'ކައުންސިލަރުން މަދުކުރަންޏާ، މަޖިލީހުގެ މެމްބަރުން ވެސް މަދު ކުރަން ޖެހޭ'

ރައްޔިތުންގެ މަޖިލީހުގައި މި ވަގުތު އެންމެ ފޯރީގައި ބަހުސް ކުރާ އެއް މައުލޫއަކީ، ރަށްރަށަށް ކަނޑައަޅާފައި ތިބޭ ފަސް ކައުންސިލަރުންގެ އަދަދު ތިނަކަށް މަދު ކުރުމެވެ. ސަރުކާރުގެ ވިސްނުމަކީ މެމްބަރުންގެ އަދަދު މަދުކުރުން ކަމުގައި ވިޔަސް، މަޖިލީހުގެ އިދިކޮޅު މެމްބަރުންގެ ހިޔާލު އެކަމުގައި ތަފާތެވެ.
ކައުންސިލްތަކަށް އިންތިހާބު ކުރާ މެމްބަރުންގެ އަދަދު މަދުކުރުމަށް، ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި ގަރާރު މިހާރު ވަނީ އާއްމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފަ އެވެ. އެއާ އެކު، ސޯޝަލް މީޑިއާއިން ފެނުނީ މަސްހުނި ހިޔާލުތަކެކެވެ. އެކަމަށް ތާއީދުކޮށްފައި ވާހަކަ ދައްކާ ގިނަ މީހުންގެ އެހެން ޝަރުތެއް ވެސް އޮވެ އެވެ.
"ތިއީ ހަގީގަތުގައި ކުރަން ލަސްވެފައި އޮތް ކަމެއް. އެކަމަކު އޭގެ ކުރިން ތި މަޖިލީހުގައި ތިބޭ މެމްބަރުންގެ އަދަދު ވެސް މަދު ކުރަން ޖެހޭ،" އެކަމާ ގުޅޭ ގޮތުން ޝާއިއުކުރި ހަބަރެއް ޝެއާކުރަމުން، ފޭސްބުކްގައި މީހަކު ލިޔުނެވެ.
"ފުރަތަމަ މަޖިލީހުގެ މެމްބަރުންގެ އަދަދު މަދުކޮށް، ސިޔާސީ މަގާމުތައް މަދުކޮށް، ތި ވާހަކަ ދައްކަން ހިނގާ،" އެހެން މީހަކު ހިޔާލު ފާޅުކުރި އެވެ.
އެކްސްގައި ހިޔާލު ފާޅުކުރި މީހަކު ބުނި ގޮތުގައި، އިންތިހާބު ކުރާ މެމްބަރުންގެ އަދަދަށް ވުރެ އެންމެ ބޮޑު މައްސަލައަކީ، ރައްޔިތުން ތަމްސީލު ކުރަން ތިބޭ ބައެއްގެ ތައުލީމީ ފެންވަރު ކަނޑައެޅިފައި ނެތުމެވެ. 'ލިޔަންކިޔަން ނޭނގޭ' މީހުން ވެސް އެ މަގާމުތަކަށް ކުރިމަތިލާ ކަމަށާއި އޭގެ ސަބަބުން ރައްޔިތުންގެ އަސްލު މައްސަލަކަށް ވަކާލާތުކޮށް، ހައްލު ނުހޯދޭ ކަމަށް ބުންޏެވެ.
"ކައުންސިލަރުންގެ އަދަދު ގިނަ. މަޖިލީހުގެ މެމްބަރުން ވެސް ގިނަ. އެކަމަކު އެއާ މެދު ވިސްނުމުގެ ކުރިން އިންތިހާބު ކުރާ މީހުންގެ ފެންވަރު ކަނޑައެޅުމަކީ މާ މުހިއްމު ކަމެއް،" އޭނާ ބުންޏެވެ.
އަލީ ގާލިބްގެ ނަމުގައި ކޮމެންޓު ކުރި މީހަކު ބުނި ގޮތުގައި، ހުރިހާ ރަށަކަށް އިންތިހާބު ކުރާ ކައުންސިލަރުންގެ އަދަދު އެއް ހަމައަކުން މަދުކުރުމަށް ވުރެ، އެ ރަށެއްގެ އާބާދީއަށް ބަލާފައި އެ އަދަދު ކަނޑައެޅުމުން އޭގެ ނަތީޖާ މާ ރަނގަޅުވާނެ އެވެ.
މިސާލެއްގެ ގޮތުން އޭނާ ދެއްކީ ރާއްޖޭގައި އެންމެ މީހުން މަދު އެއް ރަށް ކަމަށްވާ ވ. ރަކީދޫ އެވެ. ރަށުގައި ދިރިއުޅޭ މީހުންގެ އަދަދު 70އަށް ވެސް ނާރާ އެ ރަށުގައި ފަސް ކައުންސިލަރުން ތިބޭއިރު، ކުރާނެ މަސައްކަތެއް ނެތިގެން އެ މީހުން ދަނީ މަހަށް ކަމަށާއި އެ ފަދަ ރަށްރަށުގައި ކައުންސިލަރުންގެ އަދަދު މަދު ކުރުން މުހިއްމު ކަމަށް ބުންޏެވެ.
"އެކަމަކު އާބާދީ ބޮޑެތި ރަށްރަށުގައި އެ އަދަދު މަދުކޮށްފިއްޔާ، ރައްޔިތުންނަށް އޭގެ ދަތިކަން ފޯރާނެ،" އޭނާ ބުންޏެވެ.
ކައުންސިލަރުންގެ އަދަދު މަދު ކުރުމާ ގުޅޭ ގޮތުން 'ދައުރު'ން ޝާއިއުކޮށްފައިވާ ހަބަރަކަށް މީހަކު ކުރި ކޮމެންޓެއްގައި ބުނީ ބައެއް މިނިސްޓްރީތަކުގައި "ހަމައެކަނި ސޯޝަލް މީޑިއާ އަޕްޑޭޓް ކުރަން ވެސް 20 ޑެޕިއުޓީ މިނިސްޓަރުން ތިބޭ" ކަމަށާއި އެކަމަކު މައްސަލައަކަށްވީ ރަށްރަށުގައި ފަސް ކައުންސިލަރުން ތިބޭތީ ކަމަށެވެ.
"ރަށްރަށުގައި މާ ގިނަ ވަޒީފާއެއް ނުހުރޭ. މާލެއަށް މީހަކު ނުގޮސް ހިފެހެއްޓެނީ މިފަދަ ގޮތަކުން. މިނިސްޓްރީތަކުގައި މަސައްކަތް ނުކުރާ ސިޔާސީ މީހުން މަދުކުރަންވީ ހަރަދު ކުޑަކުރުމަށް،" ކޮމެންޓުގައި އޭނާ ބުނެފައިވެ އެވެ.
އެހެން ކޮމެންޓެއްގައި މީހަކު ބުނީ، ހަރަދު ކުޑަ ކުރުމުގެ ބަހަނާގައި އެއްވެސް އަސާސެެއް ނެތި ދުސްތޫރީ ކަންކަން ބަދަލުކުރުމަކީ ބުއްދިވެރި ގޮތެއް ނޫން ކަމަށާއި ހަރަދު ކުޑަކުރަން ބޭނުން ނަމަ އެންމެ ފުރަތަމަ ސިޔާސީ މަގާމުތައް މަދުކުރަންވީ ކަމަށެވެ. އަދި އެކަން ނުކުރެވޭ ނަމަ، ޓެކްސް ބޮޑުކުރެވިދާނެ ކަމަށާއި އެކަމަކު "ހަދާނެ ގޮތެއް ނޭނގިގެން މުޅި ސިސްޓަމް ފުށްގަނޑެއްހެން މޮޑުމަކީ ނުރައްކާ" ކަމެއް ކަމަށް ބުންޏެވެ.
ލޯކަލް ކައުންސިލްތަކުގެ ސައިޒު މިހާރު މާ ބޮޑު ކަމަށާއި ކައުންސިލަރުންގެ އަދަދު މަދުކުރަން ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލު މި ސަރުކާރުން ގެންނަން މަޖިލީހަށް ހުށަހަޅުއްވާނެކަން ރައީސް މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ.
އެ މަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅަކީ 3،000 އިން ދަށުގެ އާބާދީތަކުގައި ތިން ކައުންސިލަރުން ތިބޭ ގޮތަށް ހެދުމަށެވެ. މިކަމާ މެދު ގޮތެއް ކަނޑައެޅުމަށް ޝުޖާއު ހުށަހަޅުއްވާފައިވާ ގަރާރުގައި މައިގަނޑު ގޮތެއްގައި ކަންބޮޑުވުން ފާޅުކޮށްފައިވަނީ، ރާއްޖޭގެ ކޮންމެ ރަށެއްގައި މަދުވެގެން ފަސް ކައުންސިލަރުން ތިބެން ޖެހުމުން ކުރަން ޖެހޭ ހަރަދު ބޮޑު ކަމުގެ ވާހަކަ އާއި އެއާ އެއްވަރަށް ނަތީޖާ ނުނެރެވޭ ކަމުގެ ކަންބޮޑުވުމެވެ.
އެކަމަކު އެމްޑީޕީގެ މެމްބަރުން ބުނާ ގޮތުގައި، މިއީ ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ދޭ އެހީއަށް ސަރުކާރުން ނުފޫޒު ފޯރުވުމަށް ކުރާ ކަމެކެވެ.
މެމްބަރުން ވިދާޅުވާ ގޮތުގައި:
އެހީގެ ގޮތުގައި ކައުންސިލްތަކަށް ދެނީ ދައުލަތުގެ ބަޖެޓްގެ އާމްދަނީގެ %5؛ އެއީ ކައުންސިލަރުންނާއި އެ ތަނުގެ މުވައްޒަފުންނާއި ރަށުތެރޭގެ އެކި ކަންކަމަށް ހަރަދު ކުރަން ކަނޑައަޅާފައި އޮންނަ މިންވަރު
އެކަމަކު ރާއްޖޭގެ 187 ރަށުގެ ކައުންސިލްތަކަށް އެ ބަޖެޓްގެ ފަސް ޕަސެންޓް ކަނޑައަޅާފައި އޮންނައިރު އަނެއް %95 އޮންނަނީ އޮތް ގޮތަށް ކަމަށާއި ހަރަދު ކުޑަކުރަން ބޭނުން ނަމަ، އެ ބައިން ކުޑަކުރުން މާ އައުލާކަން ބޮޑުކަމަށް މެމްބަރުން ވިދާޅުވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ