ޔުނައިޓެޑް ނެޝަންސް ނުވަތަ އެކުވެރި ދައުލަތްތައް (އދ.)ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަނުގެ ނައިބު ރައީސުންގެ ގޮތުގައި އިންތިހާބުކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެ އެވެ.
ވީކިހިނެއް؟ - އދ. ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަނަށް މަގާމުތަކުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ މިއަދެވެ.
އެ ގޮތުން އެ މަޖިލީހުގެ ނައިބު ރައީސުންގެ ގޮތުގައި ރާއްޖެ ހިމެނޭހެން 17 ގައުމެއް އިންތިހާބުކުރި އެވެ. އޭގެ ތެރޭގައި ދެން ހިމެނޭ ގައުމުތަކަކީ:
އެންޑޯރާ، މޮންޓްނީގްރޯ
އާޖެންޓީނާ، ސެއިންޓް ކިޓްސް، ވެނެޒުއުލާ
ބަންގްލަދޭޝް، ސައުދީ އަރަބިއްޔާ، ޓީމޯ ލެސްޓް
ކޭޕް ވާޑް، ޑީއާރް ކޮންގޯ، ކެންޔާ، ލުބުނާން، ލެސޯތޯ، ސެނެގަލް، ޓިއުނީޝިއާ
މީގެ އިތުރުން އދ.ގެ ސަލާމަތީ މަޖިލީހުގައި ހިމެނޭ ދާއިމީ ފަސް ގައުމު ވެސް ނައިބު ރައީސުންގެ ގޮތުގައި ހިމެނޭނެ އެވެ. އެއީ ޗައިނާ، ފްރާންސް، ރަޝިއާ، އިނގިރޭސިވިލާތް، އަދި އެމެރިކާ އެވެ.
ބުނީ ކީކޭ؟ - އާންމު މަޖިލީހުގެ ނައިބު ރައީސުންގެ ތެރޭގައި ރާއްޖެ ހިމެނުމުން ރައީސް ކުރެއްވި ޕޯސްޓްގައި ވިދާޅުވީ އެހެން ބައިވެރިންނާ އެކު އާންމު މަޖިލީހުގެ 80 ވަނަ ސެޝަނަކީ ކާމިޔާބު ސެޝަނެއް ގޮތަށް ކަށަވަރު ކުރުމަށް ގާތުން މަސައްކަތް ކުރާނެ ކަމަށެވެ.
"އދ.ގެ މެމްބަރަކަށް 60 އަހަރު ފުރުން ފާހަގަކުރާ އިރު، މަލްޓިލޭޓަރަލް ސިސްޓަމް ހަރުދަނާ ކުރުމަށް އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަމުން މިގެންދަނީ،" ރައީސް ލިޔުއްވާފައިވެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ރާއްޖޭން ވަނީ އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކޮށްފަ އެވެ. އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ މަގާމު ފުރުއްވީ، އޭރު ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ޝާހިދަކީ މި ވަގުތު އިދިކޮޅު އެމްޑީޕީގެ ރައީސެވެ.
އދ.ގެ އާންމު މަޖިލީހުގެ ނައިބު ރައީސަކަށް ރާއްޖެ ހޮވިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ