި ހާއްސަ އިވެންޓެއްގައި ދިދަ އުފުލާ އެތުލީޓުންނަށް ދިދަ ހަވާލުކޮށްދެއްވީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް، މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އެވެ.
މިއީ، އިމްއާން އާއި ރަފާ އަށް މި ލެވަލްގެ ގޭމްސްއެއްގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފް ލިބިގެންދާ ފުރަތަމަ ފަހަރެެވެ. ރަފާ އާއި އިމްއާން ވަނީ މީގެ ކުރިން، ބައިނަލްއަގުވާމީ ގިނަ ކުޅިވަރު މުބާރާތްތަކެއްގައި ރާއްޖެ ތަމްސީލްކޮށް މެޑަލްގެ އިތުރުން ގައުމީ ރެކޯޑްތަކެއް ވެސް ހަދައިފަ އެވެ.
މިއަދުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ސޮލިޑާރިޓީ ގޭމްސްގައި، ރާއްޖޭން ވާދަކުރަނީ، ހޭންޑްބޯޅަ ފިރިހެން ޓީމާއި އަންހެން ޓީމުގެ އިތުރުން، އެތުލެޓިކްސްގެ އަންހެން އަދި ފިރިހެން އެތުލީޓަކާއި ފެތުމުން ފަސް ފިރިހެން އަދި ހަަތަރު އަންހެން އެތުލީޓުންގެ އިތުރުން، ޓޭބަލް ޓެނިހުން ތިން ފިރިހެން އަދި ތިން އަންހެން ކުޅުންތެރިންނެވެ.
ޖުމްލަ އެކު، 73 މީހުން (ކުޅުންތެރިންނާއި އޮފިޝަލުން) ހިމެނޭހެން އޮތް، އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ކޮންޓިންޖެންޓްގެ ޗެފް ޑި މިޝަން އަކީ، މުހައްމަދު ޖައުޝަން ޝަރީފް (ޖައު) އެވެ. އަދި، ޑެޕިއުޓީ ޗެފް ޑި މިޝަން އަކީ، މަރިޔަމް ޝައުފާ އެވެ.
އެންމެ ފަހުން، 2022 ވަނަ އަހަރު ތުރުކީގެ ކޮންޏާގައި ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި، ރާއްޖޭން ވާދަކުރީ ހަތަރު ކުޅިވަރެއްގަ އެވެ. އެއީ، ޓޭބަލް ޓެނިސް، ސްވިމިން، ބާސްކެޓްބޯޅަ ތުރީއޮންތުރީ އަދި އެތުލެޓިކްސް އެވެ. އެ ފަހަރު ކޮންޓިންޖެންޓުގެ ޖުމްލަ އަދަދަކީ، އެތުލީޓުންނާއި އޮފިޝަލުން ހިމެނޭހެން 51 މެމްބަރުންނެވެ.
ކޮންޏާގައި ކުރިއަށްދިޔަ އެ ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލީ، ގައުމީ އެތުލެޓިކްސް ޓީމުގެ، އައިޝަތު ހިމްނާ ހަސަން އާއި ގައުމީ ބާސްކެޓްބޯޅަ ކުޅުންތެރިޔާ، އިސްމާއިލް ވިލްދާން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ