ހަނގުރާމަ ހުއްޓާލަން އެއްބަސްވީ ވަގުތުގެ ފަހުންވެސް އީރާނުން އިސްރާއީލަށް ހަމަލާދިން ކަމަށް ބުނާ ވާހަކަތައް އީރާނުން ދޮގުކޮށްފިއެވެ.
އެމެރިކާއާއި ގަތަރުގެ އިސްނެގުމާއެކު އީރާނާއި އިސްރާއީލާ ދެމެދު އެއްބަސްވެވުނު ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް އީރާނުން އަދިވެސް މިސައިލް ހަމަލާތައް ދެމުންދާ ކަމަށް އިސްރާއީލުން އަންނަނީ ބުނަމުންނެވެ.
އެގޮތުން، އިސްރާއީލުގެ ނިރުބަވެރި ދިފާޢީ ވަޒީރު އިސްރާއީލް ކާތްޒް ވަނީ އީރާނުން އެއްބަސްވުމާ ޚިލާފުވި ކަމަށް ތުހުމަތުކޮށް ތެހެރާނަށް "ވަރުގަދަ ހަމަލާތައް" ދިނުމަށް އަމުރުކޮށްފައެވެ.
ނަމަވެސް، އީރާނުގެ އެންމެ މަތީ ސަލާމަތީ އިދާރާއިން ބުނީ، ހަމަލާ ހުއްޓާލުމަށް އެއްބަސްވި ވަގުތުގެ ފަހުން ހަމަލާ ދީފައި ނުވާނެ ކަމަށާ، އެހެން ނަމަވެސް، އިސްރާއީލަށް އިތުބާރެއް ނުކުރާ ކަމަށާލެވެ. އެހެންކަމުން، އީރާން އޮންނާނީ އަބަދުވެސް ތައްޔާރީ ޙާލަތުގައި ކަމަށެވެ. އަދި، އިސްރާއިލުން އެއްވެސް ހަމަލާއެއް ދީފި ނަމަ ރައްދު ދިނުމަށް ތައްޔާރަށް ތިބި ކަމަށް ވެސް ބުނެފައި ވެއެވެ.
އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން، 12 ދުވަހުގެ އަސްކަރީ ކުރިމަތިލުންތަކަށް ފަހު ޒަޔަނިސްޓް އިސްރާއިލާއެކު ބަދަލު ކިރެވެމުންދިޔަ ހަމަލާ ހުއްޓާލުމަށް އީރާނުން ވަނީ އެއްބަސްވެފައެވެޠ
މި ބަޔާނުގައި، އީރާނުގެ ރައްޔިތުން އެއްބައިވަންތަކަމާއެކު ތިބި ތިބުމަށް ތައުރީފުކޮށްފައި ވެއެވެ. އަދި، އަލް-އުދައިދު ވައިގެ އަސްކަރީ މަރުކަޒަށާއި އިސްރާއީލުގެ ބާރުގެ ދަށުގައިވާ ސަރަޙައްދުތަކުގައި ހުރި ތަންތަނަށް އީރާނުން ދިން މިސައިލް ހަމަލާތަކަކީ ދުޝްމަނުންގެ ހަމަލާއަށް ދިން ވަރުގަދަ ރައްދެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ.
މީގެ އިތުރުން އެ ބަޔާނުގައި ވަނީ، އީރާނުގެ ސުޕްރީމް ލީޑަރަށާއި އަސްކަރީ ބާރުތަކަށް ޝުކުރުއަދާކޮަށްފައެވެ.
އެ ބަޔާން ނިންމާލަމުން އީރާނުން ވަނީ، އެގައުމުގެ ފައުޖުތައް އަދިވެސް ހައި އެލާޓްގައި ތިބި ކަމަށާއި، ކުރިއަށް އޮތްތަނުގައި ދެވޭ ކޮންމެ ހަމަލާއަކަށްވެސް ނުހަނު ވަރުގަދަ ރައްދެއް ދިނުމަށް ތައްޔާރަށް ތިބި ކަމުގެ އިންޒާރު ދީފައެވެ.
އީރާނުން އިސްރާއިލަށް އަދިވެސް ހަމަލާތައް ދެމުންދާ ކަމަށް ދެކެވޭ ވާހަކަ ދޮގު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ