ޗައިނީސް ޓައިޕޭ ބަލިކޮށް ޒުވާން ނެޓްބޯޅަ ޓީމު އޭޝިއާ މުބާރާތުގެ ފައިނަލަށް ޗައިނީސް ޓައިޕޭ ބަލިކޮށް ޒުވާން ނެޓްބޯޅަ ޓީމު އޭޝިއާ މުބާރާތުގެ ފައިނަލަށް

ދެކުނު ކޮރެއާގައި މިހާރު ކުރިއަށްދާ އޭޝިއާގެ ޔޫތު ނެޓްބޯޅަ މުބާރާތުގެ، ސެމީ ފައިނަލުގައި ޗައިނީސް ޓައިޕޭ ބަލިކުރުމަށް ފަހު، ރާއްޖޭގެ ޓީމުން ފައިނަލަށް ދަތުރުކޮށްފި އެވެ.
އެކާވީސް އަހަރުން ދަށުގެ މި މުބާރާތުގައި ރާއްޖެ ވާދަކުރަނީ "ޕްލޭޓް ކެޓަގަރީގަ" އެވެ. އެ ކެޓަގަރީގެ ލީގު ބުރު ނިމުނުއިރު، ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެ، ރާއްޖޭން ސެމީ ފައިނަލަށް ދަތުރުކުރީ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. އަދި، ސެމީގައި ކުޅުނީ، ތިން ވަނައިގެ ގޮތުގައި ނިންމި، ޗައިނީސް ޓައިޕޭއާ އެވެ.
ލީގު ބުރުގެ ފުރަތަމަ މެޗުގައި، ރާއްޖޭން ފުރަތަމަ މެޗުގައި، ޗައިނީސް ޓައިޕޭއާ ވާދަކޮށް މޮޅުވީ، 51-26 އިންނެވެ. މިއަދު ކުޅުނު ސެމީ ފައިނަލް މެޗުގައި، ރާއްޖޭން ކުރިހޯދީ 61-39 އިންނެވެ.
މާދަމާގެ ފައިނަލުގައި، ރާއްޖޭން ކުޅެން ޖެހޭނީ، ޕާކިސްތާންއާ އެވެ. ސެމީ ފައިނަލުގައި ޕާކިސްތާނުން ވަނީ، 64-39 އިން ޖަޕާން ބަލިކޮށްފަ އެވެ.
ލީގު ބުރުގެ ދެ ވަނަ މެޗުގައި، ރާއްޖޭން އޭޝިއާގެ ކުޅިވަރުގައި ވަރުގަދަ ނަމެއް ކަމަށްވާ ޖަޕާނާ ދެކޮޅަށް ނުކުމެ ރާއްޖޭގެ ޓީމުން ކާމިޔާބު ހޯދީ، 59-32 އިންނެވެ. ތިން ވަނަ މެޗުގައި، ސައުދީ އަރަބިއްޔާއާ ވާދަކޮށް، ވަރުގަދަ ކުޅުމެއް ދައްކައި، ފަރަގު ބޮޑު ނަތީޖާ އަކުން މޮޅުވި އެވެ. އެ ގޮތުން، ސައުދީ އަރަބިއްޔާ އަތުން މޮޅުވީ، 73-20 އިންނެވެ. އަދި، ހަތަރު ވަނަ މެޗުގައި، 129-03 ގެ ފަރަގު ބޮޑު ނަތީޖާ އަކުން ދެކުނު ކޮރެއާ ބަލިކުރި ނަމަވެސް، ލީގު ބުރުގެ ފަހު މެޗުން، ޕާކިސްތާން އަތުން ބަލިވީ، 49-39 އިންނެވެ.
ގްރޫޕް ސްޓޭޖު ނިންމިއިރު، ރޭންކިން އަށް ބަލާއިރު، ޕާކިސްތާނަށް 10 ޕޮއިންޓް ލިބުނުއިރު، ރާއްޖެ އަށް 8 ޕޮއިންޓް، ޗައިނީސް ޓައިޕޭ އަށް ހަ ޕޮއިންޓް، ޖަޕާނަށް ހަތަރު ޕޮއިންޓް، ސައުދީ އަރަބިއްޔާ އަށް ދެ ޕޮއިންޓް އަދި ދެކުނު ކޮރެއާ އަށް ޕޮއިންޓެއް ނުލިބެ އެވެ.
މި މުބާރާތުގައި ރާއްޖޭން ވާދަކުރަމުން އަންނަނީ، ތަޖުރިބާކާރު ކޯޗު، ނީޝާ ހަލީމްގެ އިތުރުން، ގައުމީ އަންހެން ޓީމުގައި ހިމެނޭ ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ކޯޗިން ޓީމެއްގެ އިރުޝާދުގެ ދަށުންނެވެ. އަނެއްކޮޅުން، ޒުވާން ނެޓްބޯޅަ ޓީމުގައި ފަސް ކުޅުންތެރިއަކު، ފިޔަވައި ދެން ތިބީ ބައިނަލްއަގްވާމީ މެޗުތަކަށް މުޅިން އަލަށް ނުކުތް ކުޅުންތެރިންނެވެ.
އޭޝިއާ ޔޫތު ނެޓްބޯޅަ މުބާރާތުގެ މަތީ ރޭންކްގެ ޓީމުތައް ހިމެނޭ، "ކަޕް ކެޓަގަރީ"ގެ އެއް ވަނަ ލީގު ބުރު ނިމުނުއިރު ހޯދީ ސިންގަޕޫރުންނެވެ. އެ ޓީމަށް އަށް ޕޮއިންޓް ލިބުނުއިރު، ދެ ވަނަ ހޯދި މެލޭޝިއާ އަށް ހަ ޕޮއިންޓް، ތިން ވަނަ ހޯދި ސްރީ ލަންކާ އަށް ހަތަރު ޕޮއިންޓް، ހަތަރެއްގައި ނިންމި ހޮންގް ކޮންގް އަށް ދެ ޕޮއިންޓް އަދި ފުލަށް ދިޔަ އިންޑިއާ އަށް ޕޮއިންޓެއް ނުލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ