ޑިންގީއަކުން ފޭބީ 72 ދަޅު ބަނގުރަލާއެކު، ފުލުހުން ފެނި ފިލަން އުޅެނިކޮށް ބަންދަށް
ބަނގުރާ ދަޅުތަކެއް ފޮށިގަނޑަކަށް އަޅައިގެން އުޅުނު ބިދޭސީންތަކެއް ބަލައިފާސްކޮށް، ރޭ ހުޅުމާލޭއިން ފުލުހުން ހައްޔަރުކޮށްފިއެވެ. މީޑިއާތަކާ ހިއްސާކުރި މައލޫމާތެއްގައި ފުލުހުން ބުނީ އެ މީހުންނަކީ، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ރޭ ޕެޓުރޯލު ކުރަމުން ދަނިކޮށް، ރީތިގަސް މަގު ބުރިޖު ދަށުން ޑިންގީއަކުން ފޭބި ދެ މީހުން ކަމަށެވެ. މި މައްސަލާގައި ހައްޔަރުކުރީ ނޭޕާލަށް ނިސްބަތް 34 އަހަރުގެ ޓަކް ބަހާދުރު ރިލަމީއާއި ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ 34 އަހަރުގެ ބަހާރު އުދީނެވެ. އެ މީހުން ފޮށިގަނޑެއް ހިފައިގެން ޑިންގީން ފޭބި ވަގުތު ފުލުހުން ފެނުމުން އޭގެތެރެއިން އެކަކު ފިލަން މަސައްކަތްކުރި ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. އޭގެއިތުރުން، މި ދެ މީހުން ހައްޔަރުކޮށް، އެ މީހުން ގެންގުޅުނު ފޮށިގަނޑު ބަލައިފާސްކުރިއިރު 72 ދަޅު ބަނގުރާ ފުލުހުން ވަނީ ފެނިފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މީގެ ދެ ދުވަސް ކުރިން ވެސް ވަނީ، ބަނގުރާކަމަށް ބެލެވޭ ދިޔާ އެއްޗެއް، ފެންފުޅިތަކަކަށް އަޅައި، ފޮށިތަަކަކަށް އަރުވައިގެން ދަނިކޮށް ހުޅުމާލެއިން ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައެވެ. ބަލައިފާސްކުރުމުގެ ތެރޭ ބަނގުރާކަމަށް ބެލެވޭ އެއްޗެެއް ހުރި 500 އެމްއެލްގެ ގިނަ އަދަދެއްގެ ބޮނަކުއާ ފުޅި ފެނިފައިވާއިރު، އެ ބިދޭސީ މީހާ ދަތުރުކުރި ވޭނުން ބަނގުރާ ކަމަށް ބެލެވޭ 500 އެމްއެލްގެ 75 ފުޅި ވަނީ ފެނިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ