ރައްޔިތުންގެ އިތުބާރަށް ހިޔާނާތްތެރިވުމުން ދެކުނު ކޮރެއާގެ ރައީސް ޔޫން މަގާމުން ވަކިކޮށްފި

ދެކުނު ކޮރެއާގެ ރައީސްގެ މަގާމުގައި ހުންނެވި ޔޫން ސުކް ޔޯލް އެ ގައުމުގެ ގާނޫނުއަސާސީގެ ބާރު ކަނޑުވައިލާފައިވާތީ އޭނާގެ މައްޗަށް ނެގި އިތުބާރު ނެތް ކަމުގެ ވޯޓު ދަމަހައްޓައި އޭނާ އެ މަގާމުން ވަކިކުރުމަށް ކޮންސްޓިޓިއުޝަނަލް ކޯޓުން ނިންމައިފި އެވެ. މިއަދު ކޯޓުން ނިންމި ނިންމުމަކީ މިދިޔަ ޑިސެމްބަރު މަހު ރައްޔިތުންގެ މަޖިލީހުން ޔޫން އަޒުލު ކުރުމަށް ނިންމި ނިންމުމަށް ރަސްމީކޮށް ސިއްކަ ޖެހުމެވެ.އޭނާ މަގާމުން ދުރުކުރަން ނިންމި ނިންމުން ވަގުތުން އަމަލުކުރަން ޖެހެ އެވެ. އަދި އޭގެ މާނައަކީ މިހާރު އޭނާ ހުންނެވި ރިޔާސީ ގެކޮޅުން ވަގުތުން ނުކުމެވަޑައިގަންނަވަން ޖެހެމެވެ. އަދި އޭނާގެ ބަދަލުގައި ރައީސަކު ހޮވުމަށް އިންތިހާބެއް ބާއްވަން މަގުފަހިވާނެ އެވެ.ބޭރުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ހުކުމް ކުރި ކޯޓުގެ އެކްޓިން ޗީފް މޫން ހިޔުންގް ބޭ ވިދާޅުވިގޮތުގައި އަށް ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ވަނީ ޔޫން ސުލް ޔޯލްގެ މައްޗަށް ކުރި ދައުވާ ސާބިތުވާކަމަށް ނިންމާފައެވެ.އެގޮތަށް ނިންމީ މާޝަލް ލޯ އިއުލާނުކުރީ ގާނޫނު އަސާސީއާއި އެހެނިހެން ގާނޫނުތަކާ ޚިލާފަށް ކަމަށް ފެންނާތީ ކަމަށް ފަޑިޔާރުން އިއްތިފާގްވެފައިވެ އެވެ. އެ ހުކުމަކީ އެ ގައުމުގައި މަސްތަކެއް ވަންދެން ހިނގަމުން އަންނަ ސިޔާސީ ހަލަބޮލިކަމުގެ ނިމުމެކެވެ.އަސްކަރީ ގާނޫނު އިއުލާނުކުރެއްވުމުގެ އިތުރުން، ގާނޫނު ހެދުމުގެ ބާރުގެ މަސައްކަތަށް ހުރަސްއެޅުމަށް ސިފައިންނާއި ފުލުހުން ބޭނުންކޮށްފައި ކަމަށް ވެސް އެ ހުކުމްގައި ފާހަގަކޮށްފައިވެއެވެ."ޔޫން ވެލެއްވީ ރައްޔިތުންގެ އިތުބާރަށް ބޮޑު ހިޔާނާތެއް. އަސްކަރީ ގާނޫނު އިއުލާނު ކުރެއްވުމުން ސިޔާސީ ހަލަބޮލިކަން އުފެދި، މުޖުތަމައުގެ ހުރިހާ ދާއިރާއަށް އޭގެ އަސަރުކުރި." މޫން ވިދާޅުވި އެވެ."ރައްޔިތުންގެ އިތުބާރަށް ވަރަށް ބޮޑު ހިޔާނާތްތެރިވުމެއް" ކަމަށް ކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވި އިސް ފަނޑިޔާރު ވިދާޅުވި އެވެ. ރައީސް ކަމުގެ މަގާމުން ޔޫން ދުރު ކުރުމަށް ދުސްތޫރީ ކޯޓުން ޙުކުމް ކުރުމާ އެކު، އޭނާއާ ދެކޮޅު ފަރާތްތަކުން ދަނީ އުފާ ފާޅު ކުރަމުންނެވެ. ނަމަވެސް، އޭނާއަށް ތާއީދު ކުރާ އެތަކެއް ހާސް ބަޔަކު ވެސް ވަނީ ރިޔާސީ ގަނޑުވަރު ކައިރިއަށް ޖަމާވެ، އޭނާއަށް ތާއީދު އޮތް ކަން ހާމަ ކޮށްފަ އެވެ. އަދި، ބައެއް މީހުން ވަނީ ކޯޓުގެ ހުކުމާ މެދު ހިތްހަމަނުޖެހުން ފާޅު ކުރުމުގެ ގޮތުން ހަމަނުޖެހުން ހިންގާފަ އެވެ.އެ ގައުމުގެ ގާނޫނުއަސާސީ ބުނާ ގޮތުން ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި އަވަސް އިންތިހާބެއް ބާއްވައި ރައީސަކު އިންތިހާބުކުރަން ޖެހެ އެވެ. އާ ރައީސަކު ހުވާ ކުރަން ދެން އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވާނީ ބޮޑުވަޒީރު ހަން ޑަކް-ސޫ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ