ނަޒީހާގެ ހަޔާތް ކުލަކޮށްދިން 'ފަންނުވެރި' މާ ބަގީޗާ

މަލަކީ އޭނާ ވަރަށް ގަޔާވާ އެއްޗެކެވެ. އެހެން މީހުން ގޮތަށް މަލަކީ އޭނާގެ ހަޔާތުގައި ވެސް ހިނިތުންވުން ގެނެސްދީ، ކުލަކޮށްދިން އެއްޗެކެވެ. އާއިލާއާ އެކު ފުރަ މާލޭގައި ދިރިއުޅޭ ނަޒީހާ ހަސަން، 23، ދިރިއުޅޭ އެޕާޓްމަންޓްގެ އެއް ކޮޓަރި ފުރާލާފައިވަނީ މަލުންނެވެ. ކުޑަކުޑަ މާ ބަގީޗާ އެކެވެ. މާ ބަގީޗާއެއް ގޮތުގައި ސިފަކުރި ނަމަވެސް މި ދައްކަނީ އާންމުކޮށް މި ފެންނަ ކަހަލަ ބަގީޗާއެއްގެ ވާހަކައެއް ނޫނެވެ.
އެއީ މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ފިރިމީހާގެ އެހީތެރިކަމާ އެކު ނަޒީހާ ފެށި ވިޔަފާރީގެ މަސައްކަތަށް ބޭނުންކުރާ ކޮޓަރި އެވެ. ނަޒީހާ ކޮށްދޭ ކަމަކީ ބުކޭ ހަދައިދިނުމެވެ. އެ ބުކޭގައި ބޭނުންކުރާ މަލަކީ އޭނާ އަމިއްލައަށް އެކި ތަކެތި ބޭނުންކޮށްގެން އުފައްދާ މަލެވެ. އެ ގޮތުން ރިބަނުންނާއި ޕައިޕް ކްލީނާ ބޭނުންކޮށްގެން މަލުގެ ބައްޓަން އޭނާ ތައްޔާރުކޮށްލަ އެވެ.
މި ބުނާ ކޮޓަރި ފުރާލާފައި އޮންނަނީ މި ބުނާ ތަކެތިންނާއި ބުކޭ ފުރިހަމަ ކުރުމަށް އޭނާ ބޭނުންކުރަން ހިޔާރުކުރާ އެކި ކަހަލަ ލޯބިލޯބި ބުދުތަކުންނެވެ. މި ތަކެއްޗަށް ބޭނުންކޮށްގެން ތައްޔާރުކުރާ މާތަކުންނެވެ. ގުދުރަތީ މަލުގެ ބަގީޗާއަކަށް ނުވި ނަމަވެސް، އެއީ ނަޒީހާއަށް އޭނާގެ ހަޔާތް ކުލަކޮށްދޭ ކުޑަކުޑަ މާ ގަބީޗާއެކެވެ.
"މަލަކީ ވަރަށް ލޯބި އެއްޗެއް. އަނެކާއަށް އޮންނަ ލޯބި ފާޅުކޮށް ހިއްސާކުރުމަށް ބޭނުންކުރާ އެއްޗެއްތާ އެއީ. އަހަރެންނަށް އަހަރެންގެ ފަންނުވެރިކަން ދައްކުވައިދެވޭކަން މާ ބޮޑަށް އިހުސާސްވޭ، އެހެން މީހުންގެ އުފަލެއްގައި ބައިވެރިވެވޭތީ. އެ މީހުން ލޯބިވާ ފަރާތަކަށް ރީތިކަމުގެ ރަމްޒަކުން ލޯބި ހިއްސާކޮށްދިނުމުގައި މެދުވެރިވެވޭތީ،" ނަޒީހާ ބުންޏެވެ.
ވަރަށް ކުޑައިރުއްސުރެން ފެށިގެން ވެސް ނަޒީހާއަކީ އުފެއްދުންތެރިކަމަށް ލޯބިކުރާ ކުއްޖެކެވެ. ހެދުމުގައި އެކި ޑިޒައިން ފަރުމާކުރުމާއި ކަރުދާހުން އެކި ބައްޓަމަށް ތަކެތި ހެދުން އަދި ކުރެހުމަކީ ވެސް އޭރު އެންމެ ގިނައިން ކުރި ކަންކަމެވެ. ފަންނުވެރިކަމަކީ އޭރުން ފެށިގެން ވެސް އޭނާ އެންމެ ޝައުގުވެރިވާ ދާއިރާ އެވެ.
"ވަރަށް ކުޑައިރު ވެސް ޝައުގު ހުރޭ މަލަށް. ކަރުދާހުން އޭރު މާ ކަހަލަ އެއްޗެހި ހަދަން. މިނާ ކަހަލަ އެއްޗެހި ވެސް. ދެން ބަރަނި ބޭނުންކޮށްގެން ފޮތީގައި ޑިޒައިން ހަދާ ކަހަލަ ކަންކަން ވެސް ކުރިން އޭރު،" ނަޒީހާ ކިޔައިދިނެވެ.
ނަޒީހާ ސޯޝަލް މީޑިއާއިން ވެސް ބަލާ އެއް ކަމަކީ މިފަދަ އުފެއްދުންތެރި ކަންކަން ކުރާނެ ގޮތުގެ ވީޑިއޯ އެވެ. މަލުގެ ވީޑިއޯ ވެސް އޭނާ ބަލަ އެވެ. އޭނާގެ ވިޔަފާރީގައި މި ތައްޔާރުކުރާ މަލަކީ ވެސް ޓިކްޓޮކުން މީގެ އަހަރުތަކެއް ކުރިން އޭނާއަށް ފެނުނު ވީޑިއޯއަކުން އުފަންވި ހިޔާލެކެވެ. އެ ވީޑިއޯ ބަލައިގެން މާ އުނދަގުލެއް ނެތި އޭނާ މަލެއް ތައްޔާރުކޮށްލި އެވެ.
އޭނާ ތައްޔާރުކުރި ފުރަތަމަ މަލަކީ އެއީ އޭނާ ލޯބިވާ ފަރާތަށް ހާއްސަވި މަލެކެވެ. ފިރިމީހާ މާ ދެއްކުމުން ދިނީ ވިޔަފާރީގެ ހިޔާލެކެވެ. މީގެ ދޮޅު އަހަރު ކުރިން މި ގޮތަށް ތައްޔާރުކުރާ މާމަލުން މީހުނަށް ބުކޭ ހެދުމުގެ ވިޔަފާރީގެ ހިޔާލު ދިނީ ފިރިމީހާ އެވެ. އޭރުން ފެށިގެން އޭނާ މީހުނަށް މި ފޯރުކޮށްދޭ ހިދުމަތުގައި ފިރިމީހާ  ވަރަށް ބޮޑަށް އެހީތެރިވެ ދެ އެވެ.
"މަންމަ އާއި ތުއްތަ އަދި ދޮންތަ ވަރަށް އެހީވޭ މި ކަމުގައި. އަދި ހަސްބެންޑް އެންމެ ބޮޑަށް ވަނީ. ހަސްބެންޑް ދިން ހިޔާލެއް. ބިޒްނަސް އައިޑިއާއަކީ ވެސް. ދެން ފްލަވާ ހަދަން ވެސް، ޕެޓަލްސް ހަދަން އިންނަ އިރު ވެސް އެހީވާން އައިސް ކައިރީގައި އިންނާނެ،" ނަޒީހާ ބުންޏެވެ.
ކުރާ މަސައްކަތަށް އަގެއް ނެގި ނަމަވެސް ނަޒީހާ މިކަން ދެކެނީ ވިޔަފާރިއަކަށް ވުރެ ނޫނީ މަސައްކަތަކަށް ވުރެ ބޮޑަށް އޭނާ ކުރާ ހިތްވާ ކަމެއް ގޮތަށެވެ. ކަސްޓަމަރުން އެކި މުނާސަބަތާ ގުޅިގެން ހަދަން އެދޭ ބުކާ ތައްޔާރުކުރާނެ ގޮތުގެ ފަރުމާއެއް ވިސްނައި، ކުލަތައް އިހުތިޔާރުކުރުމާއި މަލުގެ ބައްޓަން ބައިންދާނެ ގޮތާ މެދު ކުރަން ޖެހޭ ފިކުރުތަކެވެ. މި ކަމަކީ އޭނާއަށް ބޮޑު އުފަލެކެވެ. ޕެޝަނެކެވެ.
"ކޮންމެ ދުވަހަކު ވެސް މިހާރު މަދުވެގެން ތިން ހަތަރު އޯޑަރު ލިބޭނެ. ބައެއް ދުވަސް ދުވަހު ދިހައަކަށް ވުރެ ވެސް ގިނައިން ލިބޭ. ލޯބިވެރިންގެ ދުވަސް، ޓީޗަރުންގެ ދުވަސް، މަންމައިންގެ ދުވަސް ކަހަލަ މުނާސަބަތުތަކާ ގުޅިގެން ވަރަށް ގިނަ އޯޑަރު ލިބޭ. އެކަހަލަ ދުވަސްތަކާ ގާތްވާ ވަރަކަށް ދުވާލަކު 30އަށް ވުރެ ގިނައިން ވެސް ލިބިދާނެ،" ނަޒީހާ ބުންޏެވެ.
ލިބޭ ކޮންމެ އޯޑަރެއް ވެސް ނަޒީހާ ދެކެނީ ކިޔައިދެވޭ ވާހަކައެއް ގޮތަށެވެ. ކޮންމެ ވަކި އޯޑަރެއް އެއީ އޭނާއަށް ވަކި ވާހަކައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ